ބޮލީވުޑް

ލީނާ އަޗާރިޔާ މަރުވުމުން ފަންނާނުން ހިތާމާގައި

ވަރަށް ގިނަ ޓީވީ ސީރީޒްތަކާއި ޝޯތަކުގައި މުހިއްމު ރޯލުތަކެއް ކުޅެފައިވާ ޓީވީ ބަތަލާއެއް ކަމަށްވާ ލީނާ އަޗަރިޔާ މަރުވުމުން އިންޑަސްޓްރީގެ ގިނަ ބަޔަކު ވަރަށް ދެރަވެ ހިތާމަ ފާޅުކުރަން ފަށައިފި އެވެ.


"ސާވްދާން އިންޑިއާ"، "ސޭތު ޖީ"، "އާޕް ކެ އާޖާ ނޭ ސޭ"، "ކްރައިމް ޕެޓްރޯލް"، "މޭރީ ހަނީކަރަކް ބީވީ"، "ސީއައިޑީ"، "ޕަރްދޭސް މޭ ހޭ މޭރާ ދިލް" އަދި "ބޭހަދު"ގައި މުހިއްމު ބައިތަކެއް އަދާކުރި ލީނާ މަރުވީ މި ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ކިޑްނީ ފެއިލްވެގެންނެވެ.

ލީނާ އާއެކު "ސޭތު ޖީ"ގައި މަސައްކަތް ކޮށްފައިވާ ވޯޝިޕް ކަންނާ ބުނި ގޮތުގައި ކިޑްނީއަށް މައްސަލަތަކެއް ޖެހި އެ ބަލީގައި ލީނާ އުޅޭތާ ވަރަށް ގިނަ ދުވަސް ތަކެއް ވެއްޖެ އެވެ.

ޓައިމްސް އޮފް އިންޑިއާ އަށް ދިން އިންޓަވިއު އެއްގައި ވޯޝިޕް ބުނީ ފާއިތުވީ ދޮޅު އަހަރެއްހާ ދުވަހު ލީނާ އުޅެފައިވަނީ ކިޑްނީ މައްސަލަ ޖެހިގެން ވަރަށް ބަލިކޮށެވެ. ލީނާގެ މަންމަ އޭނާއަށް ދާދިފަހުން ކިޑްނީ ހަދިޔާކުރި ކަމަށާއި ނަމަވެސް އެ ސާޖަރީން ވެސް ބަލިހާލު ރަނގަޅުނުވެ އޭނާ މަރުވީ ކަމަށް ވޯޝީޕް ބުންޏެވެ.

ލީނާ އާއެކު މަސައްކަތްކުރި ފަންނާނުން ސޯޝަލް މިޑިއާގައި ލިޔެފައިވާ މެސެޖުތަކުގައި ބުނެފައިވަނީ ލީނާ އަކީ ވަރަށް މޮޅު އެކްޓަރެއް ކަމަށާއި އެހާމެ ރަނގަޅު އިންސާނެއް ކަމަށެވެ. އަދި އޭނާގެ ހަނދާންތައް އުމުރަށް ވެސް ދެމި ހުންނާނެ ކަމަށް ލީނާގެ އެކުވެރި ޓީވީ ތަރިން ބުނެފައި ވެއެވެ.