ހަބަރު

ސްޓާރުން ތުނބުޅި ބަހައްޓާތީ އެކަހަލަ ގޮތެއް ހަދާލީ!

ސަރުކާރު ކޯލިޝަނުން ވަކިވެ، ސިޔާސީ ގޮތުން ގެނައި ބަދަލުގެ ތެރޭ އުނދަގޫ މަރުހަލާއަކާ ގާސިމް އިބްރީމަށް ކުރިމަތިވެވަޑައގެންނެވި އެވެ. އެފަދަ އެތަކެއް ހާދިސާގެ ތެރޭގައި ހުންނެވުމަށްފަހު ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ރާއްޖެއިން ބޭރަށް ވަޑައިގެން އަމިއްލަފުޅަށް އަރުވާލެއްވުނެވެ. ގާތްގަނޑަކަށް ދެމަހެއްހާ ދުވަހު ތައިލެންޑްގައި ހުންނެވި އެވެ. މައިދާން އޮބި ޖުލައި މަހުގެ މެދުތެރޭގައި އެނބުރި ވަޑައިގެންނެވި އިރު ގާސިމް ހުންނެވީ މުޅީން ބަދަލުވެފައެވެ. ޒަމާންވީ ސްޓައިލްވެސް ބަދަލު ކުރައްވާފައެވެ. ވަރުގަދަ އިސްތަށިގަނޑު ތުނިކޮށް ކޮއްޓަވައި ތުނބުޅިއެއް ވެސް ބަހައްޓާވާފައެވެ. ހަށިގަނޑު ހިއްކާލާފަ އެވެ.

ގާސިމްގެ "ލުކްސް" އަށް ގެންނެވި ބަދަލުތަކާގުޅޭ މާބޮޑު ސިއްރުތަކެއް ނެތެވެ. ނަމަވެސް އެކަން ވަނީ އޭރުންސުރެ މީހުންގެ ސަމާލުކަން ހޯދާފައެވެ. ބައެއް މީހުން ސަމާސާއަށް ޝޭހެއްގެ ގޮތުގައި ވެސް ގާސިމް ސިފަ ކުރިއެވެ. އެނޫން ބައެއް ވާހަކަތަކާއެކު ގާސިމްގެ ތުނުބުޅީގެ ފޮޓޯ ދައުރުކުރި ވަރެއްވެސް ނޭނގެ އެވެ.

މިރޭ ދިމާވީ ތަފާތު ގޮތެކެވެ؛ އެމަނިކުފާނުގެ އަމިއްލަފުޅު ޓީވީ ވީޓީވީން އެމަނިކުފާނާ އެ ސުވާލު ކުރިމަތި ކުރުވީ އެވެ. ގާސިމް ޖަވާބުވެސް ދެއްވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި ތުނބުޅި ބެހެއްޓެވީ "ވަރަށް ގިނަ ގޮތްގޮތުން ހިތްވަރުލިބިގެން" ނެވެ.

"ކޮންމެ މީހެއްގެ ހަޔާތުގައިވެސް ބަދަލުތަކެއް އަންނާނެ. ތުނބުޅިއާއި އިސްތަށިގަނޑަށް ގެނައި ބަދަލުގައި މާ ބޮޑު ކަމެއް ނެތް،" ގާސިމް ވިދާޅުވި އެވެ. "ތުނބުޅި ބެހެއްޓުމަކީ ރަސޫލާގެ ސުންނަތެއް ވެސްމެ. އެކަމަކު ހުސްއެކަނި އެއަށް ބަލައިގެނެެއްވެސް ނޫން. ދުނިޔޭގެ ހުރިހާ ތަނެއްގަ ފިލްމީ ސްޓާރުން ވެސް، ކުޅިވަރުކުޅޭ މީހުން ވެސް ސުޕަސްޓާރުން ވެސް، ހުރިހާ މީހުންވެސް މި ހުންނަނީ ތުނބުޅި ކޮންމެވެސް ވަރަކަށް ބަހައްޓާފަ. އެކަހަލަ ގޮތަކަށް މި ވީ،" ގާސިމް ވިދާޅުވި އެވެ.
މ