ލައިފްސްޓައިލް

ކޮންމެ ދުވަހަކު ބިސް ކާނަމަ ހަކުރުބަލި ޖެހިދާނެ: ސައިންސްވެރިން

ހެނދުނުގެ ނާސްތާ އަށް ބިހަކީ ވަރަށް ގިނަ މީހުން އާއްމުކޮށް ބޭނުންކުރާ އެއްޗެކެވެ. ސްކްރެމްބްލްޑް އެގްސް، ފެނުކެއްކި ބިސް، ބިސްގަނޑު މިހެން ގޮސް ބިހުގެ ތަފާތު ވައްތަރުތައް އާއްމުކޮށް ހެނދުނުގެ ނާސްތާގައި ހިމަނާފައި ހުރެ އެވެ. ނަމަވެސް ފަހުގެ ހޯދުމަކަށްފަހު ސައިންސްވެރިން ބުނެފައިވަނީ މާ ގިނައިން ބިސް ކެއުމަކީ ހަކުރުބައްޔަށް މަގުފަހި ކުރުވާނެ ކަމެއް ކަމަށެވެ.

ސައިންސްވެރިންގެ މިފަހަރުގެ ހޯދުމުގެ ނަތީޖާ ދައްކާފައިވާ ގޮތުން ދުވާލަކު އެއް ބިސް ނުވަތަ އެއަށް ވުރެ ގިނައިން (ގާތްގަނޑަކަށް 50 ގްރާމް) ކާނަމަ ހަކުރުބަލީގެ ނުރައްކާ 60 ޕަސެންޓް އިތުރުވެ އެވެ. އަދި ފިރިހެނުންނަށް ވުރެ އަންހެނުންނަށް މި ނުރައްކާ އިތުރުކަން ވެސް މި ދިރާސާގައި ބުނެފައި ވެއެވެ.

ޗައިނާ މެޑިކަލް ޔުނިވަސިޓީ އާއި ގަތަރު ޔުނިވަސިޓީ ގުޅިގެން ހަދާފައިވާ މި ދިރާސާއަކީ 1991 އިން 2009 އަށް ކުރި ދިރާސާ އެކެވެ. މި ދިރާސާގައި ޗައިނާގެ ގިނަ އަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކު ބިސް ކައިފައި ހުރި ވަރާއި އެމީހުންގެ ސިއްހީ ހާލަތު ދެނެގަނެފައިވެ އެވެ.

ދިރާސާގައި ބައިވެރިކޮށްފައިވަނީ ޗައިނާގެ 8،545 މީހުންނެވެ. މި މީހުންގެ އެވްރެޖް އުމުރަކީ 50 އަހަރެވެ.

އެޕިޑީއޮމޮލޮޖިސްޓް އަދި ޕަބްލިކް ހެލްތު އެކްސްޕާޓް މިންގް ލީ ވިދާޅުވީ ހަކުރުބަލި ޖެހޭ މީހުން ގިނަވަމުން ދިއުމަކީ ވަރަށް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

ކެއުމުގެ އާދަތަކަކީ ހަކުރުބަލި ޖެހުމުގެ އަސްލަކަށް ވާ ކަމަށާއި ފާއިތުވީ އަހަރުތަކުގައި ޗައިނާ މީހުންގެ ކެއުމަށް ވެސް ވަނީ ވަރަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށް ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ. ގޮވާމާއި ތަރުކާރީ ހިމެނޭ ޓްރެޑިޝަނަލް ކެއުމުގެ ބަދަލުގައި ޗައިނާގެ ގިނަ ބަޔަކު މިހާޜު ކަނީ ޕްރޮސެސް ކޮށްފައި ހުންނަ އެއްޗެތި ކަމަށާއި މީގެ ތެރޭގައި އެކި ފާޑުގެ އެއްގަމު މަހާއި ސްނެކްސް އަދި ހަކަތަ ލިއްބައިދޭ އެއްޗެތި ހިމެނޭ ކަމަށް ވެސް ބުނެފައި ވެ އެވެ.

"ހަމައެއާއެކު ބިސް ކާ އަދަދުވެސް 1991 އާއި 2009 އާ ދެމެދު މަޑުމަޑުން މަތިވަމުން ގޮސް މިހާރު ވަނީ ވަރަށް ބޮޑުތަން މައްޗަށް ގޮސްފައި. އެ މުއްދަތުގެ ތެރޭގައި ޗައިނާ މީހުން ބިސް ކާ ވަރު ވަނީ ޑަބަލް އިތުރުވެފައި،" ބްރިޓިޝް ޖާނަލް އޮފް ނިއުޓްރިޝަންގައި ޝާއިއުކޮށްފައިވާ މި ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ބިސް ކެއުމާއި ހަކުރުބަލި ޖެހުމާ ހުރި ގުޅުންތަކާ ބެހޭ ބަހުސް ތަކަކީ ވަރަށް ގިނައިން ކުރެވެމުންދާ ބަހުސް ތަކެކެވެ. މި ދިރާސާގައި ބަލާފައިވަނީ ވަރަށް ދިގު މުއްދަތަކަށް ބިސްކެއުމުން ހަކުރުބަލީގެ ނުރައްކާ މީހާއަށް އިތުރުވާ މިންވަރެވެ. ހަކުރު އިތުރުވާ މިންވަރު ބަލާފައިވަނީ ލޭގައި ހަކުރު އެކުލެވޭ ވަރު ޓެސްޓް ކޮށްގެންނެވެ.
އަހަރެމެންގެ ހޯދުމުން ޔަގީން ކުރެވުނު ގޮތުގައި ގިނަ ދުވަސް ތަކެއް ވަންދެން ގަވާއިދުން ބިސް ކެއުމުން (35 ގްރާމް ދުވާލަކަށް) ހަކުރުބަލީގެ ނުރައްކާ ދިރާސާގައި ބައިވެރިކުރި ޗައިނާގެ މީހުންގެ 25 ޕަސެންޓަށް އިތުރުވެގެން ގޮސްފައިވާކަން،" ދިރާސާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ބިސް ކެއުން އިތުރުކުރާ ވަރަކަށް ހަކުރުބަލި ޖެހުމުގެ ނުރައްކާ ވެސް އިތުރުކަމަށް ސައިންސްވެރިން ބުނެ އެވެ. ނަމަވެސް ބިސް ކެއުމާއި ހަކުރުބަލި ޖެހުމާ އޮތް ގުޅުން ބެލުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭ ކަމަށް ސައިންސްވެރިން ވަނީ ބުނެފަ އެވެ.

ހަކުރުބަލިން ދިފާއުވުމަށް ހަމައެކަނި ރިސާޗަކުން ނުފުދޭ. އާއްމުންނަށް މި ބަލި ޖެހޭ ގޮތާއި މިކަމުން ދިފާއުވުމަށް ކެއުން ބަހައްޓަން ޖެހޭ ގޮތްތަކުގެ ހޭލުންތެރިކަން ވެސް ފޯރުކޮށްދިނުން މުހިއްމު. މި ދިރާސާއަކީ އެރޮނގުން ކުރިޔަށް އެޅި ފިޔަވަޅެއް،" ރިޕޯޓުގައި ވެއެވެ.