ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

"އިންތިހާބުގެ މަސައްކަތް ފެށުމަށް ޑިސެންބަރު 15 ގައި ހުއްދަދޭން ޖެހޭ"

ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް މަސައްކަތް ކުރަމުންދާއިރު އެ މުއްދަތުގައި އިންތިހާބު ބޭއްވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީގެން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ މުޅި ދުނިޔޭގައިވެސް މިހާރު ފެތުރެމުންދާ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުން ވަނީ ހައްލު ހޯދާދީފައެވެ. އަދި އަހަރު ދުވަހުގެ މުއްދަތު ކައުންސިލް އިންތިހާބު ބޭއްވުމަށް ފަހިކޮށްދީފައިވެއެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވީ އިންތިހާބުގެ މަސައްކަތް ފެށުމަށްފަހު ވަކި ތާރީހުތަކެއްގައި ކުރަން ލާޒިމް ކަންކަން ހުންނަ ކަމަށެވެ. އެ ގޮތުން ވޯޓާސްލިސްޓް ވަކި މުއްދަތެއްގައި އާންމު ކުރުމާއި ޝަކުވާ ހުށައެޅުމުގެ ފުރުސަތު ދިނުމާއި ކެންޕެއިން ކުރަން ފުރުސަތު ދިނުން ހިމެނޭ ކަމަަށެވެ.

މިހާރު ގަވާއިދު އޮތް ގޮތުން މެއި މަހުގެ ނުވަވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެ ކަމަށާ އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ މާޗް މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވުމަށް ކަމަށެވެ. އެ ނިންމުން ނިންމީ ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބުގެ ކަންކަން ނިންމަން ކަމަށެވެ. އަދި މާޗް މަހުގެ 20 ވަނަ ދުވަހު ރަސްމީ ނަތީޖާ އިއުލާނުކޮށް އިންތިހާބުގެ ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގެ ވޯޓް ނެގުމުގެ 45 ދުވަސް ކުރިން ވޯޓާސް ލިސްޓް އާންމު ކުރަން ޖެހޭއިރު އަދި މިހާރު ކަނޑައަޅާފައި އޮތް ތާރީހުގައި އިންތިހާބު ބާއްވާނަމަ ވޯޓާސް ލިސްޓަށް ޝަކުވާ ހުށައެޅުމުގެ ފުރުސަތު ޖެނުއަރީ މަހުގެ ތިންވަނަ ދުވަހުގެ ކުރިން ހުޅުވާލަން ޖެހޭ ކަމަަށެވެ. އަދި އިންތިހާބުގެ މަސައްކަތަށް ބޭނުންވާ މުވައްޒިފުން ހޯދުމަށްވެސް 90 ދުވަސް ބޭނުންވާ ކަމަށެވެ. އެހެން ކަމުން އެކަންކަން ކުރެވޭނީ އަންނަ މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންތިހާބުގެ މަސައްކަތް ފެށުމުގެ ހުއްދަ ދީގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި މިހާރު ގާނޫނުގައި ބުނާ މުއްދަތަށް ބަލާނަމަ 15 ޑިސެންބަރުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާނު ނުކުރިކަމުގައިވިޔަސް އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެ ކަމަށް އިއުލާނު ކޮށްދޭން ޖެހޭނެ،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބަލިމަޑުކަމުގެ ތެރޭގައި އިންތިހާބެއް ބޭއްވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށެވެ. އެ ގޮތުން ކަރަންޓީންގައި ތިބޭ މީހުންނާއި ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންނަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސަންވެސް ޖެހޭނެ ކަމަށެވެ. އަދި ގައިދުރުކަމަށް އިސްކަން ދޭނަމަ ކޮންމެ ވޯޓްފޮށްޓަކަށް ވޯޓް ދެވޭ މީހުންގެ އަދަދު މަދު ކުރަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

2021 ގެ އިންތިހާބުގަައި ބެހެއްޓުމަށް ނިންމާފައިވަނީ 532 ވޯޓް ފޮށި ނަމަވެސް ގައިދުރުކަމަށް އިސްކަން ދޭން ޖެހިއްޖެނަމަ އެ އަދަދު އިތުރުވާނެ ކަމަށެވެ.

"ޕެންޑަމިކް ތެރޭގައި އިންތިހާބު ބާއްވަން ޖެހިއްޖެ ހާލަތެއްގައި ކުރިމަތިވާނެ އުނދަގޫތައް އެބަހުރި،"

ޝަރީފް ވިދާޅުވީ އެންމެ މުހިންމީ ޑިސެންބަރު 15 ގެ ކުރިން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެތް ކަމަށް އިއުލާނު ކުރުން ކަމަށެވެ. ނަމަވެސް އެ ފުރުސަތު ނެތް ނަމަ އިންތިހާބުގެ ކަންކަން ފެށުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. ޝަރީފް ވިދާޅުވީ ކެންޑިޑޭޓުންނަށް ކެންޕެއިން ކުރުމަށް އެންމެ ފުޅާ ދާއިރާއެއްގައި ފުރުސަތު ދޭން ޖެހޭ ކަމަށާ އެހެން ކަމުން މާލޭގައި ހުރި ކެންޑިޑޭޓަކަށްވެސް އެ މީހަކު ވާދަކުރާ ރަށްރަށައް ގޮސް ކެންޕެއިން ކުރުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެ ކަމަށެވެ.

ޝަރީފް ވަނީ އިންތިހާބު ގަނޑުބަނޑު ކުރުމުގެ ފުރުސަތު ނުދެއްވުމަށް މެންބަރުންގެ އަރިހުގައި އެދިވަޑައިގެންފައެވެ.