ބޮލީވުޑް

ކިޑްނީ ފޭލްވެ ބަލިވެ އުޅޭކަމަށް ރާނާ ދަގުބަތީ ބުނެފި

"ބަހޫބަލީ"ގެ ދެ ފިލްމުން މަޝްހޫރުކަން ހޯދި އެކްޓަރު ރާނާ ދަގުބަތީ ވަރަށް ބޮޑަށް ބަލިވެ އުޅޭކަމަށް އެއްބަސް ވެއްޖެ އެވެ. އޭނާގެ ބަލީގެ ހަބަރުތައް މީގެ ކުރިން ވެސް އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައި ވެއެވެ. ނަމަވެސް ކޮންމެ ފަހަރަކު އެ ޚަބަރު ރާނާ ވަނީ ދޮގުކޮށްފަ އެވެ.

ބަލިވެ އުޅޭކަމަށް އޭނާ އެއްބަސްވީ ސައުތު އިންޑިޔާގެ ބަތަލާ ސަމަންތާ އަކިނޭނީގެ އާ ޗެޓް ޝޯ "ސެމް ޖެމް" ގައި ބައިވެރިވެ އެ ޝޯގައި ވާހަކަ ދައްކަމުންނެވެ.

ފާއިތުވީ ދުވަސްތަކުގައި އޭނާގެ ސިއްހަތަށް ދިމާވި މައްސަލަތައް ކިޔައިދެމުންދިޔައިރު ރާނާ އަށް އިނީ ރޮވިފަ އެވެ. ރޮމުން ރޮމުން އޭނާ ބުނީ ހިތުގެ ވަށައިގެންވާ ތިން ހިސާބެއްގައި ވެސް މައްސަލަ ތަކެއް އުޅޭކަމަށެވެ. އަދި ދެ ކިޑްނީ ވެސް ފެއިލް ވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަލީގެ ގޮތުން ސްޓްރޯކެއް ނުވަތަ އެނޫން ވެސް މައްސަލައެއް ދިމާވެ ކުއްލިއަކަށް ފުރާނަ ދިއުމުގެ ފުރުސަތު ވެސް 30 ޕަސަންޓަށް އެބައޮތް ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ރާނާގެ ވާހަކަ ތަކަށް ފަހު އޭނާއަކީ ހީރޯއެއް ކަމަށް ޝޯގެ ހޯސްޓް ސަމަންތާ ބުންޏެވެ. އޭނާގެ ބަލި ހާލުގެ ސަބަބުން އޭނާގެ އާއިލާއާއި އެކުވެރިން ހާސްވެ ހަދާނެގޮތް ހުސްވެފައިވާއިރު ހަރު ހިލަގަނޑެއް ފަދައިން ސާބިތުކަމާއެކު އޭނާ އަށް ހުރެވެނީ ހަމަ ހިތް ވަރުގަދަވީމަ ކަމަށް ރާނާ އާ މުޚާތަބުކޮށް ސަމަންތާ ބުންޏެވެ.

"އަހަރެންގެ ކުރިމަތީގައި މިހިރީ ސުޕަ ހީރޯއެއް ކަމަށް އަހަރެން ގަބޫލުކުރަނީ،" އެ ޝޯގައި ސަމަންތާ ބުނެފައި ވެއެވެ.
ރާނާ ދާދިފަހުން ވަނީ އޭނާގެ ޒަމާންވީ ލޯބިވެރިޔާ މިހީކާ ބަޖާޖް އާ ކައިވެނިކޮށްފަ އެވެ.

ދާދި ފަހުން އޭނާގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ރާނާ ޝެއާ ކުރި އެވެ. އެ ފޮޓޯގައި އޭނާ ހިކިފައި ހުރިލެއް ބޮޑުކަމުން ވަރަށް ގިނަ ބަޔަކު އެކަމާ ކަންބޮޑު ވެގެން ވާހަކަ ދައްކާފައިވެ އެވެ. ނަމަވެސް އެ ފަހަރު ވެސް ރާނާ އެންމެން ކައިރީގައި ހެދީ ދޮގެވެ. އޭނާ ބުނީ އޭނާގެ ހާލު މުޅިން ރަނގަޅުކަމަށެވެ. އަދި ލޭގެ ޕްރެޝަރުގެ މައްސަލައެއް އުޅުނަސް އަނެއް ގޮތަށް އޭނާ މުޅިން ފިޓް ކަމަށެވެ.

ކިޑްނީ ޓްރާންސްޕްލާންޓް ހަދަން ބޭރު ގައުމަކަށް ރާނާ ފުރަން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ފެތުރިފައި ވެއެވެ. ނަމަވެސް އޭނާގެ ގާތް މީހުން ބުނަނީ ޓްރާންސްޕްލާންޓް ހަދަން ދާކަށް އޭނާ ނޫޅޭ ކަމަށެވެ.