ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގާސިމް އިބްރާހިމް

މުވައްޒިފުންގެ މުސާރަ ކުޑަކުރީ ފައިސާ ނެތީމަ: ގާސިމް

ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އާމްދަނީ ލިބެމުން އައި ދޮރުތައް ބަންދުވުމުން ވިލާ ކުންފުނީގެ މުވައްޒިފުންގެ މުސާރަ ކުޑަކުރީ ކުންފުނީގައި ފައިސާ ނެތުމުން ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދިވެހި ކުންފުނިތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށް ދީފައިވާ ވިލާ ކުންފުނިން ވަނީ ކޮވިޑާ ގުޅިގެން ހުރިހާ މުވައްޒިފުންގެ މުސާރަ ވަރަށް ބޮޑަށް ކުޑަކޮށްފައެވެ. އަދި ފަހުން ކޮންމެ މުވައްޒިފަކަށް ދެމުން ގެންދިޔައީ 1،000 ރުފިޔާއެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ކުރިމަތިލީއިރުވެސް ކުންފުނީގެ މާލި ހާލަތު ގޯސް ކަމަށެވެ. އެހެން ދިމާވީ ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުންޏަށް ސަރުކާރުން ކުރިމަތި ކުރި ބޮޑެތި ފިއްތުންތަކާއި ދިން ގެއްލުމުގެ ސަބަބުން ކަމަށެވެ. ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެކައުންޓްތައް ފްރީޒްކޮށް އިންޕޯޓް މުދާ ގެނައުމުގެ ހުއްދަ ކުރީ ސަރުކާރުން ހިފެހެއްޓި ކަމަަށާ އެކަންކަން ކުރުމުގައި އިސްކޮށް ތިއްބެވީ އެމަނިކުފާނު ބެލެހެއްޓެވި އަދި އެމަނިކުފާނުގެ މަސައްކަތުން ވަޒީރު ކަމާއި ހަމައަށް ގެންގޮސް ދެއްވި ބޭފުޅުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ކުންފުނީގައި އެސެޓް އެބަހުރި ކަމަށާ ނަމަވެސް ފައިސާ ނެތް ކަމަށެވެ. އަދި ބެންކުތަކުގައި ފޮރުވާފައި އެމަނިކުފާނުގެ ފައިސާއެއް ނުހުންނާނެ ކަމަށެވެ. މުދާ ހުރި ނަމަވެސް އެ ތަކެތި ވިއްކޭނެ ގޮތެއްވެސް މި ހާލަތުގައި ނެތް ކަމަށާ މުވައްޒިފުންގެ މުސާރަ ކުޑަކުރީ މުސާރަ ދެވޭނެ ގޮތެއް ނެތިގެން މަޖުބޫރު ވެގެން ކަމަށެވެ.

"އަޅުގަނޑުމެން ފޮރުވާފައި ހުރި އެއްވެސް ލާރިއެއް ނެތް ކަން ބެންކުތަކުގެ މީހުންނަށް އެނގޭނެ. އަމިއްލަ ފަރާތަކުން އެންމެ ބޮޑު ލޯނެއް އަދި ލޯނުތަކެއް ނަގާފައި ހުރި މީހަކަށްވެސް ހުންނާނީ އަޅުގަނޑު. ރަނގަޅު ވާހަކައެއް، އަޅުގަނޑުގެ އެސެޓް އެބަހުރި. އެއަށްވުރެ މާ ގިނައިންވެސް. އޭގެ ދިހަ ގުނަ ބާރަ ގުނަ ވިހި ގުނަ ވެސް. އެހެން ނަމަވެސް މި ކަހަލަ ދަނޑިވަޅެއްގައި ކިހިނެތްތޯ އެ އެއްޗެހި ވިއްކާލާނީވެސް. ކާކުތޯ ގަންނަން ހުރީވެސް. އަޅުގަނޑުއަތުގައި ނެތް އެއްޗެއް އަޅުގަނޑުމެން ދޭނީ ކިހިނެތްތޯ،" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ފައިސާ ނެތަސް ކޮންމެވެސް އެއްޗެއް ދީގެން ނަމަވެސް މުވައްޒިފުންގެ ވަޒީފާ ސަލާމަތް ކުރަން ބޭނުންވި ކަމަށެވެ. އެއްވެސް މުވައްޒިފަކު ވަޒީފާއިން ވަކި ނުކުރާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މުސާރަ ދެވޭނެ ގޮތެއް ހޯދަން ބެންކުތަކުގައި ސަލާން ޖެހި ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މީހަކު ނުކަނޑަން އިނގޭތޯ. އެންހާސް ރުފިޔާ ނަމަވެސް އަޅުގަނޑުމެން ދިނީމު. އެއީ ވަޒީފާތަކަށް ނުނެރެ ތިބި މީހުންނާވެސް އެކު. ދެމުން މި ދަނީ އަދި މިހާރުވެސް ދެމުން މި ދަނީ. އެކަމަކު އާމްދަނީ ލިބޭނެ ހުރިހާ ގޮތެއް ނެތީމަ ދެން ކިހިނެތްތޯ އަޅުގަނޑުމެން ހޯދާނީ. ބެންކުތަކަށް ގޮސް ސަލާން ޖެހިގެން. އާންމު ފަރާތްތަކަށް ގޮސްވެސް ސަލާން ޖެހިގެން އަޅުގަނޑުމެންނަށް ލާރިއެއް ލިބޭތޯ،"

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ލިބުނު ގެއްލުމުން އަރައިގަނެ ކުންފުނި އާންމު ހާލަތަށް ގެންދިއުމަށްޓަކައި ސްޓޭޓް ބެންކް އޮފް ސިލޯނުން 1.6 މިލިއަން ރުފިޔާގެ ލޯނެއް ހަމަޖެހިފައިވާ ކަމަށާ ނަމަވެސް އަދި އެ ފައިސާ ނުލިބޭ ކަމަށް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ކޮވިޑްގެ ބަލިމަޑުކަމާއި ހަމައަށް ކުންފުނީގެ މުވައްޒިފުންނާއި ހަރަދުތަކަށް 3.2 މިލިއަން ޑޮލަރު މަހަކު ހޭދަ ކުރަމުން ދިޔަ ކަމަށެވެ. އަދި ކުންފުނީގެ ހާލަތު މުވައްޒިފުންނަށް ތެދަށް ކިޔައިދީފައިވާނެ ކަމަށާ އޮޅުވާލަން ކުރި ކަމެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"މުދާ އެބަހުރި. ނަމަވެސް އެ ވިއްކާލެވޭނެ ގޮތެއްވެސް ނެތް. އެހެންވީމަ މުސާރަ ކުޑަކުރީ އަޅުގަނޑުމެންގެ އަތުގައި އެއްޗެއް ނެތީމަ،" ގާސިމް ވިދާޅުވިއެވެ.