ސަޔަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކަށް އެންމެ މަގްބޫލު އެއް ބުއިމެވެ. ކަޅުކުލަ ގަދަ ސަޔަށް ހަކުރާއި ކިރުއަޅާލައިގެން ވަރުގަދަޔަށް ގިރާލުމުން އެ ލާ މީރު ރަހަ ވަރަށް ގިނަ ބައެއްގެ ހިތްހަމަޖެހުމަކަށް ވެއެވެ. އަނެއް ބަޔަކަށް ކަމުދަނީ މަސާލާ ޗާއި އެވެ. އިނގުރު ސައިގެ މަގްބޫލުކަން ވެސް މިހާރު ވަނީ ކުރިއާ އަޅާ ބަލާއިރު ވަރަށް ބޮޑަށް އިތުރު ވެފަ އެވެ.
ބޮލުގައި ރިހުނަސް، ކުޑަކޮށް ހުން ވައްތަރު ވިޔަސް އަރިދަފުސް ރޯގާ ޖެހުނަސް އެންމެ ފުރަތަމައިނުން ވެސް ބޯލަން ބޭނުން ވާނީ ސައި ތައްޓެކެވެ. ނަމަވެސް ކެއިން ބުއިމަށް ބޭނުންކުރާ އެހެން އެއްޗިއްސެކޭ އެއްގޮތަށް ސައިގައި ވެސް ސައިޑް އިފެކްޓްސްތަކެއް ހުރެ އެވެ. ޚާއްސަކޮށް މާ ގިނައިން ސައި ބޯ ނަމަ އެވެ.
ކޮންމެ ދުވަހަކު ތައްޓެއް ދެ ތައްޓެއް ވަރު ބޯލައިގެން މާބޮޑަށް ސައިގެ ނޭދެވޭ އަސަރު ނުކުރި ނަމަވެސް މާ ގިނައިން ބޯން ވެއްޖެނަމަ ވަރަށް ގިނަ މައްސަލަތަކާ ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ.
ސައި ބުއިމުން ދިމާވާ މައްސަލަތަކުގެ ތެރޭގައި ނިދަން އުނދަގޫވުމަކީ އެންމެ ގިނަ މީހުންނަށް ކުރިމަތިވާ އެއް މައްސަލަ އެވެ. ސަޔަކީ ކެފެއިން ވަރަށް ގިނައިން އެކުލެވޭ އެއްޗަކަށްވާތީ އެވެ.
ދެ ވަނަ ކަމަކީ ބަނޑުހިކުމެވެ. ސައިގައި ތިއޯފިލީން ކިޔާ ކެމިކަލް އެއް އެކުލެވިގެން ވެއެވެ. މިއީ ހަޖަމުކުރުމުގެ ނިޒާމަށް ނެގެޓިވް އަސަރުތަކެއް ކުރުވާ ކެމިކަލް އެކެވެ. ސައި ބުއިމުން ބަނޑު ހިކެނީ އެހެންވެ އެވެ.
ހެނދުނު ހޭލާ ގޮތަށް ސައި ތައްޓެއް ބޯލުމުން ބަނޑު ސާފުކޮށްލަން ވަރަށް ފަސޭހަކަމަށް ބައެއް މީހުން ބުނެ އެވެ. ނަމަވެސް މާ ގިނަ އިން ސައި ބޯނަމަ މި އަސަރު މިގޮތަށް ނުކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ސަޔަކީ އެންޒައިޓީ އާއި ސްޓްރެސް އަށް ވެސް މަގު ފަހި ކުރުވާ އެއްޗެކެވެ. ސައި ފަތުގައި ހުންނަ ކެފެއިން އަކީ މީހާގެ މޫޑަށް ބަދަލުތައް ގެނުވާ އެއްޗެކެވެ. އެހެންވެ މާ ގިނައިން ސައި ބުއިމުން މޫޑު ގޯސްވެ ސްޓްރެސް އާއި އެންގްޒައިޓީގެ މައްސަލަތައް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަކޮށް ގިނައިން ސައި ބޯމީހުން ނިދަން އުނދަގޫވުމަކީ މިފަދަ ކަންކަމަށް މަގުފަހި ވާލެއް އިތުރުވާނެ ކަމެކެވެ.
މޭ އެންދުމަކީ ވެސް ސައި ގިނައިން ބޯ މީހުންގެ ވަރަށް ބޮޑު ޝަކުވާ އެކެވެ. ސައި ބުއިމުން ބަނޑުގައި ގޭސް އުފެދޭ މިންވަރު އިތުރުވެ އެވެ. އެންމެ ސައިތައްޓެއް ބޯލިޔަސް މޭ އަންދާތީ ބައެއް މީހުންނަށް އުޅެން ޖެހެނީ އެހެންވެ އެވެ.
ޚާއްސަކޮށް މާބަނޑު އަންހެނުން މާ ގިނައިން ސައި ބުއިމަކީ ވަރަށް ތަފާތު މައްސަލަތައް ނުކުމެދާނެ ކަމެކެވެ. ބައިގެން ދިއުމާއި ވިހާ ދަރިފުޅުގެ ބަރުދަން ލުއިވުން ފަދަ ކަންކަން ވެސް މެދުވެރިވެ އެވެ. އެހެންވެ މާބަނޑު ދުވަސްވަރު އެއްގޮތަކަށް ވެސް ސައި ނުބުއިމަށް ސިއްހީ މާހިރުން އިރުޝާދު ދެއްވަ އެވެ.