ހަބަރު

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމަށް މީރާގެ ގަވާއިދު އާންމުކޮށްފި

ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލު ކުރާނެ އިޖުރާއަތުތައް ބުނެދީފައިވާ، ގަވާއިދު އާންމުކޮށްފި އެވެ.

މީރާ އިން ބުނީ މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ބާރު ލިބިގެން އަދި މީރާގެ އިހްތިސާސް ހިމެނޭ ދާއިރާތަކާއި ކަންކަމުގެ ތެރެއިން، ޓެކުހާ ގުޅޭ ޖިނާއީ ކުށުގެ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި މީރާ އިން އަމަލު ކުރާނެ އުސޫލު ބަޔާންކޮށް ތައްޔާރުކޮށްފައިވާ ގަވާއިދެއް ކަމަށެވެ. އަދި މި ގަވާއިދަކީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުން މީރާ އަށް ދީފައިވާ ބާރުތަކުގެ ބޭރުން އިތުރު ބާރު ތަކެއް ލިބިދޭ ގަވާއިދެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

މީރާއަކީ، 2010 ވަނަ އަހަރު ތަސްދީގުކޮށްފައިވާ ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން ތަހުގީގު ކުރުމުގެ ބާރު ލިބިފައިވާ މިނިވަން، މުސްތަގިއްލު، މުއައްސަސާ އެކެވެ.

މި ގަވާއިދުގައި، ޓެކުހާ ގުޅޭ ކުށެއް ކޮށްފިކަން، ނުވަތަ ކުށެއް ކުރާކަމުގެ ނުވަތަ ކުށެއް ކުރަން އުޅޭކަމުގެ މައުލޫމާތު މީރާ އަށް ހުށަހެޅުމުން، އަމަލުކުރާނެ ގޮތާއި މައްސަލަ ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލުތައް ހިމަނާފައިވާނެ ކަމަށް އެ އޮތޯރިޓީން ވަނީ ބުނެފަ އެވެ. އަދި، އެ އޮތޯރިޓީން ކުރިއަށް ގެންދާ ތަހުގީގަކާ ގުޅިގެން މީހުން ހާޒިރުކުރުމާއި ސުވާލުކުރުމުގައި އަމަލުކުރާނެ އުސޫލުތައް މި ގަވާއިދުގައި ކަނޑައަޅާފައިވާނެ ކަމަށް މީރާ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން، މި ގަވާއިދުގައި މީރާ އިން ކުރިޔަށްގެންދާ ތަހުގީގަކާ ގުޅިގެން، ބަލައި ފާސްކުރުމާއި ތަކެތި ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް، އަދި މި ފަދަ ތަހުގީގަކާއި ގުޅިގެން ޕާސްޕޯޓް ހިފެހެއްޓުމާއި ބޭންކް އެކައުންޓު މޮނިޓާކުރުމާއި އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމުގައި އަމަލުކުރާނެ އުސޫލުތައް ވެސް ކަނޑައަޅާފައިވެ އެވެ.