ކުޅިވަރު

ބްރެޒިލާއި އާޖެންޓީނާ ވެސް މޮޅު ވެއްޖެ

ދެކުނު އެމެރިކާ ޒޯންގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އުރުގުއޭގެ މައްޗަށް 2-0 ން މޮޅުވެ ރޭހުގައި ބްރެޒިލް ކުރިއަށް ޖެހިލައިފި އެވެ.

ކޮލިފިކޭޝަން ގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ، ސަރަހައްދުގެ އެއް ވަނައިގައި ބްރެޒިލް އޮތީ 12 ޕޮއިންޓާއެކު އެވެ. އާޖެންޓީނާ ވެސް ވަނީ ރޭ ޕެރޫ އާ ދެކޮޅަށް ކުޅުނު މެޗުން 2-0 ން މޮޅުވެފަ އެވެ. އާޖެންޓީނާ ދެ ވަނައިގައި އޮތީ 10 ޕޮއިންޓާއެކު އެވެ.

ކޮވިީޑް-19 އަށް ޕޮޒިޓިވް ވި އުރުގުއޭގެ އެންމެ މުހިންމު ފޯވަޑް ލުއިސް ސުއަރޭޒް ނުހިމަނައި ކުޅުނު މެޗުގައި ބްރެޒިލްގެ ދެ ލަނޑު ވެސް އެ ޓީމުން ކާމިޔާބު ކުރީ އާތޫރު މެލޯ އެވެ. ދެވަނަ ލަނޑު 45 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރިޗާލްސަން އެވެ.

މެޗުގެ 71 ވަނަ މިނެޓްގައި އުރުގުއޭގެ އެޑިންސަން ކަވާނީއަށް ވަނީ ސީދާ ރަތް ކާޑު ދައްކާފަ އެވެ. އޭނާއަށް ރަތް ކާޑު ދެއްކީ ރިޗާލްސަން ފައިގައި ގަސްތުގައި ދަތި އެޅުވުމުންނެވެ.

ޕެރޫ އާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި އާޖެންޓިނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކުރީ ނިކޮލަސް ގޮންޒާލޭޒް އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ލައުޓާރޯ މާޓިނޭޒް އެވެ.

ދެކުނު އެމެރިކާ ކޮލިފިކޭޝަންގައި ކޮލަމްބިއާ އަދި ޗިލީ ފަދަ ޓީމުތަކަށް ކާމިޔާބެއް ނުލިބުނެވެ. އެކްއެޑޯ ވަނީ ކޮލަމްބިއާ އަތުން 6-1 ން މޮޅު ވެގެންނެވެ. ޗިލީ ވަނީ ވެނެޒުއޭލާ އަތުން 2-1 ން ބަލި ވެފަ އެވެ.