ހަބަރު

މިހާތަނަށް ނަން ނެގީ 86 ކެންޑިޑޭޓުން

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަ ކުރަން ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް 86 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ އިއްޔެ ނިޔަލަށް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ހުށައެޅި ކެންޑިޑޭޓުންގެ ތެރެއިން 86 ކެންޑިޑޭޓަކު ނަން ނަގާފައިވާ ކަމަށެވެ.

އެއީ ކައުންސިލް އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 59 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 27 ކެންޑިޑޭޓުންނެވެ. އޭގެ ތެރޭގައި ހިމެނެނީ އެމްޑީޕިގެ 41 ކެންޑިޑޭޓަކާއި ޕީޕީއެމްގެ 12 ކެންޑިޑޭޓެއްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ހަ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރަން ފޯމް ހުށައެޅި 27 ކެންޑިޑޭޓެކެވެ.

މިހާތަނަށް ގޮތެއް ނުނިމި ބައެއް ފޯމްތައް އެބަހުރި ކަމަަށްވެސް އެ ކޮމިޝަނުން ބުންޏެވެ.

އިތުރު ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ ބައެއް މަގާމުތަކަށް ބައެއް މަގާމުތަކަށް ކައުންސިލަރުން ވަނީ އިންތިހާބު ވެސް ވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހދ. ވައިކަރަދޫ ކައުންސިލްގެ ރައީސް ކަމާއި ނ. ކުޑަފަރީ ކައުންސިލްގެ ރައީސް ކަމާއި ނ. ކުޑަފަރީ ކައުންސިލްގައި އަންހެނުންނަށް ހާއްސަ ކުރި ދެ ގޮނޑި އާއި ނ. މާފަރު ކައުންސިލްގެ ރައީސް ކަމާއި ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމާއި ދ. ރިނބުދޫ ކައުންސިލްގެ ރައީސް ކަމާއި ހިތަދޫ ބޭރުމަތި އަންހެންނަށް ހާއްސަ ކޮށްފައިވާ ގޮނޑި އާއި ގަލޮޅު އުތުރުގެ ކައުންސިލް މެންބަރުގެ މަގާމާއި އއ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ކަމާއި އއ. މާޅޮހު ކައުންސިލްގެ ރައީސް ކަމާއި އއ. މާޅޮހު ކައުންސިލް މެންބަރު ކަމުގެ ދެ ގޮޑި އާއި އއ. ހިމަންދޫ ކައުންސިލްގައި އަންހެންނަށް ހާއްސަ ކުރި ދެ ގޮނޑި އެވެ. އެ މަގާމުތަކަށް މެންބަރުން އިންތިހާބުވެފައިވާކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ރަސްމީކޮށް އިއުލާނު ވެސް ކޮށްފައެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ތެރެއިން ނ. ކުޑަފަރީ އާއި ފ. ބިލެއްދޫ އާއި އދ. އޮމަދޫ އާއި އދ. ދަނގެތި އާއި ވ. ތިނަދޫ އާއި ފ. ބިލެއްދޫ އާއި ތ. ބުރުނި އާއި ގދ. ދެއްވަދޫ އާއި ފުވައްމުލަކު ހުޅަނގު އުތުރުގެ އިތުރުން މަރަދޫ ދާއިރާ އާއި ފޭދޫ ދާއިރާ އާއި މައްޗަށް ގޮޅީ އުތުރު ދާއިރާ އާއި މައްޗަށް ގޮޅީ މެދު ދާއިރާ އާއި މައްޗަށް ގޮޅީ ދެކުނު ދާއިރާ އާއި މާފަންނު މެދު ދާއިރާ އާއި މާފަންނު އުތުރު ދާއިރާ އާއި ހެންވޭރު އުތުރު ދާއިރާ އާއި ހެންވޭރު ހުޅަނގު ދާއިރާ އާއި ގަލޮޅު މެދު ދާއިރާ އާއި ގަލޮޅު ދެކުނު ދާއިރާ އަދި ގަލޮޅު އުތުރު ދާއިރާގެ އިންތިހާބު ބާއްވަން ނުޖެހެ އެވެ.

އެއީ އެ ދާއިރާތަކުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ކުރިމަތިލާފައި ވަނީ އިންތިހާބު ކުރުމަށް ހަމަޖެހިފައިވާ އަދަދަށް ކަމަށް ވާތީ އެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.

މީގެ އިތުރުން ތިން ރަށެއްގައި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކަށް އިންތިހާބު ކުރަންޖެހޭ އަދަދަށް ކެންޑިޑޭޓުން ކުރިމަތިލާފައެއް ނުވެއެވެ. އެއީ ނޮޅިވަރަމް އާއި ދިއްފުށި އަދި ފެރިދޫ އެވެ. ނޮޅިވަރަމް އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް ހަތަރު ކެންޑިޑޭޓަކު އަދި ދިށްފުށި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށްވެސް ހަތަރު ކެންޑިޑޭޓަކު ކުރިމަތިލާފައިވާއިރު ފެރިދޫ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް ކުރިމަތިލާފައިވަނީ އެންމެ ކެންޑިޑޭޓެކެވެ. އެހެން ކަމުން އެ ކެންޑިޑޭޓުންވެސް ވަނީ ވޯޓަކާ ނުލައި އިންތިހާބުވެފައެވެ.

އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީއަށް އެއްވެސް މެންބަރަކު ކުރިމަތިނުލާ ދެ ރަށެއްވެސް އެބައޮތެވެ. އެއީ އާބާދީ ކުޑަ ދެ ރަށް ކަމަށްވާ ވ. ރަކީދޫ އާއި މ. ރަތްމަންދޫއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުވެފައިވާ ކަމަށް އިއުލާނުކޮށްފައިވަނިކޮށް އެމްޑީޕީގެ ކެންޑިޑޭޓަކު ނަން އަނބުރާ ގެންދަން ބޭނުންވެގެން ހުށައެޅި ކަމަށެވެ. ނަމަވެސް އިންތިހާބުވެފައިވަނިކޮށް ނަން އަނބުރާ ނުގެންދެވޭނެ ކަމަށް އެ ފަރާތަށް އަންގާފައިވާ ކަމަށެވެ.