ޗިތުރަންގަދާ ސިންގް އަކީ ބޮލީވުޑް ފިލްމުތައް ކުޅޭ އެކްޓަރެކެވެ. އަދި މޮޑެލް ކުރުމުގެ ދުނިޔޭގައި ވެސް އޭނާ އުޅެނީ ވަރަށް ކުރީގަ އެވެ. ނަމަވެސް ހަމުގެ ކުލަ ތަންކޮޅެއް އަނދިރި ކަމުން އޭނާއަށް ވަރަށް ގިނަ ނަސްލީ ތަފާތު ކުރުންތަކާ ކުރިމަތިވީ ކަމަށް ދާދި ފަހުން ޗިތުރަންގަދާ ދީފައިވާ އިންޓަވިއު އެއްގައި ބުނެފައި ވެއެވެ.
ޕްރޮފެޝަނަލް މަސައްކަތަށް ނުކުތްތާ ކުރީކޮޅު ވަރަށް ގިނައިން އޭނާގެ ހަމުގެ ކުލަ އަނދިރިކަމުން މީހުން އޭނާ އާ ދޭތެރޭ ތަފާތުކުރުންތައް ގެންގުޅެފައިވާ ކަމަށް ވެސް ޗިތުރަންގަދާ ބުންޏެވެ. އަދި ހަމަ އެ ސަބަބާ ހުރެ ވަރަށް ގިނަ މޮޑެލް އެސައިންމަންޓްތައް އޭނާއަށް ގެއްލިފައި ވެސް ވެއެވެ.
"ދިމާލަށް ކުރިމަތީގައި މީހުން ހަމުގެ ކުލައާ މެދު އެއްޗެކޭ ނުބުންޏަސް އެމީހުން ކަންތައް ކުރާ ގޮތުން ތަންކޮޅެއް ހަމުގެ ކުލަ އަނދިރިވީމަ އެމީހުންނަށް މާ ކަމަކު ނުދިޔަ ކަމުގެ އިހްސާސް ކުރެވޭ. ޚާއްސަކޮށް އުތުރު އިންޑިޔާގެ އާބާދީގައި ދޮން މީހުން ގިނަ ވުމުން އެ މައްސަލަ މާ ބޮޑަށް ކުރިމަތިވި،" ޗިތުރަންގަދާގެ އިންޓަވިއުގައި ކިޔައިދީފައި ވެއެވެ.
ނަމަވެސް މަދުން ނަމަވެސް ހަމުގެ ކުލަޔަށް ނުބަލާ މަސައްކަތް ދޭ މީހުން ވެސް ތިބިކަން ޗިތުރަންގަދާ ފާހަގަ ކުރި އެވެ. އޭނާއަށް މިހާތަނަށް އާދެވިފައިވަނީ ހަމަ ގައިމުވެސް ކޮންމެވެސް ބަޔަކު މަސައްކަތް ދީގެން ކަން އޭނާ ވެސް ގަބޫލު ކުރެ އެވެ.
ޗިތުރަންގަދާ، 44، އަށް މޮޑެލް ކުރުމުގެ ދުނިޔެއިން ފިލްމީ ދުނިޔެއަށް އާދެވުނީ ލަވަކިޔުންތެރިޔާ އަލްތާފް ރާޖާގެ އަލްބަމް "ތުމް ތޮ ޓެހެރެ ޕަރްދޭސީ" އަލްބަމްގެ ލަވަތަކުން އޭނާ ގިނަ ބަޔަކަށް ފާހަގަ ކުރެވިގެންނެވެ.
އޭގެ ފަހުން ސުދީރް މިޝްރާގެ "ހަޒާރޯން ޚުވައިޝީ އޭސީ"ގެ ލީޑް ރޯލުން 2005 ގައި ޗިތުރަންގަދާ ބޮލީވުޑަށް ތައާރަފްވި އެވެ. މި ރޯލަށް ވަރަށް ބޮޑު ތަރުހީބެއް ޗިތުރަންގަދާ އަށް ލިބުނެވެ. ވޮޝިންޓަން ޕޯސްޓުގައި ޝާއިއުކުރި މި ފިލްމުގެ ރިވިއުގައި ވެސް ޗިތުރަންގަދާގެ ހުނަރު ފާހަގަ ކޮށްފައި ވެއެވެ. މި ފިލްމަށް ފަހު މަދުމަދުން ޗިތުރަންގަދާ ފިލްމީ މަސައްކަތްތަކުގައި ކުރިޔަށް ދިޔަ އެވެ.
އަދި 2011 ގައި ރޯހިތު ދަވަން އުފެއްދި "ދޭސީ ބޯއީޒް"ގައި ވެސް އޭނާ ވަނީ ބަތަލާގެ ބައި ކުޅެފަ އެވެ. އަކްޝޭ ކުމާރު ބަތަލުގެ ބައި ކުޅުނު މި ފިލްމުގައި ޗިތުރަންގަދާ ކުޅުނީ އިކޮނޮމިކްސް ޓީޗަރެއްގެ ރޯލެވެ. އޭނާ އެންމެ ފަހުން ކުޅެފައިވަނީ ސައިފް އަލީ ޚާނާއެކު ކުޅުނު "ބާޒާރު" އެވެ.