ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މަގުތިވާ މީހުން ގިނަވާތީ އަލުން ވަގުތީ ހިޔާ ހަމަޖައްސައި ދެނީ

Nov 25, 2020
1

ފަހަކަށް އައިސް މާލޭގައި މަގުމަތިވެފައިވާ މީހުން އަދަދު ގިނަވަމުންދާތީ، އެފަދަ މީހުނަށް ވަގުތީ ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން އަލުން ފަށައިފި އެވެ.

ކޮވިޑް-19 އިގެ ހާލަތުގައި މިދިޔަ އޭޕްރީލް މަހު މާލޭ ސަރަހައްދަށް އިއުލާނުކުރި ލޮކްޑައުނާ ގުޅިގެން، އާމްދަނީ ލިބުން ހުއްޓި، މަގުމަތިވި މީހުންނަށް ވަގުތީ ހިޔާ ހަމަޖައްސައިދިނުމުގެ ޕްރޮގްރާމެއް ސަރުކާރުން ކުރިއަށް ގެންދިއަ އެވެ. އޭރު 500 އަށް ވުރެ ގިނަ ފަރާތްތަކަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ސަރުކާރުން ވަނީ ފޯރުކޮށްދީފައި އެވެ.

ނަމަވެސް، އެ މަސައްކަތް ސަރުކާރުން ވަނީ މިދިޔަ އޯގަސްޓު މަހުން ފެށިގެން ހުއްޓާލައިފަ އެވެ.

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަނެއްކާވެސް މާލޭގައި މަގުމަތިވެފައިވާ މީހުން ގިނަވަމުންދާތީ ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކުރަމުންދާ ކަމަށެވެ.

އެއާއެކު، ހޯމް މިނިސްޓްރީ އާ ގުޅިގެން މާލޭގައި މަގުމަތިވެފައިވާ މީހުނަށް ބޯހިޔާވަހިކަމާއި ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އަލުން ކުރިއަށް ގެންދަން ނިންމާފައިވާކަމަށް މިނިސްޓަރު ހާމަކުރެއްވި އެވެ.

އަދި އެންސްޕާއާ ގުޅިގެން، ވަޒީފާ ގެއްލި އާމްދަނީ ލިބުން ދަތިވެފައިވާ ކުޑަކުދިން ތިބި އާއިލާތަކަށް އަނބުރާ ރަށަށް ދިއުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މަސައްކަތްކުރަމުންދާކަމަށް އައިޝާ އިތުރަށް ވިދާޅުވި އެވެ.

ޖެންޑާ މިނިސްޓްރީ މިގޮތަށް ވިދާޅުވެފައިވަނީ މިސްކިތްތަކުގައި މީހުން ނިދާ ކައިބޮއި ހަދާ ކަމުގެ ޝަކުވާ ލިބޭތީ އެކަން ހައްލު ކުރުމަށް ކޮމިޓީ އެއް އެކުލަވާލެވިފައިވަނިކޮށެވެ.

ހޯމް މިނިސްޓްރީން އިއްޔެ ބުނީ، މާލޭސިޓީގައި ބޯހިޔާވަހިކަމެއް، އަޅާލާނެ ބަޔަކު ނެތި މަގުމަތިވެފައިވާ ފަރާތްތަކުން ބައެއް މިސްކިތްތަކުގައި ފެންވަރައި، ނިދާ ކައިބޮއި ހަދާކަމުގެ ޝަކުވާ އެ މިނިސްޓްރީ އަށް ލިބޭ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ގުޅުންހުރި ދާއިރާތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

މި މަސައްކަތް ހައްލުކުރުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެކުލަވާލެއްވި ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ހޯމް މިނިސްޓްރީގެ އިތުރުން، ޖެންޑާ އާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ސިޓީ ކައުންސިލާއި ފުލުހުންނެވެ.

އިތުރަށް ބުނީ، ހޯމް މިނިސްޓްރީން އިސްވެ އެކަމަށް ހައްލެއް ހޯދަން މަސައްކަތް ފެށީ އޭގެތެރެއިން ގިނަ ފަރާތްތަކަކީ ކުށުގެ ރެކޯޑް އޮންނަ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައްކަމުގައި ފާހަގަކުރެވޭތީ ކަމަށެވެ.