ބާސެލޯނާ

ޕީކޭގެ އަނިޔާ ސީރިއަސް

ބާސެލޯނާގެ ޑިފެންޑަރު ޖެރާޑް ޕީކޭއަށް ލިބުނު އަނިޔާ ސީރިއަސް ކަމަށް އެ ކުލަބުން ބުނެފި އެވެ. ޕީކޭގެ ރިޕްލޭސްމެންޓެއް ހޯދަން ކުލަބުން ވިސްނަމުން ދާއިރު އެކަން ވެފައިވަނީ ބާސާގެ ބަޖެޓަށް ވެސް ވޭނަކަށެވެ.

ޕީކޭއަށް އަނިޔާވީ ހޮނިހިރު ދުވަހުގެ ރޭ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ބާސާ ކުޅުނު މެޗުގަ އެވެ. ޕީކޭ، 33 ގެ ކަނާތު ފައިގެ ކަކުލުގެ ލިގަމެންޓް ވަނީ ހަލާކު ވެފަ އެވެ. ބާސާއިން ބުނީ އެ ޓީމަށް ޕީކޭގެ ބޭނުން ނުކުރެވޭނެ ކަމަށެވެ. ފަހަރެއްގައި މި ސީޒަންގެ ބާކީބައިގައި އޭނާ ނުފެނުމަކީ ގާތުގައިވާ ކަމެކެވެ.

ޕީކޭއަށް އަނިޔާވުމަކީ، ބާސާގެ ޑިފެންސަށް ކުރިމަތިވާނެ ފޫބައްދަން އުނދަގޫ މައްސަލަ އެކެވެ. އޭނާގެ ބަދަލުގައި ކުޅުންތެރިޔަކު ސޮއި ކުރުވާނަންތޯ ނިންމަން ވެސް ބާސާގެ މެނޭޖުމެންޓް ކޮމިޓީން ވަނީ ބައްދަލު ވުމެއް ބާއްވަން ނިންމާފަ އެވެ. އެ ބައްދަލުވުމުގެ ބޭނުމަކީ މާލީގޮތުން ވެސް ކުލަބު އަޑިގަނޑަކަށް ވެއްޓިފައިވާ ދަނޑިވަޅެއްގައި ޓްރާންސްފާގައި ކުޅުންތެރިޔަކު ސޮއި ކުރެވޭނެ ހާލަތެއް އޮތްތޯ ބެލުމެވެ.

ބާސާގެ ރައީސް ކަމުން ޖޯސެފް މާރިއާ ބާޓޮމެއު އިސްތިއުފާ ދިނުމުން، ކުލަބު ވަގުތީ ގޮތުން ހިންގުމަށް ހަވާލުވި މެނޭޖުމެންޓް ކޮމިޓީން ވަނީ ކުލަބު ބަނގުރޫޓް ވުމާ ގާތަށް ގޮސްފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. އަންނަ ޖަނަވަރީގެ ކުރިން ފިޔަވަޅުތަކެއް ނާޅައިފިނަ ކުލަބު ބަނގުރޫޓް ވާނެ ކަމަށް މެނޭޖުމެންޓް ކޮމިޝަނުން ބުނެ އެވެ. މިފަދަ ހާލަތެއްގައި އިތުރު ކުޅުންތެރިޔަކު ސޮއި ކުރުވުމަކީ ބާސާގެ ބަޖެޓަށް ކުރިމަތިވާނެ ބޮޑު ބުރަ އެކެވެ.

ހޫނު މޫސުމުގެ ޓްްރާންސްފާ ޕީރިއަޑްގައި ވެސް ބާސާއިން ވަނީ ޑިފެންޑަރަކު ސޮއި ކުރުވަން މަސައްކަތް ކޮށްފަ އެވެ. އެ ޓީމުން އަމާޒު ހިފީ މެންޗެސްޓާ ސިޓީގެ ޒުވާން ޑިފެންޑަރު އެރިކް ގާސިއާ ސޮއި ކުރުވުމަށެވެ. މިއަންނަ ޖޫން 30 ގައި ސިޓީގެ ކޮންޓްރެކްޓް ހަމަވާ ބާސާގެ ކުރިގެ ޔޫތު ޓީމުގެ ޑިފެންޑަރު ގާސިއާގެ ޓްރާންސްފާގައި ބާސެލޯނާއަށް އެރު ކާމިޔާބެއް ނުހޯދުނެވެ.