ދައުލަތުގެ ބަޖެޓް

ސަރުކާރުގެ މެޖޯރިޓީއޮތް މަޖިލީހަކުން ބަޖެޓު ބޮޑުކުރުމާ ނަޝީދު ދެކޮޅު

Dec 3, 2019
7

ސަރުކާރުގެ ސާފު އަޣުލަބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހަކުން ސަރުކާރުން ހުށަހެޅި ދައުލަތުގެ ބަޖެޓު ބޮޑު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ދެހާސް ވިހިވަނަ އަހަރަށް ލަފާކޮސް ފިނޭންސް މިނިސްޓްރީން ފޮނުވީ 37.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓް ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުން އެކުލަވާލި ކޮމިޓީން ވަނީ އެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.

ބަޖެޓު ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުން މިއަދު ފެށުމުގެ ކުރިން، ނަޝީދު ވިދާޅުވި ގޮތުގައި، ސަރުކާރުން ހުށަހެޅި ބަޖެޓުގައި ޑެފިސިޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖީޑީޕީ ނުވަތަ އުފެއްދުންތެރިކަމުގެ ނިސްބަތުން 5.8 ޕަސަންޓް ކަމަށެވެ. ނަމަވެސް، ބަޖެޓު ކޮމިޓީން ގެނައި ބަދަލުގެ ސަބަބުން އެ އަދަދު 6.2 ޕަސަންޓަށް އިތުރުވެގެން ދާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހަކުން ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގެ ޖުމްލަ އަދަދަށް ބަދަލު އައިސްގެން ނުވާނެ،" ބަޖެޓް ކޮމިޓީގެ ބަދަލާއެކު ޑެފިސިޓަށް ވަރަށް ބޮޑު ބަދަލެއް އަންނަކަން ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ބަޖެޓު ކޮމިޓީން ބަދަލު ގެނެސްފައި ވަނީ ހަމައެކަނި ހަރަދަށް ކަމަށާއި، އަންދާޒީ އާމްދަނީ އިތުރުވާނެ ކަމެއް ހިމަނާފައި ނުވުމަކީ ވެސް މެންބަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ. އެގޮތުން، އަންނަ އަހަރަށް ލިބޭނެ ކަމަށް ލަފާ ކޮށްފައިވާ އާމްދަނީގެ ގޮތުގައި ސަރުކާރުން ތައާރަފު ކުރަން ނިންމާފައިވާ އާމްދަނީން ނަގާ ޓެކްސް ތަންފީޒު ކުރުމަށް ވެސް ދުވަސްތަކެއް ނަގާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"މިހާރު ފެންނަ ފެނުމަށް އިންކަމް ޓެކްސް ނެގުމުގެ ކަންކަމަށް އަހަރުގެ ތިން މަހެއްހާ ދުވަސް ގެއްލި ހިނގައިދާނެ،" ނަޝީދު ތަފްސީލުކޮށްދެއްވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ ކުރިއަށް ދެ ދުވަހެއްގެ ތެރޭގައި ބަހުސް ނިންމައި، ވޯޓަށް ދެވޭނެކަމަށް ލަފާކުރެއްވޭ ކަމަށެވެ. އެ މަސައްކަތް ނިންމާލުމަށް މަޖިލީހުގެ މި ހިނގާ ދައުރު ވެސް ވަނީ އަންނަ ހޮނިހިރު ދުވަހާ ހަމައަށް އިތުރުކޮށްފަ އެވެ.