ގައުމީ ޔުނިވާސިޓީ

ގައުމީ ޔުނިވާސިޓީގެ ޗީފް ލައިބްރޭރިއަންގެ މަގާމަށް ޑރ. އާމާލް

ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ޗީފް ލަައިބްރޭރިއަންގެ މަގާމަށް ތައުލީމީ ދާއިރާގެ ހިދުމަތްތެރިއެއް ކަމަށްވާ ޑރ. އާމާލް އަލީ ހަމަޖައްސަވައިފި އެވެ. އެކަމަނާ އެ މަގާމަށް ހަމަޖައްސަވާފައިވަނީ އިއްޔެ އެ ޔުނިވާސިޓީގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ރައީސް ވަހީދުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަން ކުރެއްވި ޑރ. އާމާލް އަކީ ތައުލީމީ ދާއިރާއަށް ބޮޑެތި ހިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ޖެންޑާ މިނިސްޓަރަކަށް އެކަމަނާ އައްޔަން ކުރެއްވީ ޖުލައި 9، 2013 ގައެވެ.

އަމީނިއްޔާ ސުުކޫލްގެ ޓީޗަރު ކަމާއި ސުޕަވައިޒަރު ކަމާއި ޑެޕިއުޓީ ޕްރިންސިޕަލް ކަމާއި ޕްރިންސިޕަލްކަންވެސް ކުރެއްވި އާމާލް ވަނީ އެ ސުކޫލް ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިންގަވާފައެވެ. އެޑިއުކޭޝަން މިނިސްޓްރީގެ ފުރަތަމަ ޕާމަނަންޓް ސެކްރެޓަރީއަކީވެސް އެކަމަނާއެވެ. އަދި މަޖީދިއްޔާ ސުކޫލުވެސް އަހަރު ދުވަސް ވަންދެން ހިންގެވިއެވެ. އޭރު އެކަމަނާ ހުންނެވީ އެޑިއުކޭޝަންގެ އެގްޒެކްޓިވް ޑިރެކްޓަރެއްގެ ގޮތުގައެވެ.

އެންމެ ފަހުން އެކަމަނާ އަދާކުރެއްވީ މައި ކޮލެޖްގެ ރެކްޓަރު ކަމެވެ.

މީގެ އިތުުރުން ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރިއާގެ ޑީންގެ މަގާމަށް ޑރ. އަބްދުއްސައްތާރު އަބްދުއްރަހުމާން އަދި ހިތަދޫ ކެމްޕަސް މެނޭޖަރަކަށް އިދުހާމް ފަހުމީވެސް އިއްޔެ ވަނީ ހަމަޖައްސަވާފައެވެ.