މިނިސްޓްރީ އޮފް ޓޫރިޒަމް

މި މަހު މިހާތަނަށް 18،000 ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެ

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު ހުޅުވި ފަހުން މިހާތަނަށް ރާއްޖެ އަށް އެންމެ ގިނަ ފަތުރުވެރިން އައި މަހަކަށް މި ހިނގާ ނޮވެންބަރު މަސް ވެއްޖެ އެވެ. މި މަހުގެ 18 ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިހާތަނަށް 18،723 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ބޯޑަރު ހުޅުވި ފަހުން މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އަށް 18،723 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފައިވާއިރު، މި މުއްދަތުގައި ރާއްޖެ އަށް އެންމެ ގިނައިން މީހުން ޒިޔާރަތް ކޮށްފައިވަނީ ރަޝިއާއިންނެވެ. އެ ގައުމުން މިހާތަނަށް 12،961 މީހުން ވަނީ އައިސްފައިވެ އެވެ. މިއީ ބޯޑަރު ހުޅުވިފަހުން އައި ޓޫރިސްޓުންގެ 21.9 ޕަސެންޓެވެ.

ދެވަނަ އަށް އެންމެ ގިނައިން ރާއްޖެ އަށް ޓޫރިސްޓުން އައިސްފައިވަނީ އިންޑިއާއިންނެވެ. އެ ގައުމުން މިހާތަނަށް 5،449 ޓޫރިސްޓުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 4،745 ޓޫރިސްޓުން އައިސްފައިވާއިރު އެމެރިކާއިން 4،396 ޓޫރިސްޓުން އައިސްފައިވެއެވެ. ޔޫއޭއީން 4،051 ޓޫރިސްޓުން، ޖަރުމަނުން 3،104 ޓޫރިސްޓުން އަދި ޔޫކުރެއިން އިން 2،236 ފަތުރުވެރިން ވަނީ އައިސްފައެވެ.

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެ އައިސްފައިވަނީ 21،515 ޓޫރިސްޓުންނެވެ. ސެޕްޓެންބަރު އައީ 9،538 ޓޫރިސްޓުންނެވެ. އޮގަސްޓްގައި 7،628 ފަތުރުވެރިންނެވެ. ބޯޑަރު ހުޅުވި ޖުލައި މަހު އައީ 1،752 ޓޫރިސްޓުންނެވެ.

މިހާތަނަށް ރާއްޖެ އަށް ޓޫރިސްޓުން އުފުލާ ދީފައިވަނީ މޯލްޑިވިއަން އާއި ފްލައިމީ ހިމެނޭ ގޮތަށް 15 އެއާލައިން އަކުންނެވެ. އެންމެ ގިނައިން މީހުން ގެނެސްފައިވަނީ އެމިރޭޓްސް އިންނެވެ. އެމިރޭޓްސް އިން މިހާތަނަށް 19،740 މީހުން ރާއްޖެ ގެނެސްދީފައިވެ އެވެ. އަދި އެންމެ ގިނައިން ފްލައިޓް އަޅާފައިވަނީ ގަތަރު އެއާވޭސް އިންނެވެ. ގަތަރު އެއާވޭސް އިން މިހާތަނަށް 246 ފްލައިޓް ރާއްޖެ އަށް ބޭއްވި އެވެ.

މި އަހަރުގެ ޖެނުއަރީން ފެށިގެން މިހާތަނަށް އައިސްފައިވާ ޓޫރިސްޓުންގެ ޖުމްލަ އަދަދަކީ 441،952 ޓޫރިސްޓުން އެވެ. މީގެ ތެރެއިން 382,760 މީހުންނަކީ ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެށުމުގެ ކުރިން މި އަހަރުގެ މާޗް މަހުގެ ނިޔަލަށް އައި މީހުންނެވެ. ބޯޑަރު ހުޅުވި ފަހުން އައ 59،105 ޓޫރިސްޓުންނެވެ.

ރާއްޖޭގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ 306 ތަނެއްގެ 32,622 އެނދު މިހާރު ހުރީ އޮޕަރޭޝަނަށް ގެނެސްފަ އެވެ. މީގެތެރޭގައި ހިމެނެނީ 120 ރިސޯޓެއްގައި ހުރި 28,390 އެނދާއި 65 ގެސްޓްހައުސްއެއްގައި ހުރި 1,956 އެނދު އަދި 121 ސަފާރީއެއްގައި ހުރި 2,276 އެނދެވެ.