ފިލްމީ ދުނިޔެއާ މުޅިން ވަކިވި އެކްޓަރު ސަނާ ޚާން ގުޖްރާތުގެ މުފްތީއަކާ ކައިވެނިކޮށްފި އެވެ. އޭނާ ކުއްލިއަކަށް ކައިވެނިކުރި ޚަބަރު އަހާފައި ގިނަ ބަޔަކު ވަރަށް ހައިރާން ވެގެން އެ ވާހަކަ ވަނީ ދައްކަން ފަށާފަ އެވެ.
ސަނާ އާއި އޭނާގެ ފިރިމީހާ މުފްތީ އަނަސް ސައީދުގެ ކައިވެނީގެ މަންޒަރުތައް ހިމެނޭ ވީޑީއޯތަކެއް މިހާރު ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. މި ވީޑިއޯގައި އަލަތު ދެމަފިރިން ކައިވެނީގެ ކޭކު ފަޅާ ތަން ވެސް ފެނެ އެވެ. ކައިވެނި ކުރިއިރު ހުދު ވެޑިން ޑްރެސް އެއްގައި ހުރި ސަނާ ފަހުން ވަނީ ރަތްކުލައިގެ ވެޑިން ޑްރެސް އެއްގައި ހުރި ފޮޓޮއެއް އިންސްޓަގްރާމްގައި ޝެއާ ކޮށްފަ އެވެ.
މި ޕޯސްޓުގައި އޭނާ ބުނެފައިވަނީ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވީ ވެސް އަދި ކައިވެނި ކުރީވެސް ﷲ އަށް ޓަކައި ކަމަށާއި ދުނިޔެ އާއި އާޚިރަތުގައި ވެސް ދެ މީހުން އެކުގައި ލައްވާތޯ ދުއާ ކުރާ ކަމަށެވެ.
ފިލްމު ކުޅުން ހުއްޓާލާކަން ސަނާ އިއުލާން ކުރީ މީގެ ދުވަސް ކޮޅެއް ކުރިންނެވެ. އެކަން އިއުލާން ކުރަމުން ސަނާ ބުނެފައިވަނީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާތާ އެތައް އަހަރެއް ވީއިރު އޭނާއަށް މަޝްހޫރުކަމާއި ގަދަރާއި މުދާ ލިބިފައިވާ ކަމަށެވެ. އަދި ގިނަ އަދަދެއްގެ ފޭނުން އޭނާގެ ތިބި ކަމަށެވެ. އަދި އެކަމަށްޓަކައި ފޭނުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.
"ނަމަވެސް ފާއިތުވީ ދުވަސްތަކުގައި އަހަރެންގެ ވިސްނުމަށް ތަފާތު ޚިޔާލުތައް އަންނަން ފެށި. އިންސާނަކު ދުނިޔެއަށް އަންނަނީ މުއްސަނދިކަމާއި މަޝްހޫރުކަން ހޯދަންތޯ އަހަރެންގެ އަމިއްލަ ނަފްސާ ސުވާލު ކުރެވެން ފެށި. ބޭނުން ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ ޚިދުމަތްކުރުމަކީ އިންސާނުންގެ ޒިންމާއެއް ނޫންތޯ ހިތާ ހިތާ ކިޔާލެވުނު. ކޮންމެ ވަގުތެއްގައި ވެސް މަރުވެދާނެކަން ޔަގީންވާއިރު މަރުވުމަށްފަހު ވެދާނެ ގޮތަކާ މެދު މީހުން ނުވިސްނަނީ ކީއްވެބާއޭ ހިތަށް އެރި،" ފިލްމު ކުޅުން ހުއްޓާލާކަން އިއުލާން ކުރިއިރު ސަނާ ބުނެފައި ވެއެވެ.
ސަނާ މިހާރު ގަބޫލުކުރަނީ ފިލްމީ ދުނިޔެއާ ދުރުގައި މިހާރު އޭނާ ހޭދަކުރަމުންދަނީ މާ ހިތްހަމަޖެހޭ އުފާވެރި ދުވަސްތަކެކެވެ.