ހަބަރު

ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރުކުރާ ބިލު ހުށަހަޅައިފި

ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި، ސަރުކާރުގެ ފަރާތުން ޓޫރިޒަމާ ބެހޭ ގާނޫނަށް މުހިއްމު ގިނަ އިސްލާހުތަކެއް ހުށަހަޅައިފި އެވެ.

އަންނަ ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ވެސް އާމްދަނީ އިތުރުކުރާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އިސްލާހު ހުށަހެޅުއްވި މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމެވެ.

ޓޫރިޒަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރުވެގެން ދާނެ ކަމަށެވެ.

ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.

ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފައި އެވެ.

މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.

ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށު ނޫނީ ސިޓީ ކައުންސިލު ތަކަށް މި ބިލުގެ ތެރެއިން ވަނީ ފުރުސަތު ފަހިކޮށްދީފައި އެވެ.

އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފައި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

ނަމަވެސް، ބަޖެޓު ދިރާސާ ކުރަމުންދާ ކޮމިޓީން ވަނީ އެ އަދަދުތަކަށް ބައެއް ބަދަލުތައް ގެނެސްފައި އެވެ.

މިގޮތުން، ގިނަ މަޝްރޫއުތަކެއް އިތުރުކޮށް މިނިވަން މުއައްސަސާތަކާއި ބައެއް ސަރުކާރު އޮފީސްތަކުގެ ބަޖެޓު ބޮޑުކޮށްދޭން ކޮމިޓީން މިއަދު ނިންމުމުން، އަންނަ އަހަރުގެ ޖުމްލަ ބަޖެޓު ވަނީ 34.9 ބިލިއަން ރުފިޔާ އަށް އިތުރުވެފައި އެވެ.

ހަރަދުގެ އިތުރުން އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވާ 17.8 ބިލިއަން ރުފިޔާއަށް ވެސް ކޮމިޓީން ވަނީ ބަދަލުތަކެއް ހުށަހަޅައިފަ އެވެ.

އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހަޅާފައިވާ އާ ކަންތައްތަކުން ލިބޭނެކަމަށް ލަފާކޮށްފައިވާ 1.2 ބިލިއަން ރުފިޔާ އިތުރުކޮށްގެން، ޖުމްލަ އާމްދަނީ 3.3 ބިލިއަން ރުފިޔާ އިން އިތުރުކުރުމަށެވެ.

ޓޫރިޒަމުން ލިބޭ އާމްދަނީ އެއް ބިލިއަން ރުފިޔާ އަށް އިތުރުކުރުމާއި އާ ކަންތައްތަކުގެ ތެރެއިން ބިން ވިއްކައިގެން ލިބޭނެކަމަށް ލަފާކޮށްފައިވާ 300 މިލިއަން ރުފިޔާ، އެއް ބިލިއަނަށް އިތުރުކުރުމަށް ކޮމިޓީން ރޭ ވަނީ ފާސްކޮށްފައި އެވެ.

ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ބަޖެޓުގައި ޓޫރިޒަމުން ލިބޭ އާމްދަނީގެ އަންދާޒާތަކަށް ކޮމިޓީން ގެނައި ބަދަލުތައް ހިމެނޭނެކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވި އެވެ.

ދައުލަތުގެ ބަޖެޓަށް ބަދަލު އަންނާނެތީ، ޓޫރިޒަމްގެ ގާނޫނަށް ގެންނަ އިސްލާހުތައް ދިރާސާކޮށް ގޮތެއް ނިންމުމަށް، މުޅި މަޖިލީހުގެ ކޮމިޓީއެއް މިއަދު ބާއްވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައި އެވެ.

އަދި ބަޖެޓު ފާސްކުރުމުގެ ކުރިން، މި ބިލުގެ މަސައްކަތް ނިންމަންޖެހޭކަން އެމަނިކުފާނު މިއަދު ވަނީ ފާހަގަކުރައްވައިފަ އެވެ.