ހަބަރު

ގޭސްފުޅި ގޮވުން: ދެ މީހެއްގެ ހަށިގަނޑުގެ ބޮޑުބައި ވަނީ ފިހުނު

ގދ. ތިނަދޫ ފަޅުތެރޭ އޮތް ދޯންޏެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑުގެ 54 ޕަސެންޓް ފިހިފައިވާ ކަމަށް ތިނަދޫ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ބުނެފި އެވެ.

ގޭސް ލީކްވެފައި ހުއްޓާ އުނދުން ރޯ ކުރުމުން ގޭސްފުޅި ގޮވައި ހުޅު ރޯވި އެ ހާދިސާގައި ހަތަރު މީހަކު ފިހުނެވެ. އެ އެންމެނަށް ވެސް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.

ސަމަދު ހޮސްޕިޓަލްގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު ސާލިމް އަލީ މިއަދު ވިދާޅުވީ ދޯނީގައި ގޭސްފުޅި ގޮވި ހާދިސާގައި ފިހުނު މީހުންގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

އަދި ވިދާޅުވީ އެ މީހުންގެ ތެރެއިން އެންމެ ބޮޑަށް ފިހިފައިވާ މީހާގެ ހަށިގަނޑުގެ 54 ޕަސެންޓް އަނދާފައިވާއިރު ދެވަނަ މީހެއްގެ ހަށިގަނޑުގެ 50 ޕަސެންޓް ފިހިފައިވާ ކަމަށެވެ. އަދި އަނެއް ދެ މީހުންގެ ހަށިގަނޑުން ބައެއް ވެސް އެކި ވަރަށް ފިހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ގޭސް ފުޅި ގޮވައި ހުޅު ރޯވީ ތިނަދޫ ފަޅުގައި އޮތް އެ ރަށު "ރާސްތާ" ދޯނީގަ އެވެ. ރޭ ދަންވަރު ރޯވި އެ އަލިފާން ނިއްވާލ،ީ ތިނަދޫ ސިފައިންގޭގައި އޮންނަ ފަޔާ އެންޑް ރެސްކިއު ޓީމުންނެވެ.