ދިރިއުޅުން

ސަލާންޖަހަން އުޅުނު ކުއްޖާ މަޝްހޫރު ޝެފަކަށް

ސޭޝް ސިމްޕްސަން އަކީ ކެނެޑާގެ މުއްސަނދިންގެ ކެއުން ތައްޔާރުކޮށްދޭ މަޝްހޫރު ޝެފެކެވެ. އެމީހުންނަށް އަގު ބޮޑު ވައްތަރުތަކުގެ ކާނާ ތައްޔާރުކޮށްދިނުމުގައި އޭނާ ފަދަ ދެ ވަނަ މީހަކު ނެތެވެ.

ނަމަވެސް ސޭޝް 40 އަހަރު ކުރިން އިންޑިޔާގެ މަގުމަތީގައި ސަލާން ޖަހަން އުޅުނު ކުޑަ ކުއްޖެކެވެ. ކޮއިމްބަތޫރުގެ ރެސްޓޯރަންޓްތަކުގެ ފުރަގަހުގައި ބަހައްޓާފައި ހުންނަ ކުނިއަޅާ އެއްޗިއްސަށް އުކާލާ ކާ އެއްޗެތި ކައިގެން އުޅުނު ކުއްޖެކެވެ.
ޔަތީމުޚާނާއެއްގައި މަސައްކަތްކުރާ ބަޔަކަށް އެއްދުވަހަކު ސޭޝް ފެނުނެވެ. ބަސް ސްޓޭޝަނެއްގައި ސަލާން ޖަހަން އުޅެނިކޮށެވެ. އެންމެ އަހަރުގެ ސޭޝް އޭރު ދިރިއުޅެމުންދިޔައީ ސިނަމާއެއްގެ އެތެރޭގައިވާ ތަޅުންގަނޑުގަ އެވެ. ސިނަމާގެ ތަޅުންގަނޑު ކޮންމެ ދުވަހަކު ސާފުކޮށްދޭ މަތިން އޭނާ އެތަނުގައި އޮންނަން ހުއްދި ލިބިފައިވާތީ އެވެ. ޔަތީމުޚާނާގައި މަސައްކަތްކުރާ މީހުން ސޭޝް ކައިރިއަށް ގޮސް އެމީހުންނާއެކު ޔަތީމުޚާނާއަށް ދާން އެއްބަސް ކުރުވި އެވެ. ސޭޝް ބުނާ ގޮތުގައި އޭނާގެ ހަޔާތުގެ ދަތުރު ފެށުނީ އެހިސާބުންނެވެ.

"ބުނެވޭނީ ހަމަ ވަގުތު ޖެހުނީމަ އެކަން އެގޮތަށް ވިއްޔޭ. ސަބަބަކީ އެމީހުންނަށް އަހަރެން ހުރި ދިމާލަށް ބަލާލުން އެއް ސިކުންތު އަވަސްވި ނަމަވެސް އަދި އެއް ސިކުންތު ލަސް ވި ނަމަވެސް އެމީހުންނަށް އަހަރެން ނުފެނުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" ދާދިފަހުން 50 ވަނަ އުފަން ދުވަސް ފާހަގަކުރި ސޭޝް ބުންޏެވެ. އުފަން ދުވަސް ފާޙަގަ ކުރިޔަސް ސޭޝް އަކަށް އޭނާގެ އުމުރެއް އަދި އުފަން ތާރީޚެއް ނޭނގެ އެވެ.

"އަހަންނަކީ މުއުޖިޒާތެއް ފަދަ ކަމެއް ދިމާވެދާނެ ކަމަށް އަބަދުވެސް ގަބޫލުކުރާ މީހެއް. އަދި އެގޮތަށް އަހަންނަށް އެކަން ދިމާވީ ވެސް،" ސޭޝް ބުންޏެވެ.

