އޮފްބީޓް

145 ގަޑިއިރު ކަނޑުއަޑީގައި އޮވެ ރެކޯޑް ހަދައިފި

މިސްރުގެ ސްކޫބާ ޑައިވަރެއް ކަމަށްވާ ސައްދާމް އަލް-ކިލާނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފި އެވެ. އޭނާ ރެކޯޑް ހެދީ ހަ ދުވަސް ވަންދެން ކަނޑުއަޑީގައި އޮވެގެންނެވެ. އޭނާ ކަނޑުއަޑީގައި ހޭދަކުރި ވަގުތުތަކުގެ ވީޑިއޯ ޑޮކިއުމެންޓޭޝަން މިހާރު ވަނީ ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސް އަށް ފޮނުވާފަ އެވެ.

އެންމެ ގިނަ އިރުވަންދެން ކުރި ސްކޫބާ ޑައިވްގެ ރެކޯޑް މުގުރާލައިގެންނެވެ. ނަމަވެސް މި ރެކޯޑް އަދި ގާއިމް ކުރެވިއްޖެކަން ގިނިސް ބުކްސް އޮފް ވޯލްޑް ރެކޯޑްސްގެ ޓީމުން އަދި ޔަގީންކޮށެއް ނުދެ އެވެ.

މިސުރުގެ ނޫސްތަކުން ބުނި ގޮތުގައި ސައްދާމް، 29، ދަހަބް ކޯސްޓުގެ ކަނޑަށް ފުންމާލީ ނޮވެމްބަރު ފަސް ވަނަ ދުވަހު އެވެ. އަދި އެ ފުންމާލި ގޮތަށް 145 ގަޑިއިރާ 30 މިނިޓް އޭނާ ކަނޑުއަޑީގައި އޮތެވެ. މިއީ 2017 ގައި އޭނާ ހެދި 121 ގަޑިއިރުގެ ރެކޯޑް ވެސް މުގުރާލުމަށް ފަހު އޭނާ ހަދާފައިވާ ރެކޯޑެކެވެ.

މިހާރު ދުނިޔޭގެ ރެކޯޑް އޮތީ ސައިޕްރައިސްގެ ކެމް ކަރަބޭ އަށެވެ. އޭނާ 2016 ގައި ރެކޯޑް ހަދާފައިވަނީ 142 ގަޑިއިރާއި 47 މިނިޓް ވަންދެން ސްކޫބާ ޑައިވް ކޮށްގެންނެވެ.

ވޯލްޑް ރެކޯޑް ހަދަން ސައްދާމް މިފަހަރު ކުރި މަސައްކަތުގައި އޭނާ އާއެކު ގިނަ އަދަދެއްގެ ސްކޫބާ ޑައިވަރުންނާއި މެޑިކަލް އެކްސްޕާޓުންގެ ޓީމެއް ބައިވެރިވެފައި ވެއެވެ.

ސައްދާމް އަސްލު ރާވައިގެން ހުރީ 150 ގަޑިއިރު ކަނޑުއަޑީގައި އޮތުމަށެވެ. ނަމަވެސް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، 145 ގަޑިއިރާއި 30 މިނިޓް ފަހުން އޭނާއަށް މައްޗަށް އަރަން މަޖްބޫރުވީ އެވެ.

ސައްދާމްގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ވެސް ނޫސްތަކުގެ ސުރުޚީ އަށް އެރި އެވެ. އެއީ މިދިޔަ ސެޕްޓެމްބަރު މަހު އޭނާގެ ލޯބިވެރިޔާ ޕިއާ ލެގޯރާ އާއެކު ކަނޑުއަޑީގައި އެންގޭޖްމެންޓް ރަސްމިއްޔާތު ބާއްވައިގެންނެވެ.