އިންޑިޔާގެ ރަށެއްގެ މަގެއް މަތީގައި ދަގަނޑު ހޮޅި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ އުސް އިޝްތިހާރު ބޯޑުތަކެއްގެ މައްޗަށް އަރާ އަންހެންކުއްޖަކު އިށީނދެގެން އިން މަންޒަރު ވަރަށް ގިނަ ބައެއްގެ ލޮލުގައި އަޅައިގަތެވެ.
މިއީ ވަރަށް މަޝްހޫރު ހިންދީ ފިލްމެއް ކަމަށްވާ "ޝޯލޭ" ގައި ބަސަންތީ (ހެމާ މާލިނީ) އާއި ދަރުމެންދުރަ ކައިވެނި ކުރަން ބަސަންތީގެ މަންމަ ނުގަބޫލު ވެގެން ބޮޑު އުސް ފެންތާނގީ އެއް މައްޗަށް ދަރުމެންދުރަ އަރާ ހުރެ ފުންމާލާނެ ކަމުގެ އިންޒާރު ދީދީފައި އުޅޭ މަންޒަރާ ވަރަށް އެއްގޮތް މަންޒަރެކެވެ.
މި އަންހެންކުއްޖާ މިހާ އުހަށް އަރާ އިނީ ހަމަ މިފަދަ ކަމަކާ ހެދި އެވެ. އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެންކުއްޖާ އާ ކައިވެނި ކުރަން މަންމަ ނުގަބޫލު ވެގެންނެވެ.
އިންޑިޔާގެ މަދްޔަޕްރަދޭޝްގެ އިންދޯރުގެ މަގެއްގައި ހުރި ވަރަށް އުސް ފްލެކްސް ބޯޑެއްގެ މައްޗަށް އަރާ މި ކުއްޖާ އިނދެ ބުނަމުން ދިޔައީ ލޯބިވެރިޔާ އާ ކައިވެނިކުރަން މަންމަ އެއްބަސް ނުވާހާ ހިނދަކު އެތަނުން ނުފައިބާނެ ކަމަށެވެ.
އިންޑިޔާގެ ނިއުސް އެޖެންސީ އޭއެންއައި އިން ވަނީ މި އަންހެންކުއްޖާ އެ ބޯޑު މަތީގައި އިންދާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ޕޯސްޓްކޮށްފަ އެވެ.
ފަހުން އެހިސާބުގަނޑުގެ ފުލުހުން ވެސް އެ ތަނަށް އައިސް ކުއްޖާ އެތަނުން ފައިބަން އެއްބަސްވޭތޯ ވާހަކަ ދައްކާ ތަން ވެސް ފޮޓޯތަކުން ފެނެ އެވެ.
އުމުރުން 18 އަހަރު ވެސް ނުފުރޭ މި އަންހެންކުއްޖާ އެންމެ ފަހުން މިތަނުން ބާލުވާނެ ގޮތެއް ނޭނގިގެން ފުލުހުން ވަނީ އެ ކުއްޖާ ރައްޓެހި ވެގެން އުޅޭ ފިރިހެން ކުއްޖާ ހޯދައިގެން ގެންގޮސްފަ އެވެ. އަންހެންކުއްޖާ އެތަނުން ފޭބީ ފިރިހެންކުއްޖާ ވަރަށް ގިނަ ވާހަކަ ދައްކައިގެނެވެ.