ލައިފްސްޓައިލް

މީހަކު ހަތަރު ފަހަރަށް މަރުން ސަލާމަތްވެއްޖެ

އިނގިރޭސި ވިލާތު ޗެރިޓީ މަސައްކަތް ކުރާ މީހަކު ކޮރޯނާވައިރަހާއި ޑެންގީ އަދި މެލޭރިޔާ ޖެހި ރަނގަޅުވިތާ މާ ގިނަ ދުވަހެއް ނުވެ އަނެއްކާ ވިހަގަދަ ހަރުފައެއް ވިހަލައިގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ. ނަމަވެސް ކުރީ ފަހަރު ތަކެކޭ އެއްފަދައިން މިފަހަރު ވެސް އޭނާގެ ފުރާނަ ވަނީ ވަރަށް އާދަޔާޚިލާފު ގޮތަކަށް ސަލާމަތްވެފަ އެވެ.

އިއާން ޖޯންސް ނަމަކަށް ކިޔާ މި މީހާ މިވަގުތު އުޅެނީ ޗެރިޓި މަސައްކަތްތަކެއްގައި އިންޑިޔާގެ ރާޖަސްތާނުގެ ޖޯދްޕޫރު ޑިސްޓްރިކްޓްގެ އަވަށްތަކެއްގަ އެވެ. އޭނާ ގަޔަށް ހަރުފަ ވިހަލީ އެ ހިސާބުގަނޑުގައި އުޅެނިކޮށެވެ. އަދި މިހާރު އެޑްމިޓްކޮށްފައި އޮތީ ޖޯދްޕޫރު ސިޓީގެ ހޮސްޕިޓަލެއްގަ އެވެ.

އިއާން އަށް ފަރުވާ ދެމުންދާ ހޮސްޕިޓަލުން ވާހަކަ ދެއްކި ޑރ. އަބީޝެކް ޓާޓާރް ވިދާޅުވި ގޮތުގައި މިދިޔަ ހަފުތާގައި އިއާން އެ ހޮސްޕިޓަލަށް ގެނައީ ހަރުފައެއް ވިހަލައިގެން ހާލު ބޮޑުވެގެންނެވެ. އެންމެ ކުރިން ޑޮކްޓަރުން ހީކުރީ އޭނާއަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭނާ އަކީ ކުރިން ކޮވިޑް ޖެހި ފަސޭހަ ވެފައިވާ މީހަކަށް ވިޔަސް އަލުން ބަލި ޖެހުނީ ކަމަށް ޑޮކްޓަރުންނަށް ޝައްކުވި އެވެ. ނަމަވެސް ޓެސްޓް ކުރިއިރު ކޮވިޑަށް އޭނާ ނެގެޓިވް ކަމަށް އަބީޝެކް ވިދާޅުވި އެވެ.

ހަރުފަ ވިހަލައިގެން ލޯ ފުސްވެ ހިނގަން އުނދަގޫވެ ވަރަށް ގިނަ މައްސަލަތައް އިއާނަށް ކުރިމަތިވީ ނަމަވެސް އޭނާގެ ހާލު ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ވިދާޅުވި އެވެ. އިއާންގެ ދަރިފުޅު ސެބް ޖޯންސް ބުނީ އޭނާގެ ބައްޕަ އަކީ ވަރަށް ވަރުގަދަ އަށް ބަލިތަކާ ހަނގުރާމަކުރާ ހަނގުރާމަވެރިއެއް ކަމަށެވެ.

"ބައްޕައަށް ކޮވިޑް ޖެހުމުގެ ކުރިން މެލޭރިއާ ޖެހުނު. އަދި އޭގެ ފަހުން ޑެންގީ ޖެހުނު. ފަހުން ކޮވިޑް ޖެހިގެން ވެސް އެހާ ބޮޑުވަރުވި. ކޮންމެ ފަހަރަކު ވެސް ބައްޕަގެ ހާލު ވަރަށް ދެރަވެފައި ރަނގަޅުވީ. މިފަހަރު ހަރުފަ ވިހަލައިގެން ވެސް އެހާ ބޮޑުވަރު ވެފައި ވެސް ބައްޕަގެ ފުރާނަ ވަނީ ސަލާމަތް ވެފައި،" އިއާންގެ ދަރިފުޅު ބުންޏެވެ.

އިއާން އިންޑިޔާ އަށް ގޮސް އުޅެނީ ބަނޑުހައިހޫނުކަމުގައި އުޅޭ ނިކަމެތިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތަކެއް ކުރުމަށެވެ.