ޓޫރިޒަމުން ދައުލަތަށް ލިބޭ އާމްދަނީ އިތުރު ކުރުމަށް ސަރުކާރުގެ ފަރާތުން ޓޫރިޒަމާބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ރާއްޖޭގައި އޮޕަރޭޓްކުރާ ރިސޯޓު އޯނަރުންގެ ތާއީދު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަދި މަޖިލީހުގެ ހައުސް މެޖޯރިޓީ ލީޑަރު އަލީ އާޒިމް އިއްޔެ ހުށަހެޅުއްވި ޓޫރިޒަމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހަޅުއްވަމުން އާޒިމް ވިދާޅުވީ މި އިސްލާހުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުން ދައުލަތަށް ލިބޭ އާމްދަނީ އެތައް ގުނައެއް އިތުރު ވެގެން ދާނެ ކަމަށެވެ.
ގާނޫނަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ، ގާނޫނީ ބާރު ލިބިގެން އިންޓިގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ މަގު ހުޅުވިގެން ދިއުމެވެ.
ޖުމްލަ ގޮތެއްގައި 20 އިސްލާހެއް ހިމެނޭ ބިލުގައި، ޕްރައިވެޓް އައިލެންޑް ތަރައްގީ ކޮށްގެން، ސެކަންޑް ހޯމްގެ ގޮތުގައި ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދޫކުރުމާއި، ރިސޯޓާއި ގެސްޓް ހައުސް ފަދަ ތަންތަން ހިންގާ ފަރާތްތަކުން، ހެޑް ލީސްގެ މުއްދަތަށް ކޮޓަރިތަކާއި ބިންތައް އެކި ފަރާތްތަކަށް ވިއްކާލުމުގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ.
އަދި ރިސޯޓު ތަރައްގީ ކުރަން ދޫކޮށް، ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގައި ހައްލު ތަކެއް ވަނީ ހޯދައިދީފައި އެވެ.
ސަރުކާރުގެ ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިންޓިގްރޭޓެޑް ޓޫރިޒަމާއި، ރިސޯޓާއި ގެސްޓްހައުސް ފަދަ ތަންތަން ކަނޑައެޅުމުގެ ބާރު ސީދާ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދީފައި އޮތް ނަމަވެސް، ބިނާވެށި ޕްލޭންގެ ދަށުން ވަކި ރަށްތަކުގައި ޓޫރިޒަމަށް ބިން ކަނޑައެޅުމާއި ބިން ދޫކުރުމުގެ ބާރު ރަށާއި ބސިޓީ ކައުންސިލު ތަކަށް ދީފައި ވެއެވެ. އަދި މާލެ ނޫން ސަރަހައްދުތަކުން ޓޫރިޒަމަށް ދޫކޮށްފައިވާ ރަށްތަކާއި، ފަޅުތަކާއި، ބިންތަކާއި ސަފާރީ ފަދަ އުޅަނދު ތަކުން ދައުލަތަށް ދައްކަންޖެހޭ ކުއްޔަށް ވެސް މި ބިލުން ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ނަޝީދު ވިދާޅުވީ ސަރުކާރުން ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކާމެދު ގިނަ ބައެއްގެ ޝައުގުވެރިކަން ބޮޑު ކަމަށެވެ.
މިގޮތުން، އެ އިސްލާހުތަކަށް ތާއީދު އޮތް ކަމަށް ބުނެ ގިނަ ބަޔަކު އެމަނިކުފާނަށް "ހާޓް" ފޮނުވަމުންދާ ކަމަށާއި، އޭގެ ތެރޭގައި ރިސޯޓު އޯނަރުން ވެސް ހިމެނޭ ކަމަށެވެ.
ނަޝީދު މިހެން ވިދާޅުވެފައި ވަނީ، ކޮވިޑް-19 އިގެ ހާލަތުގައި މުޅި ދުނިޔެ ތަހައްމަލު ކުރަމުންދާ އިގުތިސޯދީ ހީނަރު ކަމުގެ ތެރެއިން ރާއްޖޭގައި އިންވެސްޓު ކުރެވޭނީ ކޮން އިންވެސްޓަރުންނަކަށްތޯ އިދިކޮޅުން ސުވާލު އުފައްދާފައި ވަނިކޮށެވެ.
"މި ތަނަށް މިއޮތީ ރަތްކާޑު ދައްކާފައި. މިތަނަށް އިންވެސްޓުކޮށްގެން އެ އިންވެސްޓުމެންޓުގެ ރިޓާން ލިބޭނެ ހަމަ އެއްވެސް ގޮތެއް ބޭރުގެ އިންޓަނޭޝަނަލް އިންވެސްޓަރަކަށް ފެންނާކަށް ނެތް،" ބައިނަލްއަގުވާމީ ކްރެޑިޓް އޭޖެންސީ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދާދި ފަހުން ދަށްކުރި ކުރުމަށް އިޝާރާތް ކުރައްވަމުން ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް އިއްޔެ ކުރިއަށް ދިއަ ބަހުސްގެ ތެރެއިން ވިދާޅުވެފައިވެ އެވެ.
އެ ބިލު ދިރާސާކުރުމަށް މިއަދު 11:00 މުޅި މަޖިލީހުގެ ކޮމިޓީއެއް ތާވަލުކޮށްގެން، އެ ބިލުގެ މަސައްކަތް ނިންމަން އަމާޒު ހިފާފައިވާއިރު، އެ އިސްލާހުތަކާމެދު އިއްޔެގެ ބަހުސްގައި ވެސް ބައެއް މެންބަރުން ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
މިގޮތުން، ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވި، އާޒިމްވެސް ވަނީ އެ ބިލުގައި ހިމެނޭ ބައެއް އިސްލާހު ތަކާމެދު ފާޑުވިދާޅުވެފައި އެވެ.
އާޒިމް ވިދާޅުވި ގޮތުގައި ގާނޫނީ ބާރު ލިބިގެން އިންޓެގްރޭޓަޑް ޓޫރިޒަމް ޕްރޮޖެކްޓުތައް ހިންގައިގެން ތަރައްގީ ކުރާ ރަށްތަކާއި ފަޅުތައް، ވިޔަފާރި އުސޫލުން އެހެން ފަރާތްތަކަށް ވިޔަފާރި ކުރުމުގެ ފުރުސަތު މި ބިލުގެ ދަށުން ލިބޭނެ ކަމަށް އޮތް ނަމަވެސް، އާއްމު ފަރާތްތަކަށް އެ ވިޔަފާރިތަކުގެ ތެރެއަށް ވަދެވިގެންދާނެ މަގެއް ސާފުކޮށް ފެންނަންނެތް ކަމަށެވެ.
މީގެ އިތުރުން، ރިސޯޓު ތަރައްގީ ކުރަން މިހާރު ދޫކޮށް، ނަމަވެސް ރިސޯޓު ނުހެދި ހުރި ރިސޯޓުތަކަށް ވެސް މި ބިލުގެ ޒަރިއްޔާ އިން ހައްލު ތަކެއް ހިމަނައިފާވީ ނަމަވެސް، އެކަމާވެސް އާޒިމް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.
މިގޮތުން، 2012 ވަނަ އަހަރުން ފެށިގެން 85 ރިސޯޓެއް ތަރައްގީ ނުކުރެވި ވާއިރު، ގާނޫނު އިސްލާހުކުރާ ގޮތުން އެ ރިސޯޓުތައް ދެންވެސް ތަރައްގީކޮށް ނިންމޭނެ ކަމާމެދު އޭނާ ވަނީ ސުވާލު އުފައްދައިފަ އެވެ.
"މީގެ ތެރެއަށް މި ވަދެވެނީ އަނެއްކާވެސް އެއް މިލިއަން ޑޮލަރު ދީފައި. މިހާރުވެސް 85 ރަށެއް ފައިސާ ނެތިގެން ނެހެދި އޮއްވާ މީގެ ތެރެއަށް މިވަދެވެނީ އެއް މިލިއަން ޑޮލަރު ދައްކާފައި ކަމަށްވާނަމަ މީގެ މަގުސަދެއް ހާސިލެއް ނުވޭ،" އާޒިމް ވިދާޅުވި އެވެ.
މި ބިލުގައި ހިމެނޭ އިސްލާހުތަކަށް މަގުފަހި ކުރުމަށްޓަކައި، ސަރުކާރުން ކަނޑައަޅާ ވިޔަފާރިއަކަށް 250،000 އެމެރިކާ ޑޮލަރު އިންވެސްޓް ކުރާ ފަރާތްތަކަށް ކޯޕަރޭޓް ރެޒިޑެންޓް ވިސާ ދޭގޮތަށް އިމިގްރޭޝަންގެ ގާނޫނުވެސް މި މަހު ކުރީ ކޮޅު ވަނީ އިސްލާހުކޮށްފި އެވެ.