ރެއާލް މެޑްރިޑް

ރާމޯސް އާއި ވަރާންއަށް އަނިޔާވެ ރެއާލްއަށް ހާސްކަން

އިންޓަނޭޝަނަލް ބުރޭކްގައި ރެއާލް މެޑްރިޑްގެ މައި ދެ ޑިފެންޑަރުން ކަމަށްވާ ސާޖިއޯ ރާމޯސް އާއި ރަފޭލް ވަރާން އަށް އަނިޔާވެ އެ ކުލަބަށް ހާސްކަން ކުރިމަތި ވެއްޖެ އެވެ.

ޔޫއެފާ ނޭޝަން ލީގްގައި ރޭ ޖަރުމަނާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗުގައި ސްޕެއިން އާއި ރެއާލްގެ ކެޕްޓަން ރާމޯސް އަށް އަނިޔާވެގެން ވަނީ ފުރަތަމަ ހާފުގައި ބަދަލު ކޮށްފަ އެވެ. ސްވިޑެން އާ ދެކޮޅަށް ކުޅުނު މެޗުގައި ފްރާންސްގެ ޑިފެންޑަރު ވަރާން އަށް އަނިޔާ ވެގެން ދެ ވަނަ ހާފުގައި އޭނާއަށް ކުޅުން ކުރިއަށް ނުގެންދެވުނެވެ.

ރާމޯސް ވަނީ ކުޅެން ނުކުމެ، އިޓާލީގެ ލެޖެންޑެރީ ކީޕަރު ޖިއާންލުއީޖީ ބުފޯން ހަދާފައިވާ ޔޫރަޕްގެ އެންމެ ގިނަ އިންޓަނޭޝަނަލް މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފަ އެވެ. ރޭ ކުޅުނު މެޗަކީ ގައުމީ ޓީމަށް ރާމޯސް ކުޅުނު 178 ވަނަ މެޗެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން، ސްޕެއިންގެ ކޯޗް ލުއިސް އެންރީކޭ ބުނީ، ރާމޯސްގެ އިންޖަރީއަކީ ކިހާވަރެއްގެ އިންޖަރީއެއްކަން ބުނަން އެނގޭނީ ޓެސްޓް ހެއްދުމަށް ފަހުގައި ކަމަށެވެ.

ފްރާންސްގެ ކޯޗް ޑިޑިއޭ ޑޭޝޯމްޕް ދެވަނަ ހާފަށް ނުކުތީ ވަރާންގެ ބަދަލުގައި ކާޓް ޒޫމާ ހިމަނައިގެންނެވެ. ޑެޝްމްޕް ބުނީ ވަރާން ބަދަލު ކުރީ އުނދަގޫތަކެއް އޭނާ ކުރިމަތި ވުމުންނެވެ.

މި ސީޒަންގައި ރެއާލްގެ ޑިފެންސަށް ވަނީ އުނދަގޫ މައްސަލަތައް ކުރިމަތި ވެފަ އެވެ. އަންނަ ހޮނިހިރު ދުވަހު ރެއާލް ނުކުންނާނީ ވިޔަރެއާލް އާ ދެކޮޅަށެވެ.