ހަބަރު

އިޖްތިމާއީ ދާއިރާ ހަރުދަނާ ކުރަން މަޝްވަރާކޮށްފި

ރާއްޖޭގެ އިޖުތިމާއީ ދާއިރާގެ ހިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އާއި އދ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޒިޑެންޓް ކޯޑިނޭޓަރ ކެތަރިން ހެސްވެލް މަޝްވަރާ ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އދ ގެ އެކި އެޖެންސީތަކުން ފާއިތުވި އަހަރުތަކުގައި ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް ކޮވިޑް-19 ހާލަތުގައި ފޯރުކޮށް ދެމުންދާ އެހީތެރިކަން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ރެޒިޑެންޓް ކޯޑިނޭޓަރު ވަނީ ރާއްޖެއިން ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ އެ ކަމަށް ތައުރީފު ކުރައްވާފައެވެ. އަދި ދަތި ހާލަތުގައި އިސްކަން ދޭންޖެހޭ ދާއިރާތައް ކަނޑައަޅައި އެ ދާއިރާތައް އަލުން އާރާސްތު ކުރުމަށް ވިސްނުން ގެންގުޅުމުގެ މުހިންމު ކަން ފާހަގަ ކުރެއްވިއެވެ. އަދި އިޖުތިމާއީ އެކި ދާއިރާތަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމުގައި އދއިން ދެމި އޮންނާނެކަމުގެ ޔަގީންކަން އެ ކަމަނާ އެރުވިއެވެ.

އިޖުތިމާއީ ހިދުމަތްތައް ދިނުމުގައި ގައުމީ އެއް ލަނޑުދަނޑިއެއް ކަނޑައަޅައި އެ ގޮތަށް މަސައްކަތް ކުރުމާއި ކްރިޓިކަލް ސާވިސް ކެއާގެ ދާއިރާއިން މީހުން ބިނާ ކުރުމާއި އަދި ގައުމުގެ މުހިންމު މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ މުހިންމު ކަމާ ގުޅޭގޮތުން ވެސް މި ބައްދަލްވުމުގައި މަޝްވަރާ ކުރެއްވިއެވެ.