ކެނެޑާގެ ޓޮޕް ޝެފުންގެ ތެރޭގައި މިހާރު ހިމެނޭ ސޭޝް ވަނީ އޭނާގެ އަމިއްލަ ރެސްޓޯރަންޓެއް ވެސް މިދިޔަ އަހަރު ހުޅުވާފަ އެވެ. މިހާރު އޭނާއަށް ލިބިފައިވާ މުއްސަނދިކަމަކީ މީގެ 45 އަހަރު ކުރިން އޭނާ ހުވަފެނަކުން ވެސް ދެކެފައިވާ ފަދަ ކަންކަމެއް ނޫނެވެ.
މުއްސަނދިކަމުން އިންސާނަކަށް ލިބޭނެ ހުރިހާ އެއްޗެއް މިހާރު ސޭޝް އަށް ވެސް ލިބިފައި ވެއެވެ. ކޮވިޑްގެ ސަބަބުން މިހާރު އޭނާގެ ރެސްޓޯރަންޓް ގިނަ ފަހަރަށް ހުހަށް އޮތް ނަމަވެސް އަދި ވިޔަފާރި ރަނގަޅުވާނެ ކަމަށް އޭނާ އުންމީދުކުރެ އެވެ.

ކުޑައިރުގެ މާގިނަ ހަނދާންތަކެއް ސޭޝްގެ ނެތެވެ. ރޭލް ޓްރެކެއްގެ ކައިރީގައި ކުޑަ ޖިފުޓިގަނޑެއްގައި އުޅޭ ހަނދާން ވަރަށް ކުޑަކުޑަކޮށް އޭނާގެ ހުރެ އެވެ. މަންމަނު ބަހުން ވާހަކަ ދައްކާ އޭނާގެ ބައްޕަ ދުންފަތް ފެކްޓްރީއެއްގައި މަސައްކަތް ކުރާ ހަނދާން އޭނާ ވަރަށް ކުޑަކުޑަކޮށް ވެއެވެ. އޭނައަށް ވުރެ ދޮށީ ދެ ކުއްޖަކު ހުންނަ ހަނދާނެއް ވެސް ވެއެވެ. ރޭގަނޑު ހަތަރު ދަމު އެއް ރޭލު މަތިން އަނެއް ރޭލު މަތިން ފުންމަ ފުންމާފައި އުޅޭ ހަނދާނެވެ. އޭނާގެ އެޑޮޕްޝަން ފައިލް އޭނާއަށް ފެނުނީ ދާދި ފަހުންނެވެ. އެ ފައިލްގައިވާ މައުލޫމާތުތަކުގައިވާ ގޮތުން އޭނާގެ މަންމަ ފިރިހެނަކާއެކު ފިލައިގެން ދިޔައީ އެވެ. އަދި ސޭޝްގެ ބޭބެއަކު އޭނާ ޓްރެއިން ސްޓޭޝަނުގައި ބަހައްޓާފައި ދިއުމުން އޭނާއަށް އެމީހުން ވެސް ގެއްލުނީ އެވެ. މިއީ އެޑޮޕްޝަން ފައިލްގައި އޭނާއާ ބެހޭ ގޮތުން ލިޔެފައިވާ ވާހަކަ ތަކެކެވެ. އެ ހަނދާންތައް މިހާރު އެއްގޮތަކަށް ވެސް އޭނާގެ ނެތެވެ.

"އަހަންނަކަށް ނޭނގެ އިންޑިޔާގެ ކޮން ހިސާބެއްގެ މީހެއް ކަމެއް އަހަރެން މީ. އަހަރެން ގޭގެ ގޮތުގައި ބަލަނީ ޔަތީމުޚާނާގެ މީހުން އަހަރެން ގެންދިޔައިރު ދިރިއުޅެމުން ދިޔަ ތަނަށް،" ސޭޝް ބުންޏެވެ.

ސޭޝް ގެންދިޔަ ޔަތީމުޚާނާއަކީ ކެނެޑާގެ ނޮން-ޕްރޮފިޓް އޮގަނައިޒޭޝަނަކުން ހިންގަމުންދިޔަ ތަނެކެވެ. އެ ޔަތީމުޚާނާގައި މުޅިން ވެސް ތިބީ މައިންބަފައިން ނުބަލާ މަގުމައްޗަށް ދޫކޮށްލާފައި ތިބި ކުދިންނެވެ. އެ ޔަތީމުޚާނާގައި ތިބި ވަރަށް ގިނަ ކުދިން އެކި މީހުން އެޑޮޕްޓްކޮށްގެން ގެންދިޔަ އެވެ. ބައެއް ބޮޑެތި ކުދިން އެ ތަނުގައި ތިބެ ކިޔަވައިގެން ވަޒީފާ ހޯދައިގެން ވެސް އަމިއްލައަށް އުޅެވޭ ވަރު ވީމަ އެތަނުން ދިޔައީ އެވެ.

ނަމަވެސް ކުޑަކުޑަ ސޭޝްގެ އޭރު ވެސް މިޝަން އެއް އޮތެވެ. އެ ޔަތީމުޚާނާ ހިންގާ އޮގަނައިޒޭޝަންގެ ބާނީ ސަންޑްރާ ސިމްޕްސަންގެ ހަނދާން ސޭޝް ކުޑަކޮށް ހުރެ އެވެ. ރަންކުލައިގެ އިސްތަށިގަނޑެއް ލީ ދިގު މީހެއްގެ ހަނދާނެވެ. އޭނާ ޔަތީމުޚާނާ އަށް އަންނަ ކޮންމެ ފަހަރަކު ސޭޝް އޭނާގެ ސްކާޓަށް ހިފާ ދަމަ ދަމާފައި "މަމީ އަދި "ކެނެޑާ" އޭ ކިޔަ އެވެ.

"އޭނާ (ކުޑަ ސޭޝް) އަހަންނާއެކު ކެނެޑާއަށް އަންނަ ހިތުން ވަރަށް ވަރެއް ދެއްކި،" މިހާރު ކެނެޑާގެ މޮންޓްރިއަލްގައި ކުޑަކުދިން ބެލެހެއްޓުމުގެ މަސައްކަތުގައިއުޅޭ 83 އަހަރުގެ ސިމްޕްސަން މި ރިޕޯޓަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައި ވެއެވެ.

"އަހަރެން އޭނަ ކައިރި ބުނިން އޭނަ އެޑޮޕްޓްކުރާނެ އާއިލާއެއް ހޯދާދޭނަމޭ. އެކަމަކު ތަންކޮޅެއް ދޮށީ ކުއްޖަކަށް ވާތީ އެޑޮޕްޓްކުރާނެ ބަޔަކު ނުވި. އެހެންވެ އަހަރެމެން އޭނާ އެޑޮޕްޓްކުރަން ނިންމީ،" ސިމްޕްސަން ބުނެފައި ވެއެވެ.

ސޭޝް އެޑޮޕްޓްކުރި ސިމްޕްސަން އާއިލާގައި އޭނާ ނޫނަސް އެޑޮޕްޓްކޮށްފައިވާ 20 ކުދިންނާއި ފޮސްޓާޑް ދެ ކުދިން އަދި އެމީހުންގެ އަމިއްލަ ހަތަރު ދަރިންނާއެކު 26 ކުދިން ތިއްބެވެ.

މި ކުދިންގެ ތެރޭގައި ތަފާތު ގައުމުތަކުން އައިސް ތިބި ކުދިން ތިއްބެވެ. އަހުލީ ހަނގުރާމަތައް ކުރަމުންދިޔަ ގައުމުތަކުން ހާލުގައި ޖެހުނު ކުދިންނާއި ބަނޑުހައިހޫނުކަން ބޮޑުވެފައިވާ ފަގީރު ގައުމުތަކުގެ ތެރެއިން އީކުއޭޑޯ އާއި އަލްސަލްވަޑޯ ފަދަ ގައުމުތަކުގެ ކުދިން ސެމްޕްސަން އާއިލާއިން އެޑޮޕްޓްކުރި ކުދިންގެ ތެރޭގައި ހިމެނެ އެވެ. މީގެ ތެރެއިން ވެސް ގިނަ ކުދިންނަކީ އިންތިހާއަށް ނުކުޅެދުންތެރިކަން ހުރި ކުދިންނެވެ.

ސިމްޕްސަންގެ ކައިރީގައި އުޅެމުން ސޭޝް އެންމެ ފުރަތަމަ ވަޒީފާއެއް ހޯދީ 12 އަހަރުގަ އެވެ. ނޫސްބަހާ ވަޒީފާ އެކެވެ. އުމުރުން 14 އަހަރުގައި ރެސްޓޯރަންޓެއްގެ ދަށި ދޮންނަ ވަޒީފާއެއް އޭނާއަށް ލިބުނެވެ.

އޭނާ އެޑޮޕްޓްކުރި އާއިލާއިން އޭނާއަށް ކިޔަވައިދޭން ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެންމެ ކިޔަވަންވީ އުމުރު ސަލާންޖަހަން މަގުމަތީގައި އުޅެން ޖެހުމުގެ ސަބަބުން އޭނާ ހުރީ މުޅިން ކިޔަވާހިތް ކެނޑިފަ އެވެ. ވަރަށް ހިތްވަރުން ވެސް އޭނާއަށް ދެވުނީ 12 ވަނަ ގްރޭޑާ ހަމައަށެވެ. އެހިސާބުން ފާސް ނުވެގެން ތައުލީމީ ހަޔާތު ނިންމާލަން ޖެހުނީ އެވެ.

ދެން އޭނާ ފެށީ ރެސްޓޯރެންޓެއްގެ ބަދިގޭގެ މަސައްކަތެވެ. މިގޮތަށް މަސައްކަތްކުރަމުން ގޮސް 1993 ގައި އޭނާއަށް ނޫހަކުން ވަޒީފާއެއްގެ އިޝްތިހާރެއް ފެނުނެވެ. އެ ސިޓީގައިހުރި މަޝްހޫރު ރެސްޓޯރަންޓެއްގެ ކައްކާއެއްގެ ވަޒފާ އެވެ. އެފަދަ ރެސްޓޯރަންޓަކުން ކައްކާ އެއްޗެއް އޭނާ ދުވަހަކުވެސް ރަހަ ވެސް ބަލާފައެއް ނެތެވެ. އެފަދަ ތަނެއްގައި އޭނާ ކައްކާނީ ކިހިނެއް ހެއްޔެވެ؟ ނަމަވެސް ހިތްވަރުކޮށްފައި އެ ރެސްޓޯރަންޓުގެ ބަދިގެ ދޮރުގައި އޭނާ ތަކި ޖެހި އެވެ. ނަމަވެސް ޝެފް އަކަށް ހުރި މީހާ އޭނާ އެތަނުން ބޭރު ކުރީ އެވެ.

އެވަރުން ވެސް އޭނާ ހިތްވަރު އެލުވައެއް ނުލަ އެވެ. ދެ ވަނަ ފަހަރަށް އަދި ތިން ވަނަ ފަހަރަށް ވެސް ގޮސް ޝެފް ކައިރީގައި އޭނާއަށް ވަޒީފާއެއް ދޭން އާދޭސް ކުރި އެވެ. އެންމެ ފަހުން ޝެފް ބޮލަށް އުނދަގޫވެގެން އޭނާ އަށް ވަޒީފާއެއް ހަމަޖެއްސި އެވެ. ތިން މަސް ދުވަހު މުސާރަ ނުލިބޭ ގޮތަށް ދިން ވަޒީފާ އެކެވެ. އެތަނުން އޭނާ މޮޅަށް ސެލެޑް ފަދަ އެއްޗެތި ހަދަން ދަސްކުރި އެވެ. އަދި ކެއްކުމުގެ ހުނަރު ފައްކާ ކުރި އެވެ. އަދި 2003 ގައި އެގްޒެކެޓިވް ޝެފް އަކަށް ވިއެވެ. ތަފާތު އިވެންޓްތަކާއި ގާލާ ތަކަށް ކެއުން ތައްޔާރުކުރުމުގައި އެންމެ އިސްކޮށް މަސައްކަތްކުރާ މީހަކަށް ވިއެވެ.
އޭނާގެ ހަޔާތުގެ ބައިވެރިޔާ ރޮބިން ޕިޗާ އާ ބައްދަލުވީ މިފަދަ އިވެންޓަކުންނެވެ. ރޮބިން އަކީ އިވެންޓް ޕްލޭނާ އެކެވެ. މިހާރު އެ ދެ މީހުން ކައިވެނިކުރިތާ ނުވަ އަހަރު ފުރިއްޖެ އެވެ. އަދި ދެ ދަރިން ވެސް ލިބިއްޖެ އެވެ.

ރެސްޓޯރަންޓުން ކުނިއެއްޗަށް އަޅާލާ ކާ އެއްޗެތި ކައިގެން އުޅުނު ކުއްޖެއް އޭގެ 40 އަހަރު ފަހުން ދުނިޔޭގެ މުއްސަނދި ގައުމެއްގެ ބޮޑު ރެސްޓޯރެންޓެއްގެ ވެރިއަކަށް ވެދާނެކަމަށް ގަބޫލުކުރާނީ ކާކު ހެއްޔެވެ؟ ސޭޝް އަކީ މިފަދަ "މުއުޒިޒާތެއް" ވެސް ހަމަ ދިމާވެދާނެކަން ސާބިތުކޮށްދީފަ އެވެ.