ހުސްބަނޑާ ހުރެފައި ގޮސް ހެނދުނުގެ ނާސްތާ ނެގުމަކީ ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށްދޭ ކަމެކެވެ. މި މެޓަބޮލިޒަމް އިތުރުކޮށް ހަށިގަނޑުން ސަރުބީ އެންދުން އިތުރުކުރަން ބޭނުން ނަމަ ބްރެކްފާސްޓްގެ ގޮތުގައި ވަކި ވައްތަރެއްގެ ކެއުންތަކެއް އިހްތިޔާރުކުރުން ބުއްދިވެރި އެވެ.
މިސާލަކަށް ދޮންކޭލެވެ. މިފަދަ ކެއުންތަކަކީ ހަށިގަނޑުގައި ހުންނަ ސަރުބީ އެންދުމަށް ބޭނުންވާ ހަކަތަ ގައިގައި ޖަހާފައި ހުންނަ ސަރުބީ އިން އުފެއްދުމަށް މަގުފަހިކޮށްދޭ ކެއުމެވެ.
އެހެންވީމަ، އެންމެ ގަދަ އަށް ސަރުބީ އަންދައިދޭ ކަމަށް ތަޖުރިބާކާރުން ބުނާ ބްރެކްފާސްޓްތަކުގެ ދެ ވައްތަރަކުން ދުވަސް ފަށައިގަންނަމާ ހިނގާށެވެ.
ބްލޫބެރީ އޯޓް ޕޭންކޭކްސް އާއި މެޕްލް ޔޯގަޓް
މިއެއް ތައްޔާރުކޮށްލެއްވުމަށް ބޭނުންވާނެ އެއްޗިއްސަކީ އޯޓްސް އާއި ލޯ ފެޓް ޗީޒްގެ އިތުރުން ބިހާއި ބިހާއި ބްލޫބެރީސް އާއި ގްރީކް ސްޓައިލް ލޯ ފެޓް ޔޯގަޓެވެ. ދެން ބޭނުންވާނީ ވެނީލާ އެސެންސްކޮޅަކާއި މެޕްލް ސިރަޕެވެ. ތައްޔާރުކޮށް ކައްކާލަން ނަގާނީ ގާތްގަނޑަކަށް 15 މިނެޓެވެ.
މި ބްރެކްފާސްޓްގައި ހިމެނޭ ބްލޫބެރީ އަށް ބަލާއިރު އެ މޭވާ އަކީ ހަށިގަނޑުގައި ހުންނަ ސަރުބީ ފަދަ ބޭކާރު މާއްދާތަކާ ދެކޮޅަށް ހަރަކާތްތެރިވާ ވިޓަމިނާއި ނިއުޓްރިއެންޓްސް ފޯރުކޮށްދިނުމަށް ނިކަން މަޝްހޫރު މޭވާ އެކެވެ. ޖޯޑެއްގެ ބްލޫބެރީސް ދުވާލަކަށް ނެގުމަކީ ވެސް ސިއްހަތަށް ވަރަށް ފައިދާވާނެ ކަމެކެވެ. މިއީ ވިޓަމިން ސީ އާއި މުހިންމު ފައިބާ އިން މުއްސަނދިވެފައިވާ މޭވާ އެކެވެ.
ބަނާނާ އެންޑް އާމަންޑް ބަޓާ ޓޯސްޓް
މިއަށް ބޭނުންވާނީ އާމަންޓް ބަޓާ އާއި ބްރައުން ބްރެޑާއި ދޮންކޭލެވެ. ތައްޔާރުކޮށްލުމަށް ނަގާނީ ފަސް ވަރަކަށް މިނެޓެވެ. ތައްޔާރުކުރާނެ ގޮތަކީ ފާން ފޮތީގައި އާމަންޑް ބަޓާ އުނގުޅުމަށް ފަހު ފޮތިފޮއްޗަށް ކޮށާލާފައިވާ ދޮންކޭލުގެ ފޮތިތައް އޭގެ މަތީގައި އަތުރާލާނީ އެވެ. އެ ނިމުނީ އެވެ. ދެން ހަމަ ކާންވީ އެވެ.
ޔަގީނަށް ވެސް މިއީ ވަރަށް އާދައިގެ ބްރެކްފާސްޓެކެވެ. އެކަމަކު އޭގެ ފައިދާ ވަރަށް ވެސް ބޮޑެވެ.
ދޮންކޭލަނީ ވިޓަމިން ބީގެ ވައްތަރުތައް ގިނަ މޭވާ އެކެވެ. މި ވިޓަމިންސްގެ ބާވަތްތަކަކީ ޓީމެއްގެ ގޮތުގައި ގުޅިގެން ކާ އެއްޗެހި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރާ މުހިންމު ވިޓަމިންސް އެވެ.
ދޮންކެޔޮ ވަކެއް އިހްތިޔާރުކުރާއިރު މާ ބޮޑަށް ދޮންވެފައި އޮންނަ ވަކަކަށް ވުރެ ރަނގަޅުވާނީ މުޅިން ނުވަތަ އެންމެ ފުރިހަމަ އަށް ދޮން ނުވާ ދޮންކެޔޮވަކެކެވެ.