ފިނިޕޭޖް

"ބަޖްރަންގީ ބައިޖާން"ގެ ކުޑަކުއްޖާގެ ފަހުގެ ފޮޓޯ

ސަލްމާން ޚާންގެ "ބަޖްރަންގީ ބައިޖާން" ގައި މަންމަނު ކުޑަކުއްޖެއްގެ ރޯލު އަދާކުރި ހަރްޝާލީ މަލްހޯތުރާގެ ފަހުގެ ފޮޓޯތައް ދުށިން ހެއްޔެވެ؟ މީގެ ފަސް އަހަރު ކުރިން އޭނާ އެ ފިލްމު ކުޅުނުއިރު ހުރީ ލޯބި ލޯބި ކުޑަ ކުޑަ އަންހެންކުއްޖެއްގެ ގޮތުގަ އެވެ. ނަމަވެސް މިހާރުގެ ފޮޓޯތަކުން ފެންނަނީ ޒުވާން އުމުރަށް އަޅާފައިވާ ހަރްޝާލީ އެކެވެ. އެހެން ގޮތަކަށް ބުނާނަމަ މުންނީ ބޮޑުވެފައި ހުއްޓަ އެވެ.

ޑައިރެކްޓަރު ކަބީރް ޚާން 2015 ގައި އުފެއްދި "ބަޖްރަންގީ ބައިޖާން" ކުޅުނުއިރު ހަރްޝާލީއަށް ހަތް އަހަރެވެ. އޭނާ އުފަންވެފައިވަނީ 2008 ގައެވެ. މިހާރު 12 އަހަރު ފުރިފައިވާ ހަރްޝާލީ އާއި އޭރުގެ ހަރްޝާލީގެ ތަފާތު ކަމުން އެއީ އޭނާކަން ހަމައެކަނި ފޮޓޯތަކުން ވަކިވާ ވަރެއް ވެސް ނޫނެވެ. އެހާވެސް ބޮޑު ބަދަލެއް ހަރްޝާލީ އަށް އައިސްފައި ވެއެވެ.
"ބަޖްރަންގީ ބައިޖާން" ރިލީޒްކުރި ދުވަސްވަރު ހަރްޝާލީ އަކީ ހިންދީ ފިލްމު ބަލާ ހަމަ ކޮންމެ މީހެއްގެ ހިތުން ވެސް ޚާއްސަ މަގާމެއް ދެވުނު ކުއްޖެކެވެ. ވާހަކަ ނުދެއްކޭ މަންމަނު ކުއްޖެއްގެ ރޯލު އޭނާ އެ ފިލްމުގައި އަދާކޮށްފައިވާލެއް އެހާވެސް މޮޅެވެ. ފިލްމު ރިލީޒްވިތާ ފަސް އަހަރުވީއިރުވެސް މުންނީގެ ނަމުން މީހުން ހަރްޝާލީ އަށް ގޮވަނީ އެ ރޯލު މަގްބޫލުވީ ވަރުންނެވެ.

ކުޑަކުޑަ ހަރްޝާލީގެ މަގްބޫލުކަން އިތުރުވީލެއް ބޮޑު ކަމުން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓް ފޮލޯކުރާ އޭނާ ފޭނުންގެ އަދަދު އެތައް މިލިއަނަކަށް އަރައިގެން ދިޔަ އެވެ. އިންޑިޔާގައި ފާހަގަކުރާ ސަގާފީ ދުވަހެއް ކަމަށްވާ ދިވާލީގެ މުނާސަބަތުގައި ހަރްޝާލީ އޭނާގެ އަމިއްލަ އިންސްޓަގްރާމް އެކައުންޓުގައި ޝެއާކުރި ބައެއް ފޮޓޯތައް ބަލާފައި "މުންނީ ބޮޑުވެއްޖޭ" ބުނެ ގިނަ ބަޔަކު ކޮމެންޓްކޮށްފައި ވަނީ ހަގީގަތުގައި ވެސް ކުރީގެ ހަރްޝާލީ އާއި މިހާރުގެ ހަރްޝާލީ ތަފާތު ކަމުންނެވެ.

ކާސްޓިން ޑައިރެކްޓަރު މުކޭޝް ޗަބްރާ ވަރަށް ކުރިން ދިން އިންޓަވިއު އެއްގައި ބުނެފައިވަނީ "ބަޖްރަންގީ ބައިޖާން"ގެ މުންނީގެ ރޯލަށް ހަރްޝާލީ ހޮވީ 8000 ކުދިންގެ އޮޑިޝަން ހަދައިގެން ކަމަށެވެ. އޭނާ ބުނި ގޮތުގައި ތިން ކުއްޖަކު ޝޯޓްލިސްޓު ކުރި އެވެ. އެއަށްފަހު އެ ތިން ކުދިންނަށް 7-10 ދުވަހަށް ވޯކްޝޮޕެއް ބާއްވައި އެ ތިން ކުދިންގެ ތެރެއިން އެންމެ ރަނގަޅީ ހަރްޝާލީ ކަން ފާހަގަކުރެވިގެން އޭނާ ހޮވީ އެވެ.

މުކޭޝްގެ ހޮވުން ވަރަށް ރަނގަޅުކަން ހަރްޝާލީ ވަނީ ސާބިތުކޮށްދީފަ އެވެ. އެންމެ މޮޅު ޗައިލްޑް އާޓިސްޓްގެ ފިލްމުފެއާ އެވޯޑާއި އެނޫން ވެސް އެ ފިލްމު ރިލީޒްކުރިއަހަރު ދިން ވަރަށް ގިނަ އެވޯޑުތައް ހަރްޝާލީ އަށް ވަނީ ލިބިފަ އެވެ.

ބައެއް ފިލްމުތަކާއި ޓީވީ ޝޯތަކުގައި ވެސް ހަރްޝާލީ ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި އަރްޖުން ރާމްޕާލް އާއެކު ކުޅުނު "ނާސްޓިކް" ހިމެނެ އެވެ. އަދި ޓީވީ ޝޯތަކުގެ ތެރެއިން "ގަބޫލު ހޭ" އާއި "ލޯޓު އާއޯ ޓްރީޝާ"ގައި ހަރްޝާލީ ބައިވެރިވި އެވެ.