އޮފްބީޓް

ރާނީ އަވަހާރަވެއްޖެ ކަމަށް ބުނެ ފަހުން މައާފަށް އެދިއްޖެ

ފްރާންސްގެ ރޭޑިއޯ ސްޓޭޝަނެއް ކަމަށްވާ އެފްއާރްއައި އިން މިދިޔަ ހޯމަ ދުވަހު ވަނީ އިނގިރޭސި ރާނީ އާއި އެނޫން ވެސް ދުނިޔޭގެ ވަރަށް މަޝްހޫރު ޝަހްސިއްޔަތުތަކެއް އަވަހާރަވެއްޖެ ކަމަށް ބުނެ އެ ބޭފުޅުންގެ އޮބިޗުރީޒް ޝާއިއު ކޮށްފަ އެވެ.

ދިރިތިއްބާ މަރުވެއްޖެކަމަށް އޮބިޗުރީޒް ޝާއިއުކުރި ޝަޚްސިއްޔަތުތަކުގެ ތެރޭގައި އިނގިރޭސި ރާނީ ކުއީން އެލިޒަބަތުގެ އިތުރުން ފުޓޫބޯޅަ ލެޖެންޑް ޕެލޭ އާއި އެކްޓަރުން ކަމަށްވާ ކްލައިންޓް އީސްޓްވުޑް އާއި ބްރިގިޓް ބާޑޮޓް ހިމެނެ އެވެ.

މި އޮބެޗުރީޒް ރޭޑިއޯ ޗެނަލްގެ ވެބް ސައިޓްގައި ޝާއިއު ކުރިތާ މާ ގިނައިރެއް ނުވެ މި ހެދުނީ ބޮޑު ގޯހެއްކަން އެނގިގެން އަވަހަށް އެ އޮބިޗުރީޒްތައް ނަގައި މައާފަށް އެދުނީ އެވެ. އެ ރޭޑިއޯ ޗެނަލުން މައާފަށް އެދެމުން ބުނީ އެކަން އެގޮތަށް ދިމާވީ "ޓެކްނިކަލް މައްސަލަ" އަކާ ހެދި ކަމަށެވެ.

ރޭޑިއޯ ޗެނަލުން ބުނީ އެއީ އެމީހުންގެ ވެބް ސައިޓަށް ބަގެއް އަރައިގެން ދިމާވި ޓެކްނިކަލް މައްސަލައެއް ކަމަށެވެ.
މަޝްހޫރު އަދި ދުނިޔޭގެ ވަރުގަދަ ޝަޙްސިއްޔަތުތަކުގެ އޮބިޗުރީޒް ދުރާލާ ވަރަށް ގިނަ މީޑިއާ ހައުސްތަކުންނާއި ބްރޯޑްކާސްޓަރުން ތައްޔާޜުކޮށްފައި ހުރެ އެވެ. އެމީހުން މަރުވިކަން އިއުލާން ކުރުމާއެކު އެންމެ އަވަހަށް އެ ޝާއިއުކުރުމުގެ ބޭނުމުގަ އެވެ.

އާރްއެފްއައި އަށް މިހެން ދިމާވީ އެމީހުންގެ ކޮންޓެންޓް މެނޭޖްމަންޓް ސިސްޓަމް ބަދަލުކުރުމުގެ މަސައްކަތްތަކެއް ކުރަމުންދަނިކޮށް ޓެކްނިކަލް އެރާ އެއް އަރައިގެންނެވެ. އެގޮތުން މި އޮބިޗުރީޒްގެ އިތުރުން ޑްރާފްޓް ކޮށްފައިވާ 100 އަށް ވުރެ ގިނަ އާޓިކަލް ވެސް އޮޅިގެން ގޫގުލް އާއި ޔާހޫ އަށް ފޮނުވިފައި ވެއެވެ.