ވިޔަފާރި

ބީއެމްއެލް އިން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކޮށްފި

Nov 24, 2020

ބީއެމްއެލް އިން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ހިނގާބިނގާވެ، އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލް ޗެއާ ހަދިޔާ ކޮށްފި އެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި އިތުރު ދިރިއުޅޭ ހިނގާބިނގާވެ އުޅުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މޮޓޮރައިޒްޑް ވީލް ޗެއާ 65 ހަދިޔާ ކޮށްފައިވެ އެވެ. ބޭންކުން 2017 ވަނަ އަހަރު ފެށި މި ޕްރޮގްރާމުގެ އަމާޒަކީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ އަދި އަމިއްލައަށް މިފަދަ ވީލްޗެއާ ބޭނުން ކުރެވޭނެ ކޮންމެ މީހަކަށް ވީލްޗެއާ އެއް ހަދިޔާ ކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން މިހާތަނަށް 100 އަށް ވުރެ ގިނަ ވީލްޗެއާ ހަދިޔާ ކުރެވި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ވަނީ އެހީތެރިވެދީފައެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ މިފަދަ ހާއްސަ މޮޓޮރައިޒްޑް ވީލްޗެއާ ހަދިޔާކުރެވި، އެތަކެއް އާންމު ފަރުދުންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް ގެނައުމަށް އެހީތެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް ކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ގިނަ ފަރުދުންނަށް ވީލްޗެއާ ހަދިޔާކޮށް، އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ފުރިހަމަ ކުރުމަށް ފުރުސަތު ހޯދައިދިނުން. މިފަދަ ދަތި އުދަނގޫ ދަނޑިވަޅެއްގައިވެސް ވީލްޗެއާ ހަދިޔާ ކުރުމަށް އަޅުގަނޑުމެންގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރަން،" ޓިމް ވިދާޅުވި އެވެ.

ބޭންކުގެ އަމާޒަކީ މިއަހަރު ތެރޭގައި 39 ރަށަކަށް 65 މޮޓޮރައިޒްޑް ވީލް ޗެއަރ ހަދިޔާކުރުމެވެ. މި 65 ވީލްޗެއަރ އާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 140 އަށް ވުރެ ގިނަ ފަރުދުންނަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.