ބޮލީވުޑް

އެކްޓަރު އިމްރާން ޚާން ފިލްމު ކުޅުން ހުއްޓާލައިފި

"ޖާނޭ ތޫ... ޔާ ޖާނެ ނާ" އިން ބޮލީވުޑަށް ތައާރަފްވީ އެކްޓަރު އިމްރާން ޚާން ފިލްމު ކުޅުން ހުއްޓާލައިފި ކަމަށް އޭނާގެ ބެސްޓް ފްރެންޑަ އަކްޝޭ އޮބްރޯއީ އާ ހަވާލާދީ އިންޑިޔާގެ ބައެއް ނޫސްތަކުން ބުނެފި އެވެ.

"ބޮލީވުޑް ފިލްމު ކުޅުނު މަގޭ ބެސްޓް ފްރެންޑް އިމްރާން އަކީ މިހާރު އެކްޓަރެއް ނޫން. ސަބަބަކީ ރަސްމީކޮށް މިހާރު އޭނާ އެކްޓްކުރުމުގެ މަސައްކަތް ހުއްޓާލާފައިވާތީ،" އަކްޝޭ ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސްކޫލް ދައުރުއްސުރެ ވެސް އެމީހުން އުޅުނި ވަރަށް އެކީގަ އެވެ. އަދި އޭރުވެސް އިމްރާން ބޮޑަށް ޝައުގުވެރިވީ ފިލްމު ޑައިރެކްޓްކުރުމަށް ކަމަށާއި އެކްޓަރަކަށް ވާ ހިތުން އަބަދުވެސް އުޅުނީ އަކްޝޭ ކަމަށެވެ.
އަކްޝޭ ބުނި ގޮތުގައި އެކްޓަރަކަށް ވުރެ އިމްރާން މޮޅުވީ ވެސް ޑައިރެކްޓްކުރުމަށާއި ފިލްމުގެ ވާހަކަތައް ލިޔުމަށެވެ.
"އިމްރާނަކީ މޮޅު ލިޔުންތެރިއެއް. އަދި އެހާމެ މޮޅު ޑައިރެކްޓަރެއް. ނަމަވެސް އަހަންނަކަށް ނޭނގެ ކޮން އިރަކުން ކަމެއް ޑައިރެކްޓަރެއްގެ ގޮތުގައި އޭނާ މަސައްކަތް ފަށާނީކީ ބުނާކަށް. ކޮންމެ އިރަކުން މަސައްކަތް ފެއްޓިޔަސް އޭނާ އުފައްދާ ފިލްމެއް ބްލޮކްބަސްޓާ އަކަށް ވާނެކަން ޔަގީން،" އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި އެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރަން އެހާ ހިތްހަމަނުޖެހޭ ކަމަށް އަބަދުވެސް އިމްރާން އޭނާ ކައިރީ ބުނެ އެވެ.

އިމްރާން ބޮލީވުޑަށް ތައާރަފްވީ "ގަޔާމަތު ސޭ ގަޔާމަތު ތަކް"ގައި ޗައިލްޑް އާޓީސްޓެއްގެ ގޮތުގަ އެވެ.
މަޝްހޫރު އެކްޓަރު އާމިރު ޚާނަށް ބޮޑުބޭބެ ކިޔާ އިމްރާންގެ ފުރަތަމަ ފިލްމަކީ ޖެނީލިއާ ޑިސޫޒާ އާއެކު ކުޅުނު "ޖާނޭ ތޫ... ޔާ ޖާނެ ނާ" އެވެ. އެ ފިލްމު ވަރަށް ކާމިޔާބެވެ. އަދި އެ ފިލްމުން އިމްރާނަށް ވަރަށް ގިނަ އެވޯޑުތައް ވެސް ލިބުނެވެ.

އޭގެ ފަހުން އިމްރާން ވަނީ "ވަންސް އަޕޯން އަ ޓައިމް އިން މުމްބައި"، "ބްރޭކް ކޭ ބާދު"، "އައި ހޭޓް ލަވް ސްޓޯރީޒް"، "ދިއްލީ ބެލީ"، "މޭރީ ބްރަދާ ކީ ދުލްހަން"، އަދި "ކިޑްނެޕް" ފަދަ ފިލްމުތައް ކުޅެފަ އެވެ.
އިމްރާން އެންމެ ފަހުން ފެނިފައިވަނީ 2015 ގައި ރިލީޒްކުރި "ކައްޓީ ބައްޓީ" އިން ކަންގަނާ ރަނާވަތު އާއެކުގަ އެވެ.

އިމްރާންގެ ފިލްމު ކެރިއަރެކޭ އެއްގޮތަށް ޒާތީ ދިރިއުޅުމުގައި ވެސް ވަނީ ވަރަށް ގިނަ މައްސަލަތައް ދިމާވެފަ އެވެ. ކުޑައިރުއްސުރެ ލޮބިވެގެން އުޅެފައި ކައިވެނިކުރި އަވަންތިކާ އާއި އިމްރާނުގެ ކައިވެނީގެ މައްސަލަތައް ޖެހި ވަރިފަށަށް އަރާފަ އެވެ.