ހަބަރު

ދާލިޔާން ޔުނިވާސިޓީގައި ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތެއް ރާއްޖެއަށްދީފި

Jan 11, 2015

ޗައިނާގެ ދާލިޔާން ޔުނިވާސިޓީގައި އިތުރު ދާއިރާތަކުން މަތީ ތައުލީމް ހާސިލް ކުރަން ރާއްޖެއަށް ފުރުސަތު ދޭން ނިން ނަމައި މާސްޓަސް ނުވަތަ ޕީއެޗްޑީ އަށް ކިޔެވުމުގެ ސްކޮލާޝިޕެއްގެ ލިޔުން އެ ޔުނިވާސިޓީން ސަރުކަރަށް ދީފި އެވެ.

ފޮރިން މިިނިސްޓްރީން ބުނީ މި ނިންމުން އައީ ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ފައިސަލް ދާލިޔާން މެޑިކަލް ޔުނިވާސިޓީގެ ރައީސާ ބައްދަލު ކުރެއްވުމާއެކު ކަމަށެވެ. ފައިސަލް ދާލިޔާން މެޑިކަލް ޔުނިވާސިޓީއަށް ވަޑައިގެން އެ ޔުނިވާސިޓީގެ ރައީސް ޕްރޮފެސާ ވަން ދާލިޔާންއާ ބައްދަލު ކުރެއްވީ މިއަދު ކަމަށެވެ.

ދެ ބޭފުޅުންގެ ބައްދަލުވުމުގައި 2007 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ދަރިވަރުންނަށް އެ ޔުނިވާސިޓީން ފުރުސަތު ލިބެމުންދާތީ ދިވެހި ސަރުކާރުގެ ފަރާތުން ފައިސަލް ވަނީ ޝުކުރު އަދާ ކުރައްވާފަ އެވެ.

ޕްރޮފެސަރު ދާލިއާން ވިދާޅުވީ އެ ޔުނިވާސިޓީގައި ދިވެހި ދަރިވަރުން ރަނގަޅު ނަތީޖާ ނެރެފައިވާ ކަމަށާއި އެއީ އެ ޔުނިވާސިޓީއަށް އޮތް ފަހުރެއް ކަމަށެވެ. އަދި ދާލިޔާން ޔުނިވާސިޓީން ރާއްޖެއަށް ތައުލީމް ހާސިލް ކުރުމަށްޓަކައި އިތުރު ދާއިރާތަކުން ދިވެހި ސަރުކާރަށް ފުރުސަތު ދެވިދާނެ ކަމަށް އިޝާރާތް ކުރައްވާ މާސްޓާސް ނުވަތަ ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތެއްގެ ރަސްމީ ލިޔުން ދެއްވި އެވެ.