މެސީ

ބާސާގެ މައްސަލަތައް މެސީއާ ގުޅުވާތީ ކަންބޮޑުވުން

އެފްސީ ބާސެލޯނާގެ މައްސަލަތައް އޭނާގެ ބޮލުގައި އަޅުވާތީ، އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީގެ އުދާސްތައް ބޭރު ކޮށްލައިފި އެވެ.

އިންޓަނޭޝަނަލް ބުރޭކަށް ފަހު އެނބުރި ބާސެލޯނާ ސިޓީއަށް ގޮސް އެއާޕޯޓްގައި ނޫސްވެރިޔަކު ކުރި ސުވާލަށް ޖަވާބު ދެމުން މެސީ ވަނީ އޭނާގެ ކަންބޮޑުވުންތައް ހިއްސާ ކޮށްފަ އެވެ. ނޫސްވެރިޔާ ސުވާލު ކުރީ ބާސާގެ ފޯވަޑް އެންޓުއާން ގްރީޒްމަންގެ ކުރީގެ އެޑްވައިޒަރު އެރިކް އޮލްހާޓްސް މެސީއަށް ކުރިމަތި ކުރި ތުހުމަތުތަކާ ގުޅިގެންނެވެ.

ފްރާންސް ފުޓްބޯޅައަށް ދިން އިންޓަވިއުގައި އޮލްހާޓްސް ބުނީ، ބާސާއަށް ކުޅުންތެރިން ގެންނަނީ މެސީ އެކަމަށް ރުހޭ ނަމަ ކަމަށާއި ގްރީޒްމަން ބާސާއަށް ބަދަލުވުމުން މެސީއަށް ހިތްހަމަޖެހޭ ކަމަކަށް އެކަން ނުވި ކަމަށެވެ. އަދި ގްރީޒްމަންއަށް ބާސާގައި އުނދަގޫ ކަންތައްތަކެއް މެދުވެރި ވެފައި ވަނީ މެސީގެ އެއްބާރުލުން ނެތުމުން ކަމަށް އޮލްހާޓްސް ތުހުމަތު ކުރި އެވެ.

އޮލްހާޓްސްގެ ވާހަކަތަކަމާ ބެހޭގޮތުން މެސީ އާ ސުވާލު ކުރުމުން އޭނާ ބުނީ ކުލަބުގެ ހުރިހާ މައްސަލަތަކެއް އޭނާ އާ ގުޅުވާތީ ވަރުބަލި ވެއްޖެ ކަމަށެވެ.

އެތުލެޓިކޯ މެޑްރިޑަށް 120 މިލިއަން ޔޫރޯ ދިނުމަށް ފަހު ބާސާއިން ފްރާންސްގެ ފޯވަޑް ލައްވައި ސޮއި ކުރުވީ ޖުލައި 2019 ގަ އެވެ. ބާސާގައި އޭނާއަށް އެތުލެޓިކޯގައި ދެއްކި ކުޅުމެއް ނުދެއްކުނެވެ.

ލަލީގާއި ބާސާގެ ޖޯޒީގައި ކުޅުނު 42 މެޗުގައި ގްރީޒްމަން ޖެހީ 11 ލަނޑެވެ. އަދި ލަނޑު ޖަހާނެ ފަސް ފުރުސަތެއް ތަނަވަސް ކޮށްދިނެވެ. އެއީ ކޮންމެ 237 މިނެޓަކަށް ލަނޑެކެވެ.

އެތުލެޓިކޯގައި ހޭދަ ކުރި ފަސް ސީޒަންގައި ކޮންމެ 152 މިނެޓަށް ލަނޑެއް ކާމިޔާބު ކުރި އެވެ.