ޔުވެންޓާސް

ރޮނާލޯޑްގެ ދެ ލަނޑުން ޔުވެންޓަސް މޮޅު ވެއްޖެ

ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ދެ ލަނޑުން، ޔުވެންޓަސްއިން ކަލިއަރީގެ މައްޗަށް 2-0 ން މޮޅުވެއްޖެ އެވެ.

ޔުވެންޓަސްގެ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި، އެ ޓީމުގެ ފުރަތަމަ ލަނޑު ރޮނާލްޑޯ ކާމިޔާބު ކުރީ، މެޗުގެ 38 ވަނަ މިނެޓްގައި އަލްވާރޯ މޮރާޓާ ދިން ބޯޅައިންނެވެ. މޮރާޓާ ދިން ބޯޅަ ކަލިއަރަރީގެ ދެ ކުޅުންތެރިންގެ ކައިރިން ނައްޓާލުމަށް ފަހު ގޯލްގެ ދުރުކަނަށް ފޮނުވާލައިގެންނެވެ.

ރޮނާލްޑޯ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ 42 ވަނަ މިނެޓްގައި ނެގި ކޯނަރުން ތަނަވަސްވި ބޯޅައިންނެވެ. މެރިހް ޑިމިރަލް ފޮނުވާލަން އުޅުނު ބޯޅަ ގޯލާ އަމާޒު ނުވެ ދިއުމުން ރޮނާލްޑޯ ވަނީ އެ ބޯޅަ ގޯލްގެ ތެރެއަށް ވައްދާޅާފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޔުވެންޓަސްގެ ކޯޗް އެންޑްރެއާ ޕިރްލޯ ބުނީ، އިންޓަނޭޗަނަލް ބުރޭކުން އެނބުރި އަންނައިރު ކުޅުންތެރިން ފޯކަސް ކުރުމަކީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާގެ ޓީމުން ފުރަތަމަ ހާފުގައި މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނު ކަމަށެ ކުރީގެ މިޑްފީލްޑާ ބުންޏެވެ. އޭގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔަކަން ފާހަގަ ކުރި އެވެ.

ރޭ ލާޒިއޯއިން ކްރަޓޯން އާ ދެކޮޅާށް ކުޅުނު މެޗު ކާމިޔާބު ކުރީ 2-0 ންނެވެ. ލާޒިއޯގެ ފުރަތަމަ ލަނޑު މެޗުގެ 21 ވަނަ މިނެޓްގައި ކާމިޔާބު ކުރީ މިދިޔަ ސީޒަންގެ ޔޫރަޕްގެ ރަން ބޫޓް ހޯދި ޗީރޯ އިންމޯބިލޭ އެވެ. ދެ ވަނަ ލަނޑު 55 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ހޯކިން ކޮރެއާ އެވެ.