ފިނިޕޭޖް

ކޮމޭޑިއަން ބާރްތީ ޑްރަގް ބޭނުންކުރާ ކަމަށް އެއްބަސްވެއްޖެ

ޑްރަގް އަތުގައި ބަހައްޓާ އަދި އެ ބޭނުންކުރާ ކަމުގެ ތުހުމަތުގައި އިންޑިޔާގެ އަންހެން ކޮމޭޑިއަން ބާރްތީ ސިންގް އާއި ފިރިމީހާ ހަރްޝް ހައްޔަރު ކޮށްފި އެވެ. އަދި ޑްރަގް ގެންގުޅެ ބޭނުންކުރާ ކަމަށް އެ ދެމަފިރިން މިހާރު އެއްބަސް ވެފައިވާ ކަމަށް ވެސް އިންޑިޔާގެ ނޫސްތަކުން ބުނެ އެވެ.

ބާރްތީ ހައްޔަރުކުރީ މުމްބައިގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން މިހާރު ބަލަމުންދާ ސުޝާންތު ސިންގް ރާޖްޕޫތުގެ މަރާއި ޑްރަގާ ގުޅޭ މައްސަލަތަކެއްގައި ކުރަމުން އަންނަ ތަހުގީގަށް ހައްޔަރުކުރި ޑްރަގްގެ ވިޔަފާރިކުރާ މީހެއްގެ މައުލޫމާތުގެ މައްޗަށެވެ.

އެމީހާ ދިން މައުލޫމާތުގެ އަލީގައި އެންސީބީން ވަނީ ބާރްތީގެ ގެ އާއި އޮފީހަށް ވަދެ އެ ދެ ތަން ފާސް ކޮށްފަ އެވެ. އަދި އެ ދެ ތަނުން މަސްތުވާ ތަކެތި ފެނިފައިވާ ކަމަށް އެންސީބީގެ އޮފިޝަލް ވަނީ ބުނެފަ އެވެ.

އާދިއްތަ ދުވަހު ބާރްތީ އާއި ހަރްޝް ކޯޓަށް ހާޒިރުކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ދެމަފިރިންގެ މެޑިކަލް ޓެސްޓްތައް ވެސް މިއަދު ހަދާނެ އެވެ.

ސޮނީ ޓީވީން ދައްކާ ވަރަށް ގިނަ ބަޔެއްގެ މަގްބޫލުކަން ހޯދާފައިވާ ޑާންސް ރިއަލިޓީ ޝޯ "އިންޑިއާޒް ބެސްޓް ޑާންސާ"ގެ ހޯސްޓަކީ ވެސް ބާރްތީ އާއި ފިރިމީހާ ހަރްޝް އެވެ. މި ޝޯގެ ގްރޭންޑް ފިނާލޭ މިރޭ ދައްކަން ވަނީ ހަމަޖެހިފަ އެވެ. އަދި މި ޝޯގެ ޝޫޓިން ބާރްތީ ހައްޔަރުކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

ސުޝާންތުގެ މަރާ ގުޅިގެން އޭނާއަށް ޑްރަގް ދީ އެ ގަނެ ހަދާފައިވާކަމުގެ ތުހުމަތުގައި އޭނާގެ ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ވެސް ހައްޔަރުކުރި އެވެ. ނަމަވެސް އޭނާ ވަނީ ބެއިލްގެ ދަށުން މިހާރު މިނިވަން ކޮށްފަ އެވެ. އަދި ބޮލީވުޑްގެ ވަރަށް ގިނަ ތަރިންނާ ވެސް އެންސީބީ އަށް ހާޒިރުކޮށް ސުވާލުކޮށްފައި ވެއެވެ. އެއީ ސުޝާންތުގެ މެނޭޖަރާއި ދީޕިކާ ޕަދުކޯންގެ މެނޭޖަރާ ދެ މީހުންގެ ފޯނުންތަކުން ފެނުނު ވަޓްސްއަޕް މެސެޖްތަކެއްގައި މަސްތުވާ އެއްޗެތީގެ މުއާލާމާތު ކަމަށް ބެލެވޭ ވާހަކަތަކެއް ދައްކާފައިވާ އެކްޓަރުން ތަކެކެވެ.