އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓަށް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެންބަރުން ތައުރީފު ކުރަމުން ގެންދަނިކޮށް، އެ ޕާޓީއަށް ނިސްބަތްވާ މެންބަރަކު ފާޑު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި އިއްޔެ އާއި މިއަދުވެސް ވާހަކަ ދެއްކެވި މަޖިލިސް ކޮންޓްރޯލްކުރާ އެމްޑީޕީގެ މެންބަރުން މައިގަނޑު ގޮތެއްގައި ވަނީ އެ ބަޖެޓަކީ ކޮވިޑް-19 އިގެ ދަތި ހާލަތުގައި ސަރުކާރުން ހުށަހަޅާފައިވާ އުއްމީދީ ބަޖެޓެއްގެ ގޮތުގައި ސިފަކޮށްފައި އެވެ.
ނަމަވެސް، މިއަދު ކުރިއަށްދާ ބަހުސްގައި އުނގޫފާރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވަހީދު ވަނީ ބަޖެޓަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ބަޖެޓް ބަހުސްގައި މިހާތަނަށް އައި ތައުރީފުތަކަށް އިޝާރާތް ކުރައްވަމުން ވަހީދު ވިދާޅުވީ، މަޖިލީހަށް ހުށަހެޅިފައިވާ ބަޖެޓަކީ ސަނާ ކިޔާ ވަރުގެ ބަޖެޓެއް ނޫން ކަމަށާއި، ކަން އޮތް ގޮތުގެ ހަގީގަތް ރައްޔިތުންނަށް ސާފު ކޮށްދިނުމަކީ މެންބަރުންގެ ޒިންމާއެއް ކަމަށެވެ.
"ދައުލަތުގެ ބަޖެޓަކީ ކެމްޕޭން ބަޖެޓެއް ނޫން. މިއީ ރައްޔިތުންގެ ޓެކްސް ފައިދާ ހަރަދު ކުރާނެ ގޮތް،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.
އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.
ޑެފިސިޓަށް އިޝާރާތް ކުރައްވައި، ވަހީދު ވިދާޅުވީ ކޮވިޑް-19 އާއެކު އިގްތިސޯދު ހީނަރުވެ އާމްދަނީ ދަށްވެފައިވާ ދަނޑިވަޅެއްގައި ދައުލަތުގެ ދަރަނި އިތުރަށް ބޮޑުވެގެންދާ ބަޖެޓެއް ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށެވެ.
މީގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމްޑީޕީގެ ލާމަރުކަޒު ކުރުން ފަދަ ސިޔާސަތުތައް ވެސް މިބަޖެޓުން ފެންނަން ނެތް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"ރައީސްގެ ސިޔާސަތަކަށް މި ނުފެތޭ. މީގަ އޮތީ ހަމަ ހިޔާލީ ފޮލައެއް. ރައްޔިތުން ތިބީ ނުހަނު ނިކަމެތި ހާލަތުގައި. ރައްޔިތުން ވޯޓް ދެނީ އެ ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ރަނގަޅު ކުރަން." ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންނަށް މިހާރު ކުރިމަތިވެފައިވާ ދަތި ހާލަތުން އަރައިގަތުމަށް އިސްކަން ނުދީ، އިތުރަށް ލޯނު ނަގައިގެން މަޝްރޫއުތައް ކުރިއަސް ގެންދަން ހިމަނާފައިވާތީ އެކަމަށްވެސް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.