އައްޑޫ ސިޓީ މީދޫ ދާއިރާއިން މަރަދޫފޭދޫ ވަކިކޮށްދިނުމުގެ އަމުރަކަށް ސުޕްރީމް ކޯޓުގައި އެދެފި އެވެ.
އަމިއްލަ ފަރާތަކުން ހުށަހެޅި މި މައްސަލާގައި މިއަދު ބޭއްވި އަޑުއެހުމުގައި ބުނީ މީދޫ ދާއިރާގައި މަރަދޫފޭދޫ ހިމަނާފައިވަނީ ގާނޫނު އަސާސީ އާއި ހިލާފަށް ކަމަށެވެ. މި އަޑުއެހުމުގައި މައްސަލަ ހުށަހެޅި ފަރާތުގެ ގާނޫނީ ވަކީލާ މަރިޔަމް ޝުނާނާ ވިދާޅުވީ ކޮންމެ އިންތިހާބެއްގެ ކުރިން އިންތިހާބީ ދާއިރާތައް މުރާޖައާ ކުރުމަކީ އިލެކްޝަނަސް ކޮމިޝަނުން (އީސީ)ގެ ޒިންމާއެއް ކަމަށެވެ. އަދި ދާއިރާތައް ކަނޑައަޅާއިރު އާބާދީ އަށް ބަދަލު ނާންނަ ނަމަ އެ ދާއިރާއަކަށްވެސް ބަދަލު އައިސްގެން ނުވާނެ ކަމަށް ގާނުނުގައި ބުނެފައިވާ ކަމަށެވެ.
ޝުނާނާ ވިދާޅުވީ އީސީ އިން މީދޫ ދާއިރާއަށް މަރަދޫފޭދޫ ބަދަލު ކޮށްފައިވަނީ ގާނޫނު އަސާސީއާއި ހިލާފަށް ކަމަށާއި ކުރިން އެރަށް އޮތް މަރަދޫ ދާއިރާއަށް ބަދަލު ކުރުމަށް އެދޭ ކަމަށެވެ. އެހެން ކަމުން މީދޫ ދާއިރާއިން މަރަދޫ ފޭދޫ ވަކިކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އޭނާ ވަނީ އެދިވަޑާއިގެންފަ އެވެ.
މީދޫ ދާއިރާއާއި މަރަދޫފޭދޫ ދާއިރާ ވަކި ދެ އިންތިހާބީ ދާއިރާއެއްގެ ގޮތުގައި ކަނޑައަޅައި ނުވަތަ މަރަދޫ ދާއިރާގައި ނުވަތަ ފޭދޫ ދާއިރާގައި މަރަދޫފޭދޫ ހިމަނައިދިނުމަށް ޝުނާނާ ވަނީ އެދިވަޑައިގެންފަ އެވެ.
މިކަމަށް ރައްދު ދެއްވަމުން އީސީގެ ވަކީލް ވިދާޅުވީ އިންތިހާބީ މައްސަލަތަކުގެ ޝަކުވާ އާޢި މައްސަލަތަކުގެ ފުރަތަމަ މަރުހަލާގެ ކަންކަން ހިންގާނީ ހައިކޯޓުގައި ކަމަށެވެ. އެހެން ނަމަވެސް ހައިކޯޓަށް މި މައްސަލަ މީގެ ކުރިން ވެއްދުމުން މި މައްސަލައަކީ އެ ކޯޓުގެ އިހުތިސާސް އޮތް މައްސަލައެއް ނޫން ކަމަށް ކަނޑައަޅައި މައްސަލަ ބޭރު ކޮށްލާފައިވާ ކަމަށެވެ. އެހެން ކަމުން މިއީ ސުޕްރީމް ކޯޓުގެ އިހުތިސާސްގައިވާ މައްސަލައެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވި އެވެ.
ޝުނާނާ ވިދާޅުވީ މި މައްސަލަ ހައިކޯޓުން ބޭރުކޮށްލީ އީސީން ހުށަހެޅި އަސާސެއްނެތް ނުކުތާއަކަށް ބިނާ ކޮށް ކަމަށެވެ. އަދި މި މައްސަލަ އަކީ ދުސްތޫރީ މައްސަލައެއް ކަމަށް ހައިކޯޓުން ބުނެފައިވާ ކަމަށާއި އެހެން ކަމުން މި މައްސަލަ އަކީ ސުޕްރީމް ކޯޓަށް ހުށަހެޅެނެ މައްސަލައެއް ކަމަށް ވިދާޅުވި އެވެ.
މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން ވަނީ މި މައްސަލަ މިއީ އެ ކޯތަށް އިހުތިސާސް ކުރެވޭނެ މައްސަލައެއްތޯ ދެން އަންނަ އަޑުއެހުމެއްގައި ކަނޑައަޅާނެ ކަމަށް ވިދާޅުވެ މިއަދުގެ އަޑުއެހުން ނިންމަވާލައްވާފަ އެވެ.
މިމައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނި ވަޑައިގަންނަވަނީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި، ފަނޑިޔާރު އަލީ ރަޝީދާއި ފަނޑިޔާރު މަހާޒް އަލީގެ އިތުރުން ފަނޑިޔާރު މުހައްމަދު އިބްރާހިމެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަލީ ރަޝީދެވެ.