ކުޅިވަރު

ސްޕާސް އަތުން ސިޓީ ބަލި، ޔުނައިޓެޑް ވީ މޮޅު

މެންޗެސްޓާ ސިޓީގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި ޓޮޓެންހަމް ހޮޓްސްޕާސް އިން ތާވަލުގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.

ލަންޑަންގެ ގައި ހުންނަ ސްޕާސްގެ ސްޓޭޑިއަމްއަށް ސިޓީ ދަތުރު ކުރީ ބުރާސްފަތި ދުވަހު އެ ޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ އިތުރު ދެ އަހަރަށް ޓީމުގައި މަޑު ކުރަން އިއުލާން ކުރުމަށް ފަހު އެވެ. ގާޑިއޯލާގެ ކުރިމަގާ ބެހޭގޮތުން ސުވާލު އުފެދިފައި ވަނިކޮށް އޭނާ ކޮންޓްރެކްޓް އާ ކުރުމަކީ ސިޓީއަށް ލިބިގެން ދިޔަ ބޮޑު ހިތްހަމަ ޖެހުމެކެވެ. އެ ހިތްހަމަ ޖެހުމުގައި ގާޑިއޯލާ ކުރިމަތިލީ އޭނާގެ އެންމެ ބޮޑު ވާދަވެރިޔާގެ ގޮތުގައި މިޑީއާއިން ސިފަ ކުރާ ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ އާ އެވެ. މި މެޗުގެ ފޯރި އިތުރަށް ގަދަ ވެފައި ވަނީ ވެސް އެ ދެ ކޯޗުންގެ ވާދަވެރި ކަމާ ގުޅުވައިގެންނެވެ.

ގާޑިއޯލާގެ ޓީމުން މަސައްކަތް ކުރީ އޭނާގެ އާންމު ގޭމް ކުޅުމަށެވެ. ޕޮޒިޝަން ހިފަހައްޓައި ގިނަ ޕާސްތަކެއް ޖަހައިގެން ސްޕާސްގެ ޓީމާ ދެކޮޅަށް ހަމަލާ އުފެއްދުމަށެވެ. އެހެންޗނަމަވެސް އެކަންވީ އުނދަގޫ ކަމަކަށެވެ. މޮރީނިއޯގެ ޓީމުން މަސައްކަތް ކުރީ ސިޓީގެ ޓީމު ވަށައި ބައްދާލުމަށެވެ. އަދި ކައުންޓަ އެޓޭކްގައި ހަލުވި ބޯޅަތަކެއް ލައިގެން ކައުންޓަ އެޓޭކު އުފެއްދުމަށެވެ. އެ ޓީމުގެ ދެ ގޯލްޗވެސް ކާމިޔާބު ކުރީ އެ ސިސްޓަމަށް ކުޅެގެންނެވެ.

ޓޮޓެންހަމްގެ ފުރަތަމަ ލަނޑު މެޗުގެ ފަސް ވަނަ މިނެޓްގައި ސަން ހިއުންގް މިން ކާމިޔާބު ކުރީ ޓޮޑީ ނޮޑެމްބެލޭ ދިން ޑައިރެކްޓް ހަލުވި ބޯޅައިންނެވެ. ސިޓީގެ ހާފުގެ ތެރޭގައި ސަން މިއުންގް ހުރީ އޮފްސައިޑް ޕޮޒިޝަނުން ސަލާމަތް ވެގެންނެވެ. ނޮޑެމްބެލޭ ދިން ބޯޅަ ހިފައިގެން އޭރިއާ ހަމައަށް ގޮސް ސަން ވަނީ ސިޓީގެ ކީޕަރު އީޑަސަންއަށްވެސް އެއްވެސް ފުރުސަތެއް ނުދީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާލާފަ އެވެ.

އޭގެ ހަތް މިނެޓް ފަހުން، ހެރީ ކޭން އަށް ޓޮޓެންހަމްގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރެވުނު ކަމަށް ބެލެވުނެވެ. އެހެން ނަނަވެސް އޭނާ ބޯޅަ ފޮނުވާލިރު ހުރީ އޮފްސައިޑް ޕޮޒިޝަންގަ އެވެ. މެޗުގެ 29 ވަނަ މިނެޓްގައި ސިޓީން ނަތީޖާ ހަމަހަމަ ކުރެވުނު ކަމަށް ބެލެވުނެވެ. ސްޕާސްގެ ޕެނަލްޓީ އޭރިއާގެ ތެރެއިން ޖެސޫސްއަށް ލިބުނު ބޯޅަ އޭނާ ދިނީ ލަޕޯޓެ އަށެވެ. ލަޕޯޓޭ ވަނީ އެ ބޯޅްގެ ތެރެއަށް ވައްދާލާފަ އެވެ. އެހެން ނަމަވެސް ޓޮޓެންހަމްގެ ކުޅުންތެރިން ވަނީ ބޯޅަ ލިބިގަތުމުގެ ތެރޭގައި ޖެސޫސް އަތުގައި ބޯޅައިން ޖެހުނު ކަމަށް އެޕީލް ކޮށްފަ އެވެ. ވީއޭއާރް މެދުވެރިކޮށް ބެލުމުން އެކަން ކަށަވަރު ކުރެވި ސިޓީ ގޯލް ލަނޑެއް ނޫން ކަމަށް ނިންމި އެވެ.

ޓޮޓެންހަމްގެ ދެ ވަނަ ލަނޑަކީ މޮރީނިއޯގެ މާސްޓާ ޕްލޭނެކެވެ. ފުރެޝް ކުޅުންތެރިޔެއްގެ ގޮތުގައި ޖިއޮވާނީ ލޮސެލްސޯ ކުޅެން ނެރުނީ 65 ވަނަ މިނެޓްގަ އެވެ. ކުޅެން ނުކުމެ އޭނާ ބައިވެރިވި ފުރަތަމަ ހަމަލާއިން ގޯލް ޖެހި އެވެ. ކޭން އަށް ލިބުނު ބޯޅަ ބާރު ސްޕިޑްގައި ސިޓީގެ ހާފުގެ މެދެއްހާ ހިސާބަށް އައިސް އޭނާ އެ ބޯޅަ ދިނީ ބާރު ސްޕީޑްގައި އައިސް އޭރިއާގެ ކަނާ ދިމާލުން ހުސްވާން ދިޔަ ލޮސެލްސޯ އަށެވެ. އޭނާގެ ފުރަތަމަ ހާމަލާއިން ގޯލް ކާމިޔާބު ކުރި އެވެ.

ވެސްޓްބްރޯމް އާ ދެކޮޅަށް އޯލްޑް ޓްރަފާޑްގައި 1-0 ން ޔުނައިޓެޑް ހޯދި މޮޅަކީ ލީގްގައި އަމިއްލަ ދަނޑުގައި ހޯދި ފުރަތަމަ މޮޅެވެ. އަދި އެ ޓީމު ލީގްގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވީ އެވެ.

ޔުނައިޓެޑް މޮޅުވުމުގައި އެހީއަކަށްވީ، ޕެނަލްޓީ އާ ގުޅިފައިވާ ދެ ނިންމުމެވެ. ވެސްޓްބްރޯމްގެ ކޯޗް ސްލަވެން ބްލިޗް ހުރީ ވީއޭއާރް މެދުވެރިކޮށް ނިންނި ގިނަ ނިންމުންތަކާ މެދު ހިތްހަމަ ނުޖެހިފަ އެވެ.

ދެ ވަނަ ހާފުގެ ފުރަތަމަ މިނެޓްގައި ޔުނައިޓެޑްގެ އޭރިއާގެ ތެރެއިން ކޯނާ ކަލަގާ އަތުން ބުރުނޯ ފެނާންޑޭޒް ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ކަލްގާ އޭރިއާ ތެރެއަށް ވެއްޓުމުން ރެފްރީ ދެއްކީ ޕެނަލްޓީ އެއް ކަމަށެވެ. އެހެންނަމަވެސް ފަހުން އެކަން ވީއޭއާރް މެދުވެރިކޮށް ބެލުމަށް ފަހު ޕެނަލްޓީއެއް ނޫން ކަމަށް ރެފްރީ ޑޭވިޑް ކޫޓެ ނިންމި އެވެ.

އޭގެ ފަހުން ޔުނައިޓެޑަށް ލިބުނު ޕެނަލްޓީގައި ފެނާންޑޭޒް ޖެހި ޕެނަލްޓީ ވެސްޓްބްރޯމްގެ ކީޕަރު ސޭމް ޖޯންސްޓޯން ދިފާއު ކުރި އެވެ. އެހެންނަމަވެސް ރިޕްލައިން ފެންނަނީ ޕެނަލްޓީ ޖެހުމުގެ ކުރިން ޖޯންސްޓޯން ރޮނގަށް ވުރެ ކުރިއަށް ނުކުމެ ހުރި ތަނެވެ. އެހެންވެ ދެ ވަނަ ފަހަރަށް ޕެނަލްޓީ ޖަހަން ރެފްރީ އެންގި އެވެ. މިފަހަރު ޕެނަލްޓީން ފެނާންޑޭޒް ޔުނައިޓެޑްގެ ލަނޑު ކާމިޔާބު ކުރި އެވެ.

ޔުނައިޓެޑާއި ސިޓީ ވެސް އޮތީ މިޑް ޓޭބަލްގަ އެވެ.