ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހުށައަޅާފައިވަނީ އެންމެ ރަނގަޅު ބަޖެޓް، ފާސްކޮށްދެއްވާ: ރައީސް

2021 ވަނަ އަަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ ބަޖެޓަކީ މި ހާލަތުގައި ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށާ ބަޖެޓް ފާސްކޮށް ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންފައިވަނީ ހޯރަފުށީގެ އެއާޕޯޓް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. 2021 ވަނަ އަހަރުގެ ބަޖެޓަށް ސަރުކާރަށް ނިސްބަތްވާ އެމްޑީޕީގެ މެންބަރުން އަދި މަޖިލީހުގެ ރަައީސް މުހައްމަދު ނަޝީދުވެސް ވަނީ ތަކުރާރުކޮށް ފާޑު ވިދާޅުވެފައެވެ. އަދި ބަޖެޓާމެދު ލަދުވެތިވާ ކަމަށްވެސް ބައެއް މެންބަރުން ވަނީ ވިދާޅުވެފައެވެ.

އެ ވާހަކަތަކަށް އިޝާރާތް ކުރައްވާ ރައީސް މިއަދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށައަޅާފައިވާ 2021 ވަނަ އަހަރުގެ ބަޖެޓަކީ މިހާލަތަށް ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގަައި އެ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް. ދުނިޔެއަށް ދިމާވެފައި މި އޮތް ކޮވިޑްގެ ދަތި އުނދަގޫ ހާލަތާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް މި ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން. މި އަހަރުގެ މި ވޭތިވެދިޔަ ތަނަކަށް އަޅުގަނޑުމެން މި އައީ އެކަން ވަރަށް ރަނގަޅަށް ކުރަމުން،"

ރައީސް ވިދާޅުވީ މިއީ ކިތަންމެ ދަތި ވަގުތެއް ނަމަވެސް މިއީ ފައިސާ ހޯދައިގެންވެސް ކަންކަން ކުރަންވީ ވަގުތު ކަމަށެވެ. އައު ބަޖެޓްގައި ސިއްހީ ދާއިރާއަށް ހަތަރު ބިލިއަން ރުފިޔާ، ތައުލީމީ ދާއިރާއަށް 3.9 ބިލިއަން ރުފިޔާ، އިޖްތިމާއީ ދާއިރާއަށް 3.7 ބިލިއަން ރުފިޔާ އަދި ގެދޮރު އިމާރާތް ކުރުމަށް 2.3 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އައު ބަޖެޓްގައި ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމަނާފައިވާނީ މުސާރަތަކާއި ހިންގުމަށް ހިނގާ ހަރަދުތަކާއި އާސަންދަ އާއި ދުވަސްވީ މީހުންނަށް ދޭ އިނާޔަތާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ދޭ އިނާޔަތް އަދި އެކަނިވެރި މައިންނަށް ދޭ އިނާޔަތް ކަމަަށެވެ.

ކެޕިޓަލް ހަރަދުގެ ގޮތުގައި ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި މާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ހިމެނޭ ކަމަށެވެ.

"އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،"

އަޅުގަނޑު ދެކޭ ގޮތުގަައި އެ ބަޖެޓަކީ މިއަދުގެ ހާލަތަށް ބަލާ ހުށައެޅޭނެ އެންމެ ރަނގަޅު ބަޖެޓް. ދުނިޔެއަށް ދިމާވެފައި މި އޮތް ކޮވިޑްގެ ދަތި އުނދަގޫ ހާލަތާއި ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައި އޮތް މި ދަތި ހާލަތުގައި ސަރުކާރުން ކުރަން ޖެހޭނެ އެންމެ މުހިންމު ކަމަކީ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދިނުން. މި އަހަރުގެ މި ވޭތިވެދިޔަ ތަނަކަށް އަޅުގަނޑުމެން މި އައީ އެކަން ވަރަށް ރަނގަޅަށް ކުރަމުން
އިބްރާހިމް މުހައްމަދު ސޯލިހް | ރައީސުލްޖުމްހޫރިއްޔާ

ރައީސް ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑު ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ ދަރަނި ހުރީ 26 ބިލިއަންގައި ނަމަވެސް ފަސް އަހަރުގެ ވެރިކަން ނިންމާލީ ރާއްޖޭގެ ދަރަނި 60 ބިލިއަނަށް މަތިކޮށްފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރު މި ސަރުކާރުން އުފެއްދީ 15 ބިލިއަންގެ ދަރަނި ކަމަށެވެ.

"ދައުލަތަށް ދަރަނި ނެގުމަކީ މި ސަރުކާރުން ކުރި ކަމެއް ނޫން. ވަރަށް ސާފުކޮށް މި ދެންނެވީ. މި ފަހަރުގެ ބަޖެޓްގައި ދަރަނި ދެއްކުމަށް ޖަހާފައިވާ ހަތަރު ބިލިއަނަކީ ކުރީ ސަރުކާރުން ނަގާފައިވާ ދަރަނި ދެއްކުމަށް ޖަހާފައިވާ ފައިސާ. މިއީ މިއަދު އަޅުގަނޑު ތިޔަ ބޭފުޅުންނަށް ސާފުކޮށްދޭން ބޭނުންވާ ކަމެއް،"

ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ރިޒާވްގައި ހުރީ 250 މިލިއަން ޑޮލަރު ކަމަށާ މި ދަތި ހާލުގައިވެސް އެ އަދަދަށް ފައިސާ ހުންނާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ފައިނޭންޝިއަލް ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނެ. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާރު ހުށައަޅާފައިވާ ބަޖެޓަށް ބަދަލެއް ނުގެނެސް ފާސްކުރަން ޖެހޭ ކަމަަށް ވިދާޅުވެފައެވެ. ރައްޔިތުންނަށްޓަކައި ވީ ވައުދުތައް ފުއްދޭނީ އޭރުން ކަމަށްވެސް ވިދާޅުވިއެވެ.

"މި ބަޖެޓް އެބަޖެހޭ ފާސްކުރަން. އަޅުގަނޑުމެން ބޭނުން ދިއްްދޫގެ ބަދަރު ހަދަން. މި ބަޖެޓް ފާސްކޮށްގެން އެކަން ވާން އޮތީ. އަޅުގަނޑުމެން ބޭނުން އިހަވަންދޫގެ ބިން ހިއްކަން. މި ބަޖެޓްގައި އޮންނާނެ. އެކަން ފާސް ކުރަން އެބަޖެހޭ. ކެލާގެ ތަރައްގީގެ މަޝްރޫއުތައް ހުންނާނެ. މި ބަޖެޓް ފާސްކޮށްދެއްވާ. އެހެން ނޫނީ މި ކަމެއް ނުވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާ ޑޮލަރު ލިބުުމަށް މިހާރު އޮތް ދަތިތައްވެސް ހައްލު ކުރުމަށް ގޮތްތަކެއް ރާއްވަވަމުން ގެންދަވާ ކަމަށެވެ.