ޖޭއެސްސީ

ތިން ފަނޑިޔާރެއްގެ މައްސަލަ ބަލަނީ

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީ އެކުލަވާލައިފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ ތިން ފަނޑިޔާރަކާއި ގުޅޭގޮތުން އެ ކޮމިޝަނުން ބަލަން ނިންމި ސުލޫކީ މައްސަލަތަކެއްގެ ތަހުގީގު ކުރުމަށް ތަހުގީގު ކޮމެޓީ އެކުލަވާލުމަށް އެ ކޮމިޝަންގެ 79 ވަނަ ބައްދަލްވުމުގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ތަހުގީގު ކުރަން ނިންމާފައިވަނީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަހުމަދު އަކްރަމް ބެއްލެވި މައްސަލައެއް ހިންގުމުގައި އެކަށީގެންނުވާ މިންވަރަށް ލަސްވެފައިވާ ކަމަށް ބެލެވޭ މައްސަލައަކާއި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލީ އާދަމް، ޖަމިއްޔާއެއް އުފައްދާ އެ ޖަމިއްޔާގެ ހަރަކާތްތައް ރާއްވާ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވާ ކަމަށް ބުނާ މައްސަލައަކާއި މުޒާހަރާތަކުގައި ބައިވެރިވެ ޝުއޫރުފާޅުކޮށް ސޯޝަލް މީޑިއާގައި ފަނޑިޔާރަކު ހިއްސާކޮށްގެން ނުވާނެ ހިޔާލުތައް ފާޅުކުރި ކަމަށް ބުނާ މައްސަލައެއްގެ އިތުރުން ތ. ކަނޑޫދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފް، ގާނޫނު ހުއްދަކުރާ މިންވަރަށްވުރެ ގިނައިން ކުޑަކުދިން އަރުވައިގެން ސައިކަލް ދުއްވާ ކަމަަށް ބުނާ މައްސަލައެކެވެ.