ފިނިޕޭޖް

އައިވީއެފް ހަދައިގެން ދަރިން ހޯދީ ތައްޔާރު ވެގެން: ފަރާ

ފިލްމު ޑައިރެކްޓަރު އަދި ކޯރިއޯގްރާފަރު ފަރާ ޚާން އުމުރުން ވަރަށް ދުވަސް ވުމުން ދަރިން ހޯދި ސަބަބު ކިޔައި ދީފި އެވެ. ސޯޝަލް މީޑިއާގައި ފަރާ ޝެއާ ކުރި އޯޕަން ލެޓާ އެއްގައި އޭނާ ބުނެފައިވާ ގޮތުގައި އުމުރުން 43 އަހަރުގައި އައިވީއެފް ހަދައިގެން ދަރިން ހޯދަން އޭނާ ގަސްތުކުރީ ދަރިން ހޯދަން އޭނާ ބޭނުންވީ އޭރު ކަމަށް ވާތީ އެވެ.

ފަރާ މި ސިޓީ ޝެއާ ކުރީ ސޮނީ ޓީވީން އަލަށް ފަށާ ޝޯ އެއް ކަމަށްވާ "ސްޓޯރީ ނައިން މަންތްސް ކީ" ޕްރޮމޯޓް ކުރުމުގެ ގޮތުންނެވެ.

ފަރާ އަށް އެފަހަރު ލިބުނީ އެއްމާބަނޑު ތިން ބޭންނެވެ. އެއީ ދެ އަންހެންކުދިންނާއި ފިރިހެން ކުއްޖެކެވެ. ފަރާގެ ތިން ދަރިން ކަމަށްވާ އަންޔާ، ދީވާ އަދި ސިޒާ އަށް މިހާރު 12 އަހަރެވެ.

ފަރާ ބުނި ގޮތުގައި ސޮސައިޓީގެ މީހުން ދައްކާ ވާހަކަ އަޑުއަހާކަށް އޭނާ އެއް އިރެއްގައި ވެސް ބޭނުމެއް ނުވެ އެވެ. އެހެންވެ ދަރިން ހޯދީ ވެސް ކޮންމެހެން މީހުން ކިޔާ އަދި ކިޔާފާނެ އެއްޗަކަށް ބަލައިގެނެއް ނޫނެވެ. އޭނާ އެކަމަށް ތައްޔާރުވީމަ ހޯދީ އެވެ.

"ދަރިއެއް، އަންބެއް އަދި މަންމައެއްގެ ހައިސިއްޔަތުން އަހަރެންނަށް ވަރަށް ގިނަ ކަންކަން ކުރަން ޖެހުނު. އެއީ ކޯރިއޯގްރާފަރަކަށް ވުން ކަމަށް ވިޔަސް ފިލްމު ޑައިރެކްޓްކުރުން ކަމަށް ވިޔަސް ފިލްމު ޕްރޮޑިއުސްކުރުން ކަމަށް ވިޔަސް އަހަރެން އަމިއްލައަށް އެ އިރެއްގައި ކަންކަން ކުރާނެ ގޮތް ނިންމަނީ،" ފަރާ ބުންޏެވެ.

އުމުރުން މާ ދުވަސްވީމަ ދަރިން ހޯދައިގެން މުޖުތަމައުގެ ގިނަ ބަޔަކު އޭނާއަށް މަލާމާތްކުރިކަން އަދި މިހާރުވެސް ކުރާކަން ފަރާ އަށް އެނގެ އެވެ. އޭނާ މިފަދަ ސިޓީއެއް ލިޔުނު ސަބަބަކީ އޭނާއަށް ފާޑުކިޔާ މީހުންނަށް ޖަވާބު ދިނުމެވެ.
ފަރާ ބުނި ގޮތުގައި މީހުން ކިޔާފާނެ އެއްޗަކަށް އޭނާ ނުބަލަ އެވެ. އަދި އެމީހުން އެބުނާ ގޮތަށް ދަރިން ހޯދާނެ ވަކި އުމުރެއް އޮންނަ ކަމަކަށް އޭނާ ގަބޫލެއް ނުކުރެ އެވެ.

"މިއަދު އަހަރެންނަކީ ތިން ދަރިންގެ މަންމައެއް. އެއީ އަހަރެން އެކަމަށް ތައްޔާރުވެގެން ހޯދި ކުދިން. މި ޒަމާނުގައި ސައިންސްގެ ރޮނގުން ދުނިޔެއަށް ލިބިފައިވާ ބޮޑު ކުރިއެރުމުގެ ސަބަބުން އުމުރުން ދުވަސްވިޔަސް ދަރިން ހޯދާކަށް މާ އުނދަގުލެއް ނޫން،" ފަރާ ބުންޏެވެ.