ފިނިޕޭޖް

ރަކުލް ޕްރީޓް ވެސް ރާއްޖެއަށް

ބޮލީވުޑް ބަތަލާ ރަކުލް ޕްރީތު ސިންގް އަށް ފާއިތުވީ ދުވަސްތަކުގައި އެއްގޮތަކަށް ވެސް ޗުއްޓީގައި ތަނަކަށް ދެވޭ ގޮތެއް ނުވި އެވެ. ލޮކްޑައުންގެ ސަބަބުންނާއި އޭގެ ކުރިން އުޅެން ޖެހުނުލެއް މާ ބިޒީ ވީމަ އެވެ. ނަމަވެސް މިހާރު އޭނާ ވަނީ ޗުއްޓީއަކަށް ވަގުތުކޮޅެއް ހުސްކޮށް އާއިލާ ގޮވައިގެން ރާއްޖެ އައިސްފަ އެވެ.

ރަކުލް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން އައީ މައިންބަފައިންގެ ކައިވެންޏަށް 31 އަހަރު ފުރުން ފާހަގަ ކުރުމަށެވެ.
ބުރާސްފަތި ދުވަހު ރަކުލް އާއި އޭނާގެ މައިންބަފައިން އަދި ބޭބެ އަމަން ޕްރީތު ރާއްޖެއަށް އައިސްފައިވާއިރު މައިންބަފައިންގެ ކައިވެންޏަށް އަހަރު ފުރުން ފާހަގަ ކުރަން ހަމަޖެހިފައިވަނީ ނޮވެމްބަރު 26 ވަނަ ދުވަހު އެވެ.

ރަކުލް ބުނި ގޮތުގައި ފާއިތުވީ އެތައް އަހަރަކުއްސުރެ އޭނަ އަށާއި ބޭބެ އަށް އެއްގޮތަކަށް ވެސް މައިންބަފައިންގެ ކައިވެންޏަށް އަހަރު ފުރޭ ދުވަސް ފާހަގަ ކުރަން ވަގުތު ހުސްކޮށް ދެވިފައެއް ނެތެވެ. ސިލްވަ ޖުބްލީ ފާހަގަ ކުރި އަހަރު ވެސް އެމީހުން ތިބީ މާ ދުރު ހިސާބުތަކެއްގަ އެވެ.

އޭނާ ބުނީ ރާއްޖެއަށް ކުރި ދަތުރަކީ އެނިވަސަރީ ފާހަގަ ކުރަން ކުރި ދަތުރެއް ނަމަވެސް އެ ދުވަސް ފާހަގަ ކުރާނީ ތަންކޮޅެއް ކުރިންނެވެ. ސަބަބަކީ ނޮވެމްބަރު 24 ގައި އޭނާއަށް އެނބުރި މުމްބައި އަށް ދާން ޖެހޭތީ އެވެ.

"މަންމަ އަށާއި ބައްޕަ އަށް ގޮނޑުދޮށުގައި ވަރަށް ރޮމެންޓިކް ޑިނާ އެއް އިންތިޒާމް ކޮށްފަ ވާނީ،" ރަކުލް ބުންޏެވެ.
ރަކުލް ބުނީ މައިންބަފައިންނާއެކު ޗުއްޓީއެއް ހޭދަކޮށް ނުލެވޭތީ 10 ވަރަކަށް އަހަރު ވެއްޖެ ކަމަށެވެ. އެމީހުންނާ ދުރުގައި ވަކިން އުޅެން ޖެހުމުގެ ސަބަބުންނެވެ.

ލޮކްޑައުންއަށް ފަހު އަލުން ފިލްމުތަކުގެ ޝޫޓިންގްތައް ފެށީއްސުރެ ވަރަށް ބުރަކޮށް އުޅެމުންދާ ކަމަށް ވެސް ރަކުލް ބުންޏެވެ.
"އަލުން ޝޫޓިން ފެށިފަހުން ތަމަޅަ ފިލްމެއްގެ މަސައްކަތް ކޮށް ނިންމާލައިފިން. އަދި އަރްޖުން ކަޕޫރާއެކު ކުޅޭ "ސަރްދާރް އެންޑް ގްރޭންޑްސަން"ގެ ބައެއް ވެސް ފުރިހަމަ ކޮށްފިން،" ރަކުލް ބުންޏެވެ. ނަމަވެސް މިވަގުތު އޭނާ އެއްވެސް ވަރަކަށް ފިލްމީ މަސައްކަތާ ދޭތެރޭ ނުވިސްނަ އެވެ.

"އަހަރެމެން ސްކޫބާ ޑައިވިން އާއި ހޯވަބޯޑިން އަދި ޖެޓް ސްކީން ފަދަ ވަރަށް ގިނަ ކަންތައްތައް ކުރަން މިދަނީ ތައްޔާރުވަމުން،" ރަކުލް ބުންޏެވެ.

ޗުއްޓީއަށް ފަހު އެނބުރި ގޮސް ރަކުލް ޝޫޓްކުރަން ހަމަޖެހިފައިވާ އެއް ފިލްމަކީ އަޖޭ ދޭވްގަންގެ "މޭޑޭ" އެވެ. އަޖޭ ޑައިރެކްޓް ވެސް ކުރާ މިފިލްމުގައި އަމީތާބު ބައްޗަން މުހިއްމު ރޯލެއް ކުޅެ އެވެ.