ފިނިޕޭޖް

ފޮޓޯތައް ނަގަން ޒާއިރާ ވަސީމް އެދިއްޖެ

ފިލްމީ ބަތަލާ ޒާއިރާ ވަސީމް މިހާރު ވަނީ ފިލްމު ކުޅުން މުޅީން ހުއްޓާލައި މުޅިން އާ ހަޔާތެއް ފަށާފަ އެވެ. ނަމަވެސް އޭނާ ފިލްމު ކުޅުނުއިރުގެ ފޮޓޯތައް އަދިވެސް ސޯޝަލް މީޑިއާގައި އެބަހުއްޓެވެ.

މިދިޔަ ހޮނިހިރު ދުވަހު ޒާއިރާ ވަނީ އޭނާގެ ހުރިހާ ފޮޓޯތަކެއް ސޯޝަލް މީޑިއާއިން ނަގައި އެ ފޮޓޯތައް ފޮހެލަދިނުމަށް އޭނާގެ ފޭންޕޭޖްތައް ހިންގާ ފަރާތްތަކަށް އިލްތިމާސް ކޮށްފަ އެވެ.

"އަލުން ހަޔާތެއް ފަށަން މަސައްކަތްކުރާއިރު ތި އެންމެންގެ ކިބައިން ކުޑަ ކުޑަ ކަމަކަށް މި އެދެނީ،" ޒާއިރާގެ މެސެޖުގައި ވެއެވެ.

ނެޝަނަލް އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ބަތަލާ ބޮލީވުޑަށް އަލްވަދާއުކިޔާ ކަން އިއުލާން ކުރީ 2019 ގައެވެ. ވެރިފައި ކޮށްފައިވާ އޭނާގެ އިންސްޓަގްރާމް އެކައުންޓުން ޒާއިރާ ކޮށްފައިވާ މެސެޖެއްގައި ވަރަށް ސާފު ސަރީހަ ބަހުން ފިލްމު ކުޅުމާ ދުރަށް ދާ ސަބަބު ހާމަކޮށްފައި ވެއެވެ.

ސޯޝަލް މީޑިއާގައި ހުރި އޭނާގެ ހުރިހާ ފޮޓޯތަކެއް ނަގާ ހުސްކުރުމަކީ އެއްގޮތަކަށް ވެސް ކުރެވޭ ވަރުގެކަމެއް ނޫންކަން ޚުދް ޒާއިރާ ވެސް ގަބޫލު ކުރެ އެވެ. ނަމަވެސް އޭނާގެ ފޭންޕޭޖްތައް ހިންގާ ފަރާތްތަކަށް އޭނާގެ ފޮޓޯތައް އިތުރަށް ޝެއާ ނުކުރަން އިލްތިމާސް ކުރީ ފިލްމު ކުޅުނުއިރު އޭނާއަށް ކުރި ސަޕޯޓް ފޭނުން އަދިވެސް ކުރާނެ ކަމުގެ އުންމީދުގައި ކަމަށް ޒާއިރާ ބުންޏެވެ.

ކަޝްމީރަށް އުފަން ޒާއިރާ އަށް ފިލްމީ ދުނިޔޭގައި މަޝްހޫރުކަން ލިބުނީ އުމުރުން އެންމެ 16 އަހަރުގައި އޭނާ ކުޅުނު "ދަންގަލް" އިންނެވެ. މި ފިލްމުގައި އޭނާ ކުޅުނީ އާމިރު ޚާންގެ ދަރިއެއްގެ ރޯލެވެ. އޭގެ ފަހުން 17 އަހަރުގައި ކުޅުނު "ސީކްރެޓް ސުޕަސްޓާ"އިން ވެސް ގިނަ އެވޯޑުތަކެއް ޒާއިރާއަށް ލިބުނެވެ.

އޭނާ ފިލްމު ކުޅުން ހުއްޓާލީ ހަމަ ކުއްލިއަކަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ ފިލްމު ކުޅެމުން އިސްލާމްދީނުގެ ހުކުމްތަކާ އެއްގޮތަކަށް އުޅެން އުނދަގޫވާތީ ކަމަށެވެ. ޒާއިރާގެ އެންމެ ފަހު ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާ އާއި ފަރްހާން އަޚްތަރު އާއެކު ކުޅުނު "ދަ ސްކައި އިޒް ޕިންކް" އެވެ.