ކުއްލިއަކަށް ކުޅުން ހުއްޓާލަން ޖެހުމުން އުނދަގޫ ކަންތައްތަކެއް އިހްސާސް ކުރަން ޖެހޭކަން ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން އިކާ ކަސިއަސް ފާހަގަ ކޮށްފި އެވެ.
ޕޯޓޯގެ ކުރީގެ ކީޕަރު ކުއްލިއަކަށް ކުޅުން ހުއްޓަލަން ޖެހުނީ، މެއި 2019 ގައި ޕޯޓޯގެ ޕްރެކްޓިހުގައި ހޭދަ ކުރަމުން ދަނިކޮށް ކުރިމަތިވި ހާޓް އެޓޭކާ ގުޅިގެންނެވެ. ހާޓް އެޓޭކާ ގުޅިގެން އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެވުނެވެ.
އެހާދިސާގެ ފަހުން އަންގި އަޅައިގެން އޭނާ ދަނޑަށް ނުކުމެފައެއް ނުވެ އެވެ. ޓީމާއެކު ފަރިތަކުރުންތައް ކުރިއަށް ނުގެންދިޔަނަމަވެސް މިދިޔަ ސީޒަނާ ހަމައަށްވެސް ކަސިއަސް ހުރީ ޕޯޓޯގެ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
ސްޕެއިންގެ "މޫވީސްޓާ" ކަސިއަސް އާ ބެހޭގޮތުން ތައްޔާރު ކުރި ޑޮކިޔުމެންޓްރީ ލޯންޗު ކުރުމަށް ބޭއްވި ހަފުލާގައި މިޑިއާ ވާހަކަ ދައްކަމުން ކަސިއަސް ބުނީ ކުޅުންތެރިޔެއްގެ ގޮތުގަައި ހުރުމަށް ފަހު އެ ވިސްނުން ބަދަލު ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށެވެ.
"ތެދަށް ބުނަންޏާ ފުޓްބޯޅަ ބަލަން އަހަންނަށް އަދިވެސް އެންޖޯއި ނުކުރެވޭ،" ސްޕެއިންނަށް ވޯލްޑް ކަޕާއި ޔޫރޯ އުފުލާލަ ދިން ކުރީގެ ކެޕްޓަން ކަސިއަސް ވާހަކަ ދެއްކި އެވެ. "ކުޅުންތެރިންނަށް އެ ނޫން އެހެންގޮތަކަށް ވިސްނުމަކީ ފަސޭހަ ކަމެއް ނޫން."
އޭނާ ބުނީ ރެއާލް މެޑްރިޑްގެ މަގާމަކަށް އެނބުރި ދިއުމަކީ އޭނާ އަށް ލިބޭ ހާއްސަ އުފަލެއް ކަމަށެވެ.
"ރެއާލް މެޑްރިޑްގައި 25 އަހަރު ހޭދަ ކުރިއިރު އަލުން އަނބުރައި ކުލަބަށް ދާން ޖެހުމުން އެ ލިބޭ އުފާ ސިއްރެއް ނުވާނެ،" ކަސިއަސް ބުންޏެވެ.
"ކުލަބަށް އެނބުރި ދިއުމަކީ އަހަރެންގެ ހުވަފެނެއް. ދުނިޔޭގެ އެންމެ މަޝްހޫރު ކުލަބަށް އަހަރެންނަށް އަދާ ކުރެވޭނެ ދައުރެއް އޮންނާނެ ސަބަބަކީ އަހަންނަކީ އެ ކުލަބު ވަރަށް ރަނގަޅަށް ދަންނަ މީހެއް ކަމަށް ވުމުން."
ޖުލައި މަހު މީޑިއާއިން އިއުލާން ކޮށްފައި ވަނީ، ރެއާލްގެ މަގާމަކަށް ކަސިއަސް ގެނައުމަށް އެކުލަބުން ނިންމާފައިވާ ކަމަށެވެ. އަދި މިހާތަނަށް ރަސްމީކޮށް އެކަން އިއުލާން ކޮށްފައެއް ނުވެއެވެ. މިޑިއާ ރިޕޯޓްތައް ބުނާ ގޮތުން ކަސިއަސް އާ ހަވާލު ކުރަނީ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ އެޑްވައިޒަރުގެ މަގާމެވެ.