ދިވެހިރާއްޖެ އަމާން އައްސޭރި އަކަށް ގެންގޮސް ދެއްވާނެ ކަމަށާ އެކަން ކުރައްވާނީ ރާއްޖޭގެ ހަރުމުދާ ނުވިއްކާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުގައި އާމްދަނީ ހޯދަން ބޭރަށް ވިއްކަން ހިމަނާފައިވާ 300 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކަށް ރާއްޖޭގެ އެންމެ އުސް އިމާރާތް، ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރި ރަހުނު ކުރަން އުޅޭ ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އަދި އައު އަހަރުގެ ބަޖެޓްގައި ސަރުކާރު ކުންފުނިތައް ޕްރައިވެޓައިޒް ކުރުމުށް ހިމަނާފައިވާތީ އިދިކޮޅުން ދަނީ ތަފާތު ތުހުމަތުތައް ކުރަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފައިނޭންޝިއަލް ޓީމަށް ފުރިހަމައަށް އިތުބާރު އެބައޮތް ކަމަށެވެ. ސަރުކާރު މަގުން ކައްސާ ނުލާނެ ކަމަށާ ރާއްޖެ އަމާން އައްސޭރިއަކަށް ގެންގޮސްދޭނީ ހަރުމުދާ ނުވިއްކާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުގެ ފައިނޭންޝިއަލް ޓީމަށް އަޅުގަނޑުގެ ފުރިހަމަ އިތުބާރު އެބައޮތް. އަޅުގަނޑުމެން މަގަކުން ކައްސައެއް ނުލާނެ. އިރާދަކުރެއްވިއްޔާ ހަރުމުދާ ނުވިއްކާ މި ރާއްޖެ އަމާން އައްސޭރިއަކަށް އަޅުގަނޑުމެން ގެންގޮސްދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މިއަދު ވިދާޅުވީ 2021 ގެ ބަޖެޓްގައި ތަރައްގީގެ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާއިރު އެ މަޝްރޫއުތައް ފައިސާ ހޯދަން ހަރުމުދާ ނުވިއްކާނެ ކަމަށެވެ. އެ މަޝްރޫއުތަކަކީ ފައިސާ ހަަމަޖެހިފައިވާ މަޝްރޫއުތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އައު އަހަރުގެ ބަޖެޓްގައި ކެޕިޓަލް ހަރަދުގެ ގޮތުގައި ހިމަނާފައިވަނީ ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމާއި އައްޑޫ އެއާޕޯޓް ތަރައްގީ ކުރުމާއި ތިލަމާލެ ބްރިޖާއި މާލޭ ޕޯޓާއި ހުރިހާ ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް އިމާރާތް ކުރުން ކަމަށެވެ.
މިއީ ބޮޑެތި މަޝްރޫއުތައް ނަމަވެސް މި މަޝްރޫއުތަކަށް ބޭނުންވާ ހުރިހާ ފައިސާ ހުރީ ހަމަޖެހިފައި ކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ކަނޑައެޅިގެން ލިބިފައި ހުރި ފައިސާއިން ހިންގަން ނިންމާފައިވާ މަޝްރޫއުތަކެއް ހުއްޓާލަން ޖެހޭ ސަބަބެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މިއިން އެއްވެސް މަޝްރޫއެއް މެދުނުކެނޑި ކުރިއަށް ގެންދަވާނެ ކަމަށެވެ.
"އަޅުގަނޑު މި ދެންނެވި މުހިންމު ބޮޑެތި ޕްރޮޖެކްޓްތަކުގެ ފައިސާ ހުރީ ހަމަޖެހިފައި. ބަޖެޓާމެދު ބަހުސް ކުރަމުންދިޔައިރު ބައެއް މެންބަރުން ދެއްކެވި ބައެއް ވާހަކަތައް އަޅުގަނޑު އަޑުއެހިން. ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި ބަޖެޓް ކުޑަކުޑަން. އަޅުގަނޑު ދަންނަވާނީ މިއީ މި ޕްރޮޖެކްޓްތައް ހުއްޓާލަންވީ ވަގުތެއް ނޫނޭ. ސަރުުކާރުން ކުރަން ޖެހޭ ކަމަކީ މިދަނޑިވަޅުގައި އިގްތިސާދު ހިންގުމޭ. މިއީ ކަނޑައެޅިގެެން ލިބިފައި ހުރި ފައިސާ ކަމަށްވާތީ މި ޕްރޮޖެކްޓްތައް މެދުނުކެނޑި އިދާރަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑުމެން ކުރިއަށް ގެންދާނަން،" ރައީސް ވިދާޅުވިއެވެ.