ރާއްޖެއަށް އެތެރެކުރަން އުޅުނު 2.5 ކިލޯ ކޮކެއިންއާއެކު ތައިލެންޑް އަންހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވީ 2.5 ކިލޯ ކޮކެއިން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި ތައިލެންޑް އަންހެނެއް އަތުލައިގަތީ މިމަހު ނުވަވަނަ ދުވަހު ކަމަށާއި އޭނާ އަތުލައިގަތީ ފުލުހުންނާއި ކަސްޓަމްސް އިން ގުޅިގެން ކުރިޔަށްގެންދިޔަ ހާއްސަ އޮޕަރޭޝަން އެއްގެ ތެރޭގައި ކަމަށެވެ.
"ފުލުހުން މިމަހު ކަސްޓަމްސްއާ ގުޅިގެން ހިނގާ ހާއްސަ އޮޕަރޭޝަންއެއްގައި 2.5 ކިލޯގެ ކޮކެއިން ރާއްޖެ އެތެރެކުރަން އުޅުން މީހަކު ހައްޔަރުކޮށްފަ. މިމައްސަލާގައި ހައްޔަރުކުރީ ތައިލެންޑު އަންހެނެއް،" ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ މިމީހާ ރާއްޖެއަށް ގިނަ އަދަދެއްގެ މަސްތުވާ ތަކެތި އެތެރެ ކުރަން މަސައްކަތްކޮށްފައި ވަނީ ބްރެޒިލް އިން، ދޯހާ މަގުން ކަމަށާއި އަދި އޭނާ އަތުން ފެނުނު ކޮކއިން އަކީ އެކި ގައުމުތަކަށް ބަހާލައިގެން ފޯރުކޮށްދޭން ޕެކްކޮށްފައި ހުރި ތަކެތިކަމަށް ބެލެވޭ ކަމަށެވެ. އަދި އޭނާ މިހާރު ވަނީ ފުލުހުން އޭނާ ހައްޔަރުކޮށްފައިކަމަށް ޝިފާން ވިދާޅުވި އެވެ.
"ތައިލެންޑް އަންހެންމީހާ ރާއްޖެއަށް އެތަކެތި އެތެރެކުރަން މަސައްކަތް ކުރީ ބްރެޒިލް އިން ގެނެސް ދޯހާމަގުން. އަޅުގަނޑުމެނަނށް ބޮޑަށް ލަފާކުރެވޭ ގޮތުގައި އެތަކެއްޗަކީ އެކި ގައުމުތަކަށް ބަހާލައިގެން ޑެލިވާކުރަން ތައްޔާރުކޮށްފައިވާ ޕެކެޖް ތަކެއް،" އޭނާ ވިދާޅުވި އެވެ.
ފުލުހުން މިފަދަ އަމަލުތަށް ރާއްޖޭގައި ހުއްޓުވުމަށް ކުރިޔަށް ގެންދާ އޮޕަރޭޝަން ތަކަށް އަލި އަޅުވާލައި ޝިފާން ވިދާޅުވީ އެއަނހެންމީހާއަކީ ވެސް މީގެ ކުރިން ފުލުހުން ބަލަމުން އަންނަ ނެޓްވޯކެއްގައި ހިމެނޭ މީހެއް ކަމަށާއި އަދި މިނެޓްވޯކުތަށް ކަންޑާލަން ފުލުހުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިމައްސަލައާ ގުޅުންހުރި ޕާކިސްތާނަށް ނިސްބަތްވާ ދެމީހަކު ނައިޖީރިއާ އިން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.