ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދުގެ އަމިއްލަ ވިޔަފާރިތަކުގެ ވާހަކަ ދައްކާވާކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުން ދެ ބޭފުޅުންގެ މެދުގައި ހޫނުވެއްޖެ އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން، މިހާރު ކުރިއަށްދާ ބަހުސްގައި ވާހަކަ ދައްކަވަމުން ސިޔާމް ވަނީ، ކުރީގެ ސަރުކާރުން އޭނާގެ ކުންފުންޏަކަށް ދިން ސޮވެރިން ގެރެންޓީ އާއި ހިލްޓަން ގުރޫޕާއެކު ނ. އިރުފުށި ރިސޯޓް ހިންގުމަށް ހެދި އެއްބަސްވުމާ ގުޅޭގޮތުން ބައެއް ވާހަކަތައް ދައްކަވައިފަ އެވެ.
އެ ވާހަކަތައް ދައްކަވާތީ، ރިޔާސަތުގައި އިންނެވި ނަޝީދު ވަނީ އަމިއްލަ ވިޔަފާރިތަކުގެ ވާހަކަ ނުދެއްކުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
އެއާއެކު ސިޔާމް ވަނީ ކޯފާއިސް ކުރައްވައި، ހިލްޓަން ކުންފުނި ފަދަ ބޭރު މީހުންނަށް ދިވެހި ވިޔަފާރިތައް ފޭރެން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އިންނަވައިގެން ނަޝީދު އިސްވެ ކޯޓުތައް މެދުވެރިކޮށް ހިތްވަރު ދެއްވައިކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
"މަނިކުފާނު ޖޭއެސްސީގައި އިންނަވައިގެން މަޖިލީހުގައި ކޯޓު ތި ހިންގަވަނީ. މުޅި މަޖިލިސް ހަރާބު ކުރައްވައިފި. މުޅި ގައުމު ހަރާބު ކުރައްވައިފި،" ވަރަށް ބޮޑަށް ކޯފާވެ ހުންނަވައި ސިޔާމް ވިދާޅުވި އެވެ.
ސިޔާމްގެ ވާހަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އަމިއްލަ ވިޔަފާރިތަކުގެ ވާހަކަ ދައްކަން މަޖިލީހުގެ ގަވައިދު ތަންނުދޭ ކަމަށެވެ.
އޭގެ ފަހުން ސިޔާމްގެ ވާހަކަ ކުރިއަސް ގެންދަވަން ފެއްޓެވުމާއެކު ބައެއް މެންބަރުން ވަނީ ނިޒާމީ ނުކުތާ ނަގައި ހުރަސްއަޅައިފަ އެވެ. އެއާއެކު ސިޔާމް ވަނީ އިތުރަށް މާބޮޑު އެއްޗެއް ވިދާޅުނުވެ. ވާހަކަ ކުރުކޮށްލައިފަ އެވެ.
ހިލަޓަން ގުރޫޕުގެ މައްސަލައަކީ ސިންގަޕޫރުގެ އާބިޓްރޭޝަންގައި 2013 ވަނަ އަހަރުން ފެށިގެން ހިނގަމުން އައި މައްސަލައެކެވެ.
އެ މައްސަލަ ސިންގަޕޫރުގެ އާބިޓްރޭޝަނުން ނިންމީ، ސަން ޓްރެވަލްސް އިން 2009 ވަނަ އަހަރު ހިލްޓަން އާ އެކު ހަދާފައިވާ އެއްބަސްވުން ސަން ޓްރެވަލް އިން އުވާލާފައި ވަނީ ރަނގަޅަށް ނޫން ކަމަށްވާތީ ގެއްލުމުގެ ބަދަލެއްގެ ގޮތުން 24 މިލިއަން ޑޮލަރު ނަގައި ދިނުމަށެވެ.
އޭގެ އިތުރުން، ސަން ސިޔާމް ރިޒޯޓް ޕްރައިވެޓް ލިމިޓެޑްއަށް ޗައިނާގެ އެގްޒިމް ބޭންކުން ދޫކުރި 127 މިލިއަން ޑޮލަރަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ދައުލަތުން ސޮވެރިން ގެރެންޓީ ދީގެން ދޫކުރި ލޯނެކެވެ. އެ ލޯން ޑިފޯލްޓްވެ 10 މިލިއަން ޑޮލަރު ދައްކަން ދިވެހި ސަރުކާރަށް މިދިއަ އޯގަސްޓް މަހު އެ ބެންކުން އެންގި މައްސަލަ މަޖިލީހުގެ ތެރޭގައިވެސް ހޫނުވި އެވެ.
ނަމަވެސް، އެ އަދަދު އެ ކުންފުނިން ވަނީ ފަހުން ދައްކައިފަ އެވެ.