ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް މިއަދު އުފައްދައިފި އެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް އުފެއްދީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ. ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވީ ހޯމް ނިސްޓަރު އިމްރާން އަބްދުﷲއެވެ. އެ ޑިޕާޓްމަންޓް ހިނގަމުންދާނީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ބެއްލެވުމުގެ ދަށުންނެވެ.
ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހުޅުއްވައިދެއްވުމަށްފަހު މިނިސްޓަރު ވިދާޅުވީ މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަކީ ކުޑަ ކަމެެއް ނޫން ކަމަށެވެ. މިއީ ވަރަށް ބޮޑު ޒިންމާއެއް، މަސްއޫލިއްޔަތެއް އަދި އަމާނާތެއް ކަމަށެވެ. ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުވަމުންދާއިރު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަގުބަލު އުޖާލާ އަލިވެގެން ނުދާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.
"އާންމު އަދުލުގެ ނިޒާމްގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާ ގޮތެއްގައި ހިންގި އެ ނިޒާމް ފުރިހަމަ ކުރެވުމަކީ މުޖުތަމައު ހަރުދަނާވެ ބަދަހިވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިއްމު ބިންގަލެއް" މިނިސްޓަރު ވިދާޅުވިއެވެ.
ހޯމް މިނިސްޓްރީން ބުނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގައި ގައި މަސައްކަތް ކުރާނީ ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަ ކޮށްފައިވާ އެކަމަށް ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. ޖުވެނައިލް ޖަސްޓިސް އުފެދުމާއެކު، ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވުނީއެވެ. މިނިސްޓްރީ އޮފް ޖަސްޓިސްގެ ދަށުން ހިންގާ ޔުނިޓެއްގެ ގޮތުގައި ''ޖުވެނައިލް ޖަސްޓިސް ޔުނިޓް'' ވުޖޫދަށް އައީ 2007 ވަނަ އަހަރުއެވެ. 2008 ވަނަ އަހަރު ސަރުކާރުގެ އޮނިގަނޑަށް އައި ބަދަލާގުޅިގެން ޖުވެނައިލް ޖަސްޓިސް ޔުނިޓް، އެޓާނީ ޖެނެރަލްގެ އޮފީހުގެ ދަށަށް ބަދަލުވިއެވެ.
ގާނޫނާ ހިލާފްވާ 18 އަހަރުން ދަށުގެ ކުދިންގެ މަސްލަހަތު ހިމާޔަތް ކޮށްދިނުމަށް ކޭސްވާކް ކުރުމަށާއި އެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ރިހިބިލިޓޭޝަން ޕްރޮގްރާމްތައް މިއަދުން ފެށިގެން ހިންގާނީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއިންނެވެ. ކުޑަކުދިންގެ މަސްލަހަތު ހިމާޔަތްކުރުމަށް ޝަރުއީ އަދި ތަހުގީގީ މަރުހަލާގައިވެސް މަސައްކަތްކޮށް ޑައިވާޝާން ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިން ރާވާ ހިންގުމުގެ އިތުރުން، ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ޙައްޤުތަކާޢި މަސްލަހަތު ހިމާޔަތްކުރާނީ އެ ޑިޕާޓްމަންޓުންނެވެ.