ހަބަރު

ދޯންޏެއްގައި ގޭސްފުޅިއެއް ގޮވާ ބަޔަކު ފިހިއްޖެ

ގދ. ތިނަދޫ ފަޅުގައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބަޔަކަށް އަނިޔާވެއްޖެ އެވެ.

ތިނަދޫ ކައުންސިލް ރައީސް އަލީ އަމްޖަދު މިއަދު ވިދާޅުވީ އެރަށު ފަޅުގައި އޮތް މަސްދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ރޭ ހިނގި ކަމަށާއި އެ މައުލޫމާތު ރޭ ދަންވަރު 12:00 ޖެހި އިރު ލިބި ވަޑައިގެންނެވި ކަމަށެވެ. އަމްޖަދު ވިދާޅުވީ މި ހާދިސާގައި ހަތަރު މީހަކު ފިހިގެން ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

އޭނާ އެ މިހާދިސާ ހިނގީ ދޯނީގައި ހުރި ގޭސްފުޅިއެއް ގޮވައިގެނެވެ. ގޭސް ފުޅި ގޮވުމުގެ ސަބަބުން އަލިފާން ރޯވެފައި ވަނީ "ރާސްތާ" ނަމަކަށް ކިޔާ މަސްދޯންޏެއްގަ އެވެ.

ސިފައިންގޭގެ މީޑިއާ އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ރޭ ދަންވަރުގެ ވަގުތެއްގައި ލިބިގެން ތިނަދޫގެ ފަޔާ އެންޑް ރެސްކިއު އިން ދޯންނަށް ގޮސް އަލިފާން ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާގައި ބަޔަކު ފިހިގެން ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ.

އާޒިމް ވިދާޅުވީ އެ ހާދިސާ ހިނގީ ފުޅިން ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯ ކޮށްލި ވަގުތު އަލިފާން ރޯވެ ގޭސްފުޅި ގޮވައިގެނެވެ.