ފިނިޕޭޖް

ނެށުންތެރިޔާ ޕްރަބޫ ދޭވާ ސިއްރުން ކައިވެނިކޮށްފި

ބޮލީވުޑްގެ އެކްޓަރު، ޑައިރެކްޓަރު އަދި ނެށުންތެރިޔާ ޕްރަބޫ ދޭވާ ވަރަށް ސިއްރުން ކައިވެނި ކޮށްގެން އުޅެނިކޮށް އެކަން ފަޅާ އަރައިފިކަމަށް އިންޑިޔާގެ ނޫސްތަކުން ބުނެފި އެވެ. މި ޚަބަރުތައް ނޫސްތަކުގައި ޝާއިއު ކުރަން ފެށުމުން އެއީ ތެދެއް ކަން ޕްރަބޫގެ ބޭބެ ރާޖޫ ސުންދަރަމް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދީފައިވާ އިންޓަވިއު އެއްގައި ރާޖޫ ބުނީ ޕްރަބޫ އަލުން ކައިވެނި ކުރުމަކީ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ލަވަތައް ކޯރިއޮގްރާފް ކުރުމުގެ ރޮނގުން ވެސް ވަރަށް ބޮޑު ކާމިޔާބެއް ހޯދާފައިވާ ޕްރަބޫ ކައިވެނިކުރީ އޭނާގެ ފިޒިއޮތެރަޕިސްޓް ޑރ. ހިމާނީ އެވެ. ޕްރަބޫގެ ބުރަކައްޓާއި ފައިގައި ހުރި ތަދަކަށް ފަރުވާ ކޮށްދިނީ ހިމާނީ އެވެ.
ދެ މީހުންގެ ލޯބީގެ ގުޅުން ފެށުނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކަމަށާއި އެކުގައި ދެ މަހެއްހާ ދުވަހު ދިރިއުޅުމަށް ފަހު ކައިވެނިކުރީ މިދިޔަ މޭ މަހު ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އެ ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން އިންޑިޔާ ލޮކްޑައުން ކޮށްފައިވާ ދުވަސް ވަރަކަށް ވާތީ ކައިވެނީގެ ރަސްމިއްޔާތު ބޭއްވީ ޗެންނައިގައި ހުންނަ ޕްރަބޫގެ ގޭގައި ވަރަށް ކުޑަކުޑަ ރަސްމިއްޔާތެއްގެ ގޮތުގަ އެވެ.

ޕްރަބޫގެ އާއިލާއަށް ވެސް އަދި ދެ ފަހަރަކު ނޫނީ ހިމާނީ އާ ބައްދަލުވެފައި ނެތް ކަމަށާއި ނަމަވެސް ދާދިފަހުން އާއިލާގެ އެންމެން ބައިވެރިވާ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެހެން ނަމަވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ޕްރަބޫ އާ ބެހޭ ގޮތުން ދައްކަނީ މުޅީން އެހެން ވާހަކަ އެކެވެ. އެ ޚަބަރުތައް ބުނާ ގޮތުން ޕްރަބޫ އުޅެނީ އޭނާއަށް ބޮޑުބޭބެ ކިޔާ ކުއްޖަކާ ލޯބިވެގެން އެ ކުއްޖާ އާ ކައވެނި ކުރާށެވެ.
ޕްރަބޫ އަކީ ޒާތީ ދިރިއުޅުން މީޑިއާއަށް ފޮރުވައިގެން އުޅޭ މީހަކަށް ވާތީ އޭނާގެ ޚަބަރުތައް ވަރަށް އޮޅުން ނުފިލަ އެވެ. ނަމަވެސް ފުރަތަމަ އަނބިމީހާ ރާމްލަތާ ވަރިކުރި ދުވަސްވަރު އެ ޚަބަރުތައް ވަރަށް ގިނައިން މީޑީއާތަކުގައި ލިޔެފައި ވެއެވެ.
ޕްރަބޫ އޭނާގެ ފުރަތަމަ އަނބިމީހާ ވަރިކުރީ ސައުތު އިންޑިޔާ ފިލްމުތައް ކުޅޭ މަޝްހޫރު ބަތަލާއެއް ކަމަށްވާ ނަޔަންތާރާ އާ ލޯބީގެ ގޮތުން ގުޅިގެން ގިނަ ދުވަސް ތަކެއް ވަންދެން އުޅުމަށް ފަހުގަ އެވެ.

ޕްރަބޫ އާއި ފުރަތަމަ އަންހެނުން ރާމްލަތާގެ ދަރިންގެ ތެރެއިން ދޮށީ ދަރިފުޅު 2008 ގައި ކެންސަރު ބަލީގައި ވަނީ މަރުވެފަ އެވެ.

ފިލްމި ރޮނގުން ބަލާއިރު ޕްރަބޫއަށް ކުރިޔަށް އޮތް ދުވަސް ތަކަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހިފައިވާ ދުވަސް ތަކެކެވެ. ސަލްމާން ޚާންގެ "ރާދޭ: ޔުއަ މޯސްޓް ވޯންޓަޑް ބާއީ" ޑައިރެކްޓް ކުރަނީ އޭނާ އެވެ. ފަހުގެ ޚަބަރުތައް ބުނާ ގޮތުން މި ފިލްމު ރިލީޒްކުރާނީ 2021 ގައި އަންނަ ފިތުރު އީދުގަ އެވެ.

މި ނޫނަސް ސައުތު އިންޑިޔާގެ ވަރަށް ގިނަ ފިލްމުތަކެއްގައި ޕްރަބޫ ދަނީ މަސައްކަތް ކުރަމުންނެވެ